ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ޔުނިސެފުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވެ، ޒޭބާ ތަންވީރު ބުޚާރީއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު އޮތް މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ، ޔުނިސެފުން ރާއްޖޭގައި މިހާރު ހިންގަވާ ޕްރޮގްރާމްތަކާއި، މި ޕްރޮގްރާމްތައް ހިންގެވުމުގައި، ސަރުކާރާއި ޔުނިސެފާ ދެމެދު އެއްބާރުލުން އިތުރުކުރެއްވުމާ ބެހޭގޮތުންނެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޔުނިސެފުން ރާއްޖޭގައި ހިންގަވާ މަޝްރޫޢުތައް، ޤައުމީ ތަރައްޤީގެ މައިގަނޑު ސިޔާސަތުތަކާ ގުޅޭ ގޮތަށް، އަދި މި ސިޔާސަތުތަކުގެ ލަނޑުދަނޑިތައް ޙާޞިލު ކުރެވޭނެ ގޮތަކަށް ހިންގެވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތައް އިންތިޚާބު ކުރެވުމާ ގުޅިގެން، ޕަބްލިކް ހެލްތުގެ މަސައްކަތްތައް ލާމަރުކަޒީ އުޞޫލުން ހިންގަވަން ސަރުކާރުން ފަށްޓަވާފައިވާ ކަމަށާއި، މިކަމުގެ ބޭނުންފުޅަކީ، ރައްޔިތުންގެ ޢާންމު ސިއްހަތާ ގުޅޭ ކަންކަން ހިންގުމުގައި ރައްޔިތުންނާ ގާތުން، ރައްޔިތުންގެ ބައިވެރިވުމާއެކު ޚިދުމަތް ފޯރުއްވައިދެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިކަމާ ގުޅިގެން، ރަށްރަށުގައި ތިއްބަވާ ހެލްތް ވަރކަރުންނަކީ، މިފަދަ ކަންކަން ހިންގުމުގެ ޤާބިލުކަން ލިބިފައިވާ ބަޔަކަށް ހެދުމަށްޓަކައި ހެލްތް ވަރކަރުންނަށް އިތުރު ތަމްރީނު ދެއްވުމުގެ މުހިންމުކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ޔުނިސެފުގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންގެ ބައިވެރިވުމާއެކު ޞިއްޙީ ޚިދުމަތް ފޯރުވައިދިނުމަކީ، ޔުނިސެފުންވެސް އިސްކަންދޭ ކަމެއްކަން ބަޔާންކުރައްވައި، ޕަބްލިކް ހެލްތްގެ މަސައްކަތްތައް ލާމަރުކަޒު ކުރެއްވުމަށް ސަރުކާރުން ނިންމެވި ނިންމެވުމަށް މަރްޙަބާ ވިދާޅުވިއެވެ. އަދި ޔުނިސެފުން ރާއްޖޭގައި މިހާރު ހިންގަވާ މަސައްކަތްތަކުގެ ތެރޭގައި، ކުޑަކުދިން ޙިމާޔަތް ކުރުމާ ގުޅޭ ޤާނޫނީ އޮނިގަނޑު ހަރުދަނާ ކުރެއްވުމުގެ މަސައްކަތާއި، ސިޔާސަތު އެކަށައެޅުމުގެ މަސައްކަތުގައި ޔުނިސެފުގެ ބައިވެރިވުން އިތުރުކުރެއްވުން ހިމެނޭ ކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދާއި، ފޮރިން ޕޮލިސީ އެޑްވައިޒަރ ޑޮކްޓަރ އަޙްމަދު ޝަހީދާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަޙްމަދު ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ.