މޯލްޑިވްސް ކަސްޓަމްސް ސަރވިސް ހިނގަމުންދާނީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މިނިސްޓަރެއްގެ ބެއްލެވުމުގެ ދަށުން ކަމަށް، ރައީސުލްޖުމްހޫރިއްޔާ މިއަދު ތަޞްދީޤު ކުރެއްވި "ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނު"ގައި ބަޔާންކޮށްފައިވުމާއެކު، އެބޭފުޅަކީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަޙްމަދު އިނާޒް ކަމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ކަނޑައަޅުއްވައިފިއެވެ.
ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުގައިވާ ގޮތުން، މިނިސްޓަރުގެ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ރާއްޖޭގެ ރަސްމީ ބަނދަރުތަކުގައި، ކަސްޓަމްސްގެ ސަރަޙައްދުތައް ކަނޑައެޅުމާއި، ކަސްޓަމްސްއިން ޚިދްމަތްދޭ ތަންތަން ކަނޑައެޅުމާއި، ކަސްޓަމްސްގެ ޚިދްމަތާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުން ހިމެނެއެވެ. އަދި ކަސްޓަމްސްގެ ޚިދްމަތުގެ ފެންވަރު މަތިކޮށް ދެމެހެއްޓުމުގެ ގޮތުންނާއި، އެ މުއައްސަސާ ޖަވާބުދާރީ ކުރުވުމަށްޓަކައި އެކުލަވައިލަންޖެހޭ ގަވާއިދުތަކާއި، އުޞޫލުތަކާއި، ނިޒާމްތައް އެކުލަވާލުމާއި، އެކަންކަމާ ގުޅޭގޮތުން ނެރެންޖެހޭ އަމުރުތައް ނެރުމާއި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އެންމެހާ ކަންކަމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުންވެސް ހިމެނެއެވެ.