ހަކަތައަށް ކުރެވޭ ޚަރަދު ކުޑަކުރެއްވުމާ ކަންކަމަށް ޙާއްޞަ ސަމާލުކަމެއް ދެއްވަން ފެށްޓެވުމަށް، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ދިވެހި ރައްޔިތުންނަށް ގޮވާލައްވައިފިއެވެ. ނައިބު ރައީސް މިކަމަށް ގޮވާލެއްވީ، 2011ވަނަ އަހަރުން ފެށިގެން، ރާއްޖެއަށް އެޗް.ސީ.އެފް.ސީ.ގޭސް އެތެރެކުރުން ކޮންޓްރޯލްކުރަން ފެށުމާއެކު، ދުނިޔޭގެ ބާޒާރުގައި ލިބެންހުރި ތިމާވެށްޓާ ރައްޓެހި ރެފްރިޖަރޭޝަން އަދި އެއަރކޮންޑިޝަންގެ އުފެއްދުންތަކާ ބެހޭގޮތުން، މިފަދަ އުފެއްދުންތައް އުފައްދާ ވިއްކާ ފަރާތްތަކާއި، މިދާއިރާގައި ރާއްޖޭގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި މަޢުލޫމާތު ބަދަލުކުރެއްވުމަށް ބާއްވާ ރައުންޑްޓޭބަލް ބައްދަލުވުމާއި، މި ފަދަ އުފެއްދުންތައް ދައްކާލުމަށް ބާއްވާ މަޢުރަޟު އިފްތިތާޙް ކޮށްދެއްވުމުގެ ގޮތުން މިއަދު ހެނދުނު ދަރުބާރުގޭގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގައި ހަކަތައަށް ކުރާ ހޭދަ ކުޑަކުރުމަށްޓަކައި، ދިވެހިންގެ ދިރިއުޅުމުގެ ވަށްޓަފާޅިއަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށާއި، މިގޮތުން، ބޭނުންކޮށް ނިމުމުން، ބޮތްކާއި، ފަންކާއާއި، ކަރަންޓް ބޭނުންކުރާ އެހެން އާލާތްތައް ނިއްވާލުމަށް އާދަކުރުމާއި، ރެފްރިޖަރޭޝަނާއި އެއަރކޮންޑިޝަންފަދަ ތަކެތީގެ ބޭނުން އެންމެ ހެޔޮގޮތުގައި ކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ދުނިޔޭގެ ތެލުގެ އަގު އުފުލެމުންދިޔުމާއި، ޖަޕާނަށް ކުރިމަތިވި ކާރިސާގެ ސަބަބުން، ނިއުކްލިއަރ ހަކަތައާމެދު ވިސްނާގޮތް ބަދަލުވަމުން ދިޔުމާއެކު، ހަކަތައިގެ ރައްކާތެރިކަން ހޯދައި، ހަކަތައަށް ކުރާ ހޭދަ ކުޑަކުރުމަށްޓަކައި، ޙަޤީޤަތް ބަލައިގަނެ، ތިމާވެށްޓާ ރަށްޓެހި އުފެއްދުންތަކަށް އިސްކަންދީ، ހަކަތައިގެ ޚަރަދު ކުޑަކުރެވޭގެ ގޮތްތައް ޚިޔާރުކުރަން ޖެހިފައިވާ ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ހަކަތަ އުފެއްދުމަށް ކުރެވޭ ކަންކަމުން ކުރިމަތިވެދާނެ ނުރައްކަލަކުން، ރައްޔިތުން ސަލާމަތްކޮށް، ތިމާވެށި ޙިމާޔަތް ކުރުމާއެކު، ދިވެހި ރައްޔިތުންނަށް، އަގުހެޔޮ، ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ ފޯރުވައިދިނުމުގެ މުހިންމުކަން ސަރުކާރަށް އެނގިވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖެއަކީ ކާބަން ނިއުޓްރަލް ޤައުމަކަށް ހެއްދެވުމުގެ އަމާޒު ސަރުކާރުން ކަނޑައަޅުއްވާފައިވަނީ، އަގުހެޔޮ، ހަރުދަނާ، އަދި ތިމާވެށްޓަށާއި، ރައްޔިތުންނަށް ރައްކާތެރިގޮތުގައި ހަކަތަ ފޯރުއްވައިދެއްވުމަށް ސަރުކާރުން ދެއްވާ އިސްކަމުގެ ސަބަބުން ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، މިއަދު މި ބޭއްވޭ ރައުންޑްޓޭބަލް ބައްދަލުވުމާއި، ތިމާވެށްޓާ ރައްޓެހި ގޮތުގައި ފިނި ކުރުމަށް ބޭނުންކުރެވޭ އުފެއްދުންތައް ދައްކާލުމުގެ މަޢުރަޟަކީ، ރާއްޖެއަކީ ކާބަން ނިއުޓްރަލް ޤައުމަކަށް ހެއްދެވުމަށް އެކަށައަޅުއްވާފައިވާ އަމާޒަށް ވާޞިލުވުމަށް މަގުފަހި ކުރެއްވުމަށް ސިޔާސަތު އެކަށަ އެޅުމުގަޔާއި، ޓެކްނޮލޮޖީގެ އުފެއްދުންތަކާބެހޭގޮތުން ނިންމުންތައް ނިންމުމުގައި ރާއްޖެއަށް ލިބޭ ވަރަށް ބޮޑު އެހީތެރިކަމަކަށްވާނެ ކަމުގައިވެސް ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ހައުސިން އެންޑް އެންވަޔަރަންމަންޓާއި، ޔުނެޕް ގުޅިގެން މިއަދުން ފެށިގެން މި މަހުގެ 12 އަށް ބާއްވާ "އޯޒޯން ޓު ކްލައިމެޓް ޓެކްނޮލޯޖީ ރޯޑްޝޯ"އާ ގުޅިގެން، މިއަދާއި މާދަމާ ކުރިއަށްދާ "އިންޑަސްޓްރީ ރައުންޑްޓޭބަލް އޮން ޒީރޯ އެންޑް ލޯ ގްލޯބަލް ވޯރމިން ޕޮޓެންޝިއަލް އެޗް.ސީ.އެފް.ސީ. އޮލްޓަރނޭޓިވްސް"ގެ އިތުރުން، "ޖޮއިންޓް މީޓިންގ އޮފް ދަ ރީޖަނަލް އޯޒޯން ނެޓްވަރކްސް ފޮރ ވެސްޓް އޭޝިޔާ އެންޑް ސައުތު އޭޝިޔާ" މި މަހުގެ 10އިން 12އަށް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މި މަޢުރަޟްގަޔާއި މި ބައްދަލުވުންތަކުގައި، ޔޫރަޕާއި، އެމެރިކާއާއި، ޖަޕާނާއި، އިންޑިޔާއާއި، ޗައިނާ ކުންފުނިތަކުންނާއި ސަރުކާރު ތަމްސީލް ކުރާ ފަރާތްތަކުން ބައިވެރިވެއެވެ.

މިއަދު ހެނދުނު ބޭއްވުނު ހުޅުވުމުގެ ރަސްމިއްޔާތަށްފަހު، "އޯޒޯން ޓު ކްލައިމެޓް ޓެކްނޮލޯޖީ ރޯޑް ޝޯ"، ނައިބު ރައީސް ހުޅުއްވައިދެއްވައި، އެތަނުގައި ހުރި ސްޓޯލްތައް އެމަނިކުފާނު ބައްލަވާލެއްވިއެވެ.