ފެޑެރޭޝަން އޮފް އެފްރޯ-އޭޝިޔަން އިންޝުއަރަރޒް އެންޑް ރީއިންޝުއަރަންސާއި، އެލައިޑް އިންޝުއަރަންސް ކޮމްޕެނީ ގުޅިގެން ބާއްވާ އެފްރޯ-އޭޝިޔަން ކްލެއިމް އެވެއަރނަސް ކޮންފަރެންސް، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ހުޅުއްވައިދެއްވައިފިއެވެ.

މިކަމަށްޓަކައި، މިއަދު ހެނދުނު ބަނޑޮސް އައިލެންޑް ރެޒޯޓް އެންޑް ސްޕާގައި ބޭއްވެވި ރަސްމިއްޔާތުގައި، ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، މި ކޮންފަރެންސް ރާއްޖޭގައި ބޭއްވޭކަމީ، ރާއްޖޭގައި އިންޝުއަރަންސްގެ ޚިދުމަތް މުހިންމުވަމުން އަންނަ މިންވަރު ދައްކައިދޭ ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި، ރާއްޖެއަކީ، އިންޝުއަރަންސް އިންޑަސްޓްރީއަށް ވަރަށް ގިނަ ފުރުޞަތުތަކެއް ހުރި ޤައުމެއް ކަމަށާއި، ނަމަވެސް ރާއްޖެއަކީ، އިންޝުއަރަންސާ ބެހޭގޮތުން ވަރަށް ބޮޑަށް ހޭލުންތެރިކަން އިތުރުކުރަން ޖެހިފައިވާ ޤައުމެއް ކަމުގައި ވިދާޅުވިއެވެ. ރާއްޖޭގައި އަގުބޮޑު މުދަލާއި، ބޮޑެތި ޢިމާރާތްތައް އިތުރުވަމުންދާއިރު، މިއިން ގިނަ ތަކެއްޗާއި ތަންތަނަކީ އިންޝުއަރ ކޮށްފައިވާ ތަކެއްޗާއި ތަންތަން ނޫންކަން ނައިބު ރައީސް ފާހަގަކުރައްވައި، ރާއްޖޭގައި އިންޝުރަންސާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ.

މީގެއިތުރުން، ފެޑެރޭޝަން އޮފް އެފްރޯ-އޭޝިޔަން އިންޝުއަރަރޒް އެންޑް ރީއިންޝުއަރަންސަކީ، ދެކުނު ހެމިސްފިއަރގެ ޤައުމުގެތަކުގެ މެދުގައި އޮންނަ އެއްބާރުލުން ދައްކައިދޭ މިސާލެއް ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އަދި ތަރައްޤީވަމުން އަންނަ ޤައުމުތަކުން އިސްނަގައިގެން މިފަދަ ހަރުދަނާ ޖަމާޢަތެއް ފުރިހަމަ ގޮތުގައި ކުރިއަށް ގެންދާތަން ފެނިވަޑައިގަތުމަކީ، އެމަނިކުފާނަށް ވަރަށް ބޮޑު އުފާފުޅެއް ލިބިވަޑައިގަންނަވާ ކަމެއް ކަމުގައި ވިދާޅުވިއެވެ.

ފެޑެރޭޝަން އޮފް އެފްރޯ-އޭޝިޔަން އިންޝުއަރަރޒް އެންޑް ރީއިންޝުއަރަންސަކީ، އޭޝިޔާއާއި އެފްރިކާގެ ޤައުމުތަކުގެ މެދުގައި އިންޝުއަރަންސްގެ ދާއިރާއިން ގުޅުން ބަދަހިކޮށް، މަޢުލޫމާތާއި، ތަޖުރިބާއާއި، ވިޔަފާރީގެ ގުޅުން އިތުރުކުރުމަށް 1968 ވަނަ އަހަރު ޤާއިމް ކުރި ޖަމާޢަތެކެވެ.