އިސްކަންދަރު ސްކޫލުގެ ރަންޔޫބީލް ފާހަގަކުރުމަށް މިއަދު ހެނދުނު އެ ސްކޫލުގައި ބޭއްވެވި ޚާއްޞަ އެސެމްބްލީގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބައިވެރިވެވަޑައިގެންފިއެވެ.

އިސްކަންދަރު ސްކޫލް ފެށިގެން އައީ، 1961 ވަނަ އަހަރު މެއި މަހުގެ 10ވަނަ ދުވަހު ޙަމީދިއްޔާ މޮންޓެސޫރީ ސްކޫލްގެ ނަމުގައެވެ. އެ ސްކޫލްގެ ނަން ނާޞިރިއްޔާ މޮންޓެސޫރީ ސްކޫލްގެ ނަމަށް ބަދަލުވީ 1970ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. އަދި އިސްކަންދަރު ސްކޫލުގެ ނަމުގައި ސްކޫލް ހިނގަން ފެށީ 1 ޖެނުއަރީ 1980 ގައެވެ.

އިސްކަންދަރު ސްކޫލަށް މިއަދު 50 އަހަރު ފުރުމާ ގުޅިގެން، އެ މުނާސަބަތު ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަކުރެއްވުމަށް އެސްކޫލުން ރާއްވަވާފައިވާ ކަންކަމުގެ ތެރޭގައި ހިމެނިގެން މިއަދު ހެނދުނު ބޭއްވެވި ޚާއްޞަ އެސެމްބްލީގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިސްކަންދަރު ސްކޫލްގެ ތާރީޚުގެ މައްޗަށް ބައްލަވާލެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، މިހާރުގެ އިސްކަންދަރު ސްކޫލުގައި އެމަނިކުފާނު ކިޔަވާ ވިދާޅުވިއިރު، އެ ސްކޫލުގެ ނަމަކީ ނާޞިރިއްޔާ މޮންޓެސޫރީ ސްކޫލްކަން ފާހަގަކުރައްވައި، އެ ނަން ނިސްބަތްވެވަޑައިގެންނެވި އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ނާޞިރު ރާއްޖޭގެ ތަޢްލީމަށް ކުރެއްވި ޚިދުމަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، އިބްރާހީމް ނާޞިރަކީ، އޭގެ ކުރީގައި ދުވަހަކުވެސް، އެހެން ވެރިއަކު، ރާއްޖޭގެ ތަޢުލީމަށް ޚަރަދު ނުކުރައްވާ މިންވަރަށް، މަސައްކަތްޕުޅު ނުކުރައްވާ މިންވަރަށް، އަދި ޚިދުމަތް ނުކުރައްވާ މިންވަރަށް، ރާއްޖޭގެ ތަޢުލީމަށް ޚިދުމަތް ކުރެއްވި ވެރިއެއް ކަމުގައި ވިދާޅުވިއެވެ. އިބްރާހީމް ނާޞިރުގެ ވެރިކަމުގައި، ބައެއް އަހަރު ރާއްޖޭގެ މުޅި ބަޖެޓްގެ 60 ޕަސެންޓް، ތަޢުލީމަށް ޚަރަދުކުރައްވާފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި އެދުވަސްވަރަކީ، ރާއްޖޭގެ ތަޢުލީމަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނެވި ދުވަސްވަރެއް ކަމަށާއި، ރާއްޖޭގެ ސްކޫލްތަކުގައި އިނގިރޭސި މީޑިއަމަށް ކިޔަވައިދޭން ފެށިގެން އައި ދުވަސްވަރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ނާޞިރިއްޔާ މޮންޓެސޫރީ ސްކޫލަކީ، ރާއްޖޭގައި އިނގިރޭސި މީޑިއަމަށް ކިޔަވައިދެއްވަން ފެށްޓެވުމަށްޓަކައި އިބްރާހީމް ނާޞިރު އުފެއްދެވި ސްކޫލެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންކަމުން، އިސްކަންދަރު ސްކޫލް އުފެދިގެންއައި ގޮތާއި، ސްކޫލްގެ ބާނީއާއި، ސްކޫލްގެ ތާރީޚާ ގުޅޭގޮތުން އިތުރަށް ވިސްނާލުމަށް ރައީސުލްޖުމްހޫރިއްޔާ، ސްކޫލްގެ ދަރިވަރުންގެ ފަރާތުން އެދިވަޑައިގެންނެވިއެވެ.