އޮސްޓްރިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސްޓަރ ފަރޑިލެންޑް މޮލްޓާޝް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޑިމޮކްރަސީ ހަރުދަނާ ކުރުމަށާއި، އިންސާނީ ޙައްޤުތައް ޙިމާޔަތް ކުރުމުގައި ރާއްޖެއިން އަދާކުރަމުންދާ ދައުރުގެ މައްޗަށް ބައްލަވާލެއްވިއެވެ. ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާއިން ހުރި ފުރްޞަތުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ދެޤައުމުގެ ދެމެދުގައި، މި ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި އޮސްޓްރިއާއަކީ، ޒަމާނުއްސުރެ ވެސްޓަރން ކްލެސިކަލް މިޔުޒިކަށް މަޝްހޫރު ޤައުމެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވައި، މިޔުޒިކީ ތަޖުރިބާ ހޯދުމަށްޓަކައި ދެޤައުމު ދެމެދުގައި ކުރެވިދާނެ ކަންކަމާބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި އޮސްޓްރިއާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ތަޢުރީފު ކުރެއްވިއެވެ. އަދި ކްލެސިކަލް މިޔުޒިކް ތަޖުރިބާ ކުރުމަށްޓަކައި ފުރުސަތުތަކެއް ހޯއްދަވައިދެއްވުމަށް މިޔުޒިކީ ޙަފްލާތައް ރާއްޖޭގައި އިންތިޒާމު ކުރުމާބެހޭގޮތުން ސަފީރު ވާހަކަފުޅު ދެއްކެވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ނައިބު ރައީސް ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދާއި، ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ އަމީން ފައިޞަލާއި، ފޮރިން ޕޮލިސީ އެޑްވައިޒަރ ޑޮކްޓަރ އަޙްމަދު ޝަހީދު ބައިވެރިވެވަޑައިގެންނެވިއެވެ.