އަންނަ ބުރާސްފަތި ދުވަހު އައްޑޫސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ފުރަތަމަ ކޮމިއުނިޓީ ކެބިނެޓާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރައްވައިފިއެވެ. މިއަދު ބޭއްވެވި އެމަޖިލީހުގެ ޖަލްސާގައި، މިގޮތުން މަޝްވަރާ ކުރެއްވީ، ކޮމިއުނިޓީ ކެބިނެޓްގައި ދެއްވުމަށް ހަމަޖެހިފައިވާ ޕްރެޒެންޓޭޝަންތަކާ ބެހޭގޮތުންނެވެ.

ކޮމިއުނިޓީ ކެބިނެޓްގައި ޕްރެޒެންޓޭޝަން ދެއްވުމަށް ނިންމެވި މައިގަނޑު 4 ދާއިރާއަކީ، އިޖްތިމާޢީ ދާއިރާއާއި، ޢުމްރާނީ ތަރައްޤީގެ ދާއިރާއާއި، ހެޔޮވެރިކަމުގެ ދާއިރާއާއި، އިޤްތިޞާދީ ދާއިރާއެވެ. އަދި މިއިން ކޮންމެ ޕްރެޒެންޓޭޝަނެއް ހުށަހެޅުއްވުމަށްފަހު، އެ ދާއިރާއަކާ ބެހޭގޮތުން ސުވާލު ކުރުމުގެ ފުރްޞަތު ރައްޔިތުންނަށް ހުޅުއްވައިލައްވާނެއެވެ.

އިޖްތިމާޢީ ދާއިރާއާ ބެހޭގޮތުން ހުށަހަޅުއްވާ ޕްރެޒެންޓޭޝަންގައި، ތަޢްލީމާއި، ޞިއްޙީ ޚިދްމަތާއި، އިޖްތިމާޢީ ރައްކާތެރިކަމަށް ޒުވާނުންނާއި ކުޅިވަރު އަދި އިންސާނީ ވަސީލަތްތަކުގެ ބައި ވަނީ ހިމަނުއްވާފައެވެ. ޢުމްރާނީ ތަރައްޤީއާބެހޭ ޕްރެޒެންޓޭޝަންގައި، ބޯހިޔާވަހިކަމާއި، ބަނދަރާއި މަގު ހެދުމާއި، ގިރާ ސަރަޙައްދު ޙިމާޔަތް ކުރުމާއި، ފެނާއި ނަރުދަމާއާއި، ހަކަތައާއި އަދި ސާކް ސަމިޓާ ބެހޭގޮތުން މަޢްލޫމާތު ދެއްވާނެއެވެ. ހެޔޮވެރިކަމާބެހޭ ޕްރެޒެންޓޭޝަންގައި، މަޢްލޫމާތު ދެއްވާނީ، ލާމަރްކަޒު ކުރުމާއި، މަސްތުވާ ތަކެއްޗާއި، ކުށްކުރުން ހުއްޓުވުމަށް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާ ބެހޭގޮތުންނެވެ. އިޤްތިޞާދީ ދާއިރާއިން ދެއްވާ ޕްރެޒެންޓޭޝަންގައި ހިމެނެނީ، ދަތުރުފަތުރާއި، ފަތުރުވެރިކަމާއި، ދިރިއުޅުމުގެ އަގު ތިރިކުރުމާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިއާއި، ބާޒާރު ބަނދަރުމަތި ތަރައްޤީ ކުރުމުގެ ޕްރޮގްރާމާބެހޭ މަޢްލޫމާތު ދެއްވުމެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން، ކޮމިއުނިޓީ ކެބިނެޓަކީ، ވަޒީރުންގެ މަޖިލީހުގެ މެންބަރުން، ރައްޔިތުން ދިރިއުޅޭ އެކި ސަރަޙައްދުތަކަށް ޒިޔާރަތް ކުރައްވައި، ރައްޔިތުން ކުރައްވާ ސުވާލުތަކަށް މަޖިލީހުގެ މެންބަރުން ޖަވާބު ދެއްވައި، ރައްޔިތުންނަށް ކަންކަން އޮޅުންފިލުއްވައި ދެއްވައި، ރައްޔިތުންގެ މަޝްވަރާ ހޯއްދެވުމަށް ބާއްވަވާ ބައްދަލުވުންތަކެކެވެ.

އައްޑޫސިޓީގައި މި ބާއްވަވާ ފުރަތަމަ ކޮމިއުނިޓީ ކެބިނެޓް ފެށޭނީ، އަންނަ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1.30 ގައެވެ.