މިދިޔަ އޭޕްރިލް މަހުގެ 25 ވަނަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 21 ވަނަ ޖަލްސާއިން ފާސްކުރެއްވި [ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ބިލް] ރައީސުލްޖުމްހޫރިއްޔާ މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. ތަޞްދީޤު ކުރެއްވުމާ ގުޅިގެން، މި ޤާނޫނު، ދިވެހި ސަރުކާރުގެ ގެޒެޓްގައި މިއަދު ޝާއިޢު ކުރައްވައިފިއެވެ.

މި ޤާނޫނަކީ [މޯލްޑިވްސް ކަސްޓަމްސް ސަރވިސް]ގެ ނަމުގައި ދައުލަތުގެ މުއައްސަސާއެއް އުފައްދައި، އެ މުއައްސަސާގެ މަޤްޞަދުތަކާއި، ބާރުތަކާއި، މަސްއޫލިއްޔަތުތަކާއި، އިމްތިޔާޒުތައް ބަޔާންކޮށް، ދިވެހިރާއްޖޭގެ ކަސްޓަމްސާބެހޭ އެންމެހާ އުޞޫލުތަކާއި، އިޖުރާއަތުތައް ކަނޑައެޅުމުގެ ޤާނޫނެވެ.

މި ޤާނޫނުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ނިޒާމަކީ، ހަރުދަނާ އުޞޫލަކުން ހިންގާ ނިޒާމެއް ކަމަށް ހެދުމާއި، [މޯލްޑިވްސް ކަސްޓަމްސް ސަރވިސް]ގެ ނަމުގައި ވަކި ޚިދްމަތެއް އުފައްދައި، އެ ޚިދްމަތް ހިންގަމުން ގެންދާނެ އުޞޫލުތައް ކަނޑައެޅުމާއި، ދިވެހި ދައުލަތުގެ އާމްދަނީއާއި، މުޖްތަމަޢުގެ ޙައްޤުތަކަށް ރައްކާތެރިވެ ތިބެ، ދިވެހިރާއްޖެއަށް އަންނަ މީހުންނާއި، އުޅަނދުފަހަރާއި، އެތެރެކުރާ މުދަލާއި، ދިވެހިރާއްޖެއިން ފުރާ މީހުންނާއި، އުޅަނދުފަހަރާއި، ބޭރުކުރާ މުދަލާ ގުޅޭ ކަންތައްތައް ހިންގައި ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާ ކުރުން ހިމެނެއެވެ. އަދި ޤާނޫނާއި ގަވާއިދާ ޚިލާފު ތަކެތި އެތެރެވުމާއި، ބޭރުވުން ހުއްޓުވުމަށްޓަކައި، ރާއްޖެއިން ބޭރުން ރާއްޖެއަށް އަންނަ އުޅަނދުފަހަރާއި، ރާއްޖެއިން ފުރާ އުޅަނދުފަހަރު، ޚާއްޞަ ގޮތެއްގައި ބަލައި ފާސްކުރުމާއި، ރާއްޖެއަށް އަންނަ އަދި ރާއްޖެއިން ފުރާ މީހުންނާއި، ރާއްޖެއަށް ގެންނަ އަދި ރާއްޖެއިން ގެންދާ ތަކެތީގެ ތެރެއިން ޝައްކު ކުރެވޭ ތަކެއްޗާއި މީހުން ބަލައި ފާސްކުރުމާއި، ރަސްމީ ވިޔަފާރި ބަނދަރުތަކުގައި ކަސްޓަމްސްގެ ކޮންޓްރޯލް ހަރުދަނާ ކުރުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް މަގުފަހިކުރުން ހިމެނެއެވެ. ހަމައެއާއެކު، ކަސްޓަމްސްއާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި، ޢަމަލުކުރެވޭ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ކަސްޓަމްސްގެ އިޖްރާއަތުތައް ލުއިކޮށްދީ، އެ އިޖްރާއަތުތަކަށް ޢަމަލު ކުރުމަށް މަގުފަހިކޮށްދިނުންވެސް މި ޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މި ޤާނޫނުގައިވާ ގޮތުގެ މަތިން، މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގައި ކަސްޓަމްސްގެ ޚިދްމަތްދީ، ކަމާގުޅޭ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި، [މޯލްޑިވްސް ކަސްޓަމްސް ސަރވިސް]ގެ ނަމުގައި ޔުނިފޯމް އެޅި މުއައްސަސާއެއް އުފެދުނީއެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަކީ ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ، މަދަނީ ޚިދްމަތެކެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސް ހިނގަމުންދާނީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މިނިސްޓަރެއްގެ ބެލުމުގެ ދަށުންނެވެ. ކަސްޓަމްސްގެ ވާޖިބުތަކާއި، މަސްއޫލިއްޔަތުތައް އަދާކުރުމުގެ އެންމެހާ ކަންތައްތައް ރާވައި، ކަސްޓަމްސްގެ ކަންކަން ދުވަހުން ދުވަހަށް ހިންގައި ބަލަހައްޓާނެ އެންމެ އިސް ފަރާތަކީ، ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްއެވެ. ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޢައްޔަން ކުރައްވައި ވަކިކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

މިޤާނޫނުގައިވާ ގޮތުން ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަނެއް އުފެދޭނެއެވެ. މިކޮމިޝަނަކީ ކަސްޓަމްސް މުވައްޒަފުންގެ މެދުގައި ޤާނޫނާއި ގަވާއިދަށް ޙުރްމަތްތެރިކޮށްހިތުން އިތުރުކުރުމަށާއި، ކަސްޓަމްސް މުވައްޒަފުންގެ ތެރޭގައި ހިނގާ ޤާނޫނާއި ގަވާއިދާ ޚިލާފު ޢަމަލުތައް، މިނިވަންކަމާއެކު ތަޙްޤީޤުކޮށް، ޤާނޫނާ އެއްގޮތަށް ފިޔަވަޅު އެޅުމަށާއި، ކަސްޓަމްސް މުވައްޒަފުން ވަޒީފާ އަދާކުރުމުގައި ބޭނުންވާނެ ޤާނޫނީ ރައްކާތެރިކަން ލިބިދިނުމަށާއި، ކަސްޓަމްސް މުވައްޒަފުންގެ ޚިދްމަތާ ބެހޭގޮތުން ޢާންމު ރައްޔިތުންގެ މެދުގައި އިތުބާރާއި ޔަޤީންކަން އިތުރުކުރުމުގެ މަޤްޞަދުގައި އުފެދޭ ކޮމިޝަނެކެވެ. ކޮމިޝަން އެކުލެވިގެންވާނީ، 5 މެންބަރުންގެ މައްޗަށެވެ. ކޮމިޝަންގެ މެންބަރުން ޢައްޔަން ކުރައްވާނީ، މިޤާނޫނުގެ 28 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ރައްޔިތުންގެ މަޖިލީހުންދޭ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.