ރާއްޖެއާއި ޗައިނާއާ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން، ޗައިނާ ސަރުކާރުން ދެއްވި ދަޢުވަތަކަށް ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީ ޗައިނާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ރޭ ފަށްޓަވައިފިއެވެ.

ސްޕެޝަލް އެންވޯއިގެ މި ދަތުރުފުޅުގައި ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ސެންޓްރަލް ކޮމިޓީގެ ވައިސް މިނިސްޓަރ، އައި ޕިންގ އާއި ޗައިނާގެ އެކްސްޕޯޓް އިމްޕޯޓް ބޭންކުގެ ޑެޕިއުޓީ ގަވަރނަރ ސޫ ހޮންގ އާއި، ޗައިނާގެ ބައެއް ވިޔަފާރި ކުންފުނިތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ. އަދި ޗައިނާގެ ތިއަންޖިން ސިޓީއަށާއި، ސީޗުއާން ޕްރޮވިންސްގެ ޗަންގދޫއަށް ވަޑައިގަތުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީގެ އަރިހުގައި، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރ މޫސާ މަނިކާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓް އަޙްމަދު މުޖުތަބާއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ އީމާން ޙުސައިނާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ މޭޖަރ މުޙަންމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވައެވެ.