ޑޮލަރުގެ އެކްސްޗޭންޖް ރޭޓަށް ގެނައި ބަދަލުގެ ސަބަބުން، ރާއްޖޭގެ މަސައްކަތްތެރިންގެ ތެރެއިން 65 ޕަސެންޓް މީހުންނަށް ވަރަށް ބޮޑު ރަނގަޅެއްވެ، ވަރަށް ބޮޑު ފައިދާއެއް ލިބިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، ޑޮލަރުގެ އެކްސްޗޭންޖް ރޭޓަށް ސަރުކާރުން ގެންނެވި ބަދަލުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޑޮލަރުގެ އަގު އެރުމާ ގުޅިގެން، މަސްވެރިންގެ އާމްދަނީ ކިތަންމެ ތަނަކުން ބޮޑުވެގެން ހިނގައްޖެ ކަމާއި، ޓޫރިސްޓް ރިޒޯޓުތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ސަރވިސް ޗާޖަށް ރުފިޔާއިން ލިބޭ އަދަދު، ވަރަށް ބޮޑު ތަނުން އިތުރުވެގެން ހިނގައްޖެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މީގެކުރީގައި، ރުފިޔާގެ އަގު އޮތީ ކަނޑަނޭޅި، އަދި އޭގެ ހަމައަގެއް އޮތީ ނުހޯދި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންވީމާ، ބާޒާރުގައި މި ހުންނަ ތަކެތީގެ ހަމައަގުވެސް މި އޮންނަނީ އަޅުގަނޑުމެންނަށް ނޭނގި ކަމަށާއި، އެހެންނަމަވެސް، މި ރާއްޖޭގެ އިޤްތިޞާދީ ފަންވަރާއި، މި ރާއްޖޭގެ މާލީ ކަންކަމަށް ބަލައި، ރާއްޖޭގައި ހަމައަގުތައް ފުރަތަމަ ފަހަރަށް މިހާރު މިވަނީ ބަޔާންވެފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި މަގުން އަޅުގަނޑުމެން ދިޔައިމާ، އިރާދަކުރެއްވިއްޔާ އެކްސްޗޭންޖް ރޭޓަށް ބަދަލު އައިސް، ޑޮލަރުގެ އަގު ދަށްވާނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

މި ބަދަލު ނުގެނެސް އޮތްހާ ދުވަހު ޙަޤީޤަތުގައި އެ އޮތީ އެފަރާތްތަކަށް ވަރަށް ބޮޑު ބޭއިންޞާފެއް ރައްދުވޭވޭކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، ރާއްޖޭގެ ޙަޤީޤީ މަސައްކަތްކުރާ މަސައްކަތްތެރިންގެ މަސައްކަތުގެ އަގު އޮތީ ރަނގަޅަށް ކަނޑަނޭޅި ކަމުގައި ވިދާޅުވިއެވެ. ޑޮލަރާއި ރުފިޔާގެ މުޢާމަލާތްތައް ހިންގެނީ ބާޒާރު ބަޔާންކުރާ އަގަކުން ނޫންކަމަށްވީމާ، ދެން ހަމައަގު ގެއްލިގެންދާއިރު، ވަރަށް ބޮޑު ބޭއިންޞާފެއް މިރައްދުވަނީ ބޭރު ފައިސާ ހޯދާ ފަރާތްތަކަށް ކަމަށާއި، އޭގެތެރޭގައި މަސައްކަތްތެރިންނާއި، މަސްވެރިންނާއި، ރިޒޯޓުތަކުގައި މަސައްކަތްކުރާ މީހުން ހިމެނޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، މާލޭގައި، ތަކެތި އަގުބޮޑުވުމުގެ މައްސަލައާ ގުޅިގެން، ބައެއް ފަރާތްތަކުން ކަންބޮޑުވުން ހާމަކުރަމުންދާތީ، އެކަމަށް ބައްލަވާލައްވަމުން، ޑޮލަރުގެ އަގު މައްޗަށް ޖެހުމާއި ނުވަތަ ޑޮލަރުގެ އަގު ބާޒާރުން ކަނޑައެޅުމަށް ދޫކޮށްލެއްވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު ތަންފީޒު ކުރައްވަމުން ގެންދަވަނީ، ރާއްޖޭގެ އިޤްތިޞާދަށް ދެމެހެއްޓެނިވި ހަރުދަނާ ކަމެއް ގެންނެވުމަށްޓަކައި ކަމަށް ވިދާޅުވިއެވެ. އާޚިރަތުގައި މި މަސައްކަތުން އިރާދަކުރެއްވިއްޔާ ވާނީ ރަނގަޅު ކަމަށާއި، އަދި މިދިޔަ ދެތިން ހަފްތާގެ ތެރޭގައި އެ ރަނގަޅު، ވަރަށް ބޮޑަށް ވަމުން އަންނަތަން ސަރުކާރަށް ފެނިވަޑައިގަންނަވަމުން އެބަދާ ކަމުގައިވެސް ވިދާޅުވިއެވެ.

އެކްސްޗޭންޖް ރޭޓަށް ނުވަތަ ރުފިޔާގެ އަގު ކަނޑައެޅުމަށް ދޫކޮށްލި ދޫކޮށްލުމާ ގުޅިގެން، ހިނގާ ދިޔަ ހަމައެކަނި ކަމަކީ، ތަކެތީގެ އަގުބޮޑުވުމެއް ނޫންކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރައްވަމުން، ތަކެތީގެ އަގު ބޮޑުވި މިންވަރާ ގުޅޭގޮތުންވެސް ސާފުކޮށް މަޢްލޫމާތު ލިބެން ޖެހޭނެ ކަމުގައި ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ކޮންމެހެން ޒަރޫރީ ގޮތުން ބޭނުންވާ ތަކެތީގެ އަގުބޮޑުވިޔަނުދީ، އެސްޓީ.އޯ.އިން އިރާދަކުރެއްވިއްޔާ އެބަ ހިފަހައްޓާ ކަމަށާއި، އަދި އަމިއްލަ ފަރާތްތަކުންވެސް އެތަކެތީގެ އަގުބޮޑުކޮށްފައިވީނަމަވެސް، ބޮޑުކޮށްފައިވަނީ ވަރަށް ކުޑަކުޑަ މިންވަރަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، ސަރުކާރުން އެކްސްޗޭންޖް ރޭޓަށް ބަދަލު ގެންނެވުމުގެ ކުރީގައި، ރާއްޖޭގެ ބޭންކްތަކަށް ވިޔަފާރިވެރިން، ހަފްތާއެއްގެ މައްޗަށް ތިން ހަތަރު މިލިއަން ޑޮލަރުވެސް ނުވިއްކާކަން ބަޔާންކުރައްވަމުން، އެކްސްޗޭންޖް ރޭޓަށް ބަދަލު ގެނައި ފަހުން އައި ފުރަތަމަ ހަފްތާގައިވެސް، ބޭންކްތަކަށް ވިޔަފާރިވެރިން ބޭރުފައިސާ ވިއްކާ އަދަދު ވަރަށް ބޮޑުތަނުން އިތުރުވެއްޖެ ކަމުގައި ވިދާޅުވިއެވެ. 4 މިލިއަންގައި ހުރި އެއްޗެއް 16 މިލިއަނަށް ބަދަލުވެ، ހިނގާ މިދިޔަ ހަފްތާގައި އެ އަދަދުވަނީ 20 މިލިއަނަށް އަރާފައި ކަމަށާއި، އަދި ބޭންކްތަކުން ވިޔަފާރިވެރިންނަށާއި ޢާންމުފަރާތްތަކަށް ޑޮލަރު ވިއްކާ އަދަދުވެސް މިހާރު މިވަނީ ދެގުނައަށް އިތުރުވެފައި ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، މިއަދު އަޅުގަނޑުމެން މިކަން ނުކޮށްފިނަމަ، މާދަމާ އަޅުގަނޑުމެންނަށް ދެން ދިމާވާނެ ދަތުރު އަދި މާ އުނދަގޫވާނެ ކަމާއި، ރަނގަޅު ކުރުމަށްޓަކައި ކުރާންޖެހޭ މަސައްކަތްވެސް، ނަތީޖާވެސް، އެހާ ހިތިވާނެކަން ފާހަގަކުރެއްވިއެވެ. އަދި މިކަން ކުރަމުން މިދަނީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެއުޅުމުގެ މިނިވަންކަމާއި، ހަޅުތާލު ކުރުމުގެ މިނިވަންކަމާއި، ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމުގެ ހުރިހާ މިނިވަންކަމެއް މި ރާއްޖެއަށް ތަޢާރުފުވެގެން އަދި އެ ހުރިހާ މިނިވަންކަމެއްގެ ފޮނި ރާއްޖޭގެ ރައްޔިތުންނަށް ލިބެމުންމިދާ ދުވަސްވަރެއްގައިކަންވެސް ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ. މި މޭރުމުން ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބު ކުރިއަށް ގެންދަވަމުން، ވާދަވެރި ފަރާތްތަކުގެ އަޑު އަބަދުވެސް އިވެމުންދާނެ ކަމަށާއި، އެއީ، އެކަން ހިނގާންވެސް ޖެހޭނެ ގޮތް ކަމުގައި ވިދާޅުވިއެވެ. އެހެންނަމަވެސް، އެއްވެސް ކަމެއް މަތިކޮށް، ކުށުގެ ތެރެއަށް ވަދެގަނެ، ތަންތަނަށް ގެއްލުންދީ، ތަކެތީގައި ރޯކޮށް، މި ބާވަތުގެ ޢަމަލުތައް ކުރުމަކީ، އަޅުގަނޑުމެން ބިނާކުރަން މިއުޅޭ ރިވެތި ޑިމޮކްރަސީ ބިނާކުރުމަށް އެޅޭ ހުރަހެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މަގުމައްޗަށް ނުކުމެ އަޑު އުފުލުމަށް ސަރުކާރުން އަބަދުވެސް ތާއީދު ކުރައްވާނެ ކަމަށާއި، ވާދަވެރި ފަރާތްތަކުންވެސް ޤައުމީ މަޞްލަޙަތަށް ބައްލަވާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދަކީ، ދިވެހިރާއްޖޭގެ ހުރަވީ ދުވަސް ކަމަށްވުމާއެކު ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، މި ދުވަހުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. ހުރަވީ ދުވަހަކީ، ދޮންބަންޑާރައިން، ހޮޅިންގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރެއްވި ދުވަސް ކަމަށްވުމާއެކު، ދުވަހުގެ ޒިކުރާ އާ ކުރައްވަމުން، ޤައުމީ އަބްޠާލުންގެ ހަނދުމަ އާކުރައްވައި، ރާއްޖޭގެ ދިފާޢީ ބާރުތަކުގެ އެންމެހާ މެންބަރުންނަށް، ރައީސުލްޖުމްހޫރިއްޔާ، ދުވަހުގެ ހެޔޮއެދުންތައް ފޮނުއްވިއެވެ. ހަމައެހެންމެ، ހުރާ ދަރިކޮޅުގެ އެންމެހާ ބޭފުޅުންނަށްވެސް ރައީސުލްޖުމްހޫރިއްޔާ ދުވަހުގެ ތަހުނިޔާ ފޮނުއްވައި، ހެޔޮ ދުޢާ ސަލާން ރައްދުކުރެއްވިއެވެ.