ދުނިޔޭގެ ބާޒާރުގައި ހުރި، ތިމާވެށްޓަށް ރައްކާތެރި އުފެއްދުންތައް ދައްކާލުމަށް މިހާރު ބާއްވަމުން ގެންދާ އޯޒޯން ޓު ކްލައިމެޓް ޓެކްނޯލޮޖީ ރޯޑްޝޯއަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިއަދު ހަވީރު ޒިޔާރަތް ކުރައްވައިފިއެވެ.

މި މެއި މަހުގެ 8 އިން 12އަށް ދަރުބާރުގޭގައި ކުރިއަށްދާ މި މަޢުރަޒަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޒިޔާރަތުގައި، މަޢުރަޒުގައި ހުރި ސްޓޯލްތަކަށް ޒިޔާރަތް ކުރައްވައި، މަޢުރަޒުގައި ބައިވެރިވާ ދުނިޔޭގެ މަޝްހޫރު ކުންފުނިތަކުގެ އުފެއްދުންތަކާބެހޭގޮތުން ކުންފުނިތަކުގެ އިސްބޭފުޅުންގެ އަރިހުން މަޢްލޫމާތު އޮޅުންފިލުއްވިއެވެ.

އޯޒޯން ޓު ކްލައިމެޓް ޓެކްނޯލޮޖީ ރޯޑްޝޯއަކީ، ދުނިޔޭގެ ބާޒާރުގައި ހުރި، އަދި އަލަށް ތަޢާރަފް ކުރެވެމުންދާ، އެޗް.ސީ.އެފް.ސީ. ބޭނުންނުކުރާ، އަދި ތިމާވެށްޓަށް ގެއްލުންނުލިބޭ، ނުވަތަ، ތިމާވެށްޓަށް ލިބޭ ގެއްލުން ކުޑަކުރާ އުފެއްދުންތައް ދައްކާލުމަށް ބާއްވާ މަޢުރަޒެކެވެ. މި މަޢުރަޒުގައި، ޓުއަރިޒަމާއި، މަސްވެރިކަމާއި، ދަތުރުފަތުރާއި، އަދި ކޯލްޑް ސްޓޯރޭޖްތަކަށް ބޭނުންވާ އޯޒޯނާއި، ތިމާވެށްޓަށް ރައްކާތެރި އުފެއްދުންތައް އުފެއްދުމުގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ކުންފުނިތަކާއި މުއައްސަސާތަކުން ބައިވެރިވެ، އެ ފަރާތްތަކުގެ އުފެއްދުންތައް ހިމަނާފައިވެއެވެ.

މޮންޓްރިއަލް ޕްރޮޓޮކޯލާ އެއްގޮތަށް، ރާއްޖެއިންވަނީ، ރާއްޖޭގައި ބޭނުންކުރާ އެޗް.ސީ.އެފް.ސީ. ބޭނުންކުރުން ހުއްޓުން އަވަސް ކުރުމަށް، އެފަދަ ގޭސްތައް ބޭނުންކުރުން، މިއަހަރުން ފެށިގެން ކޮންޓްރޯލް ކުރަން ފަށާފައެވެ.