ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް، އޭޝިޔާ ޕެސިފިކް ޓެލެކޮމިއުނިޓީ، އޭ. ޕީ.ޓީ.ގެ ސެކްރެޓަރީ ޖެނެރަލް މިސްޓަރ ޓޮޝިޔުކީ ޔަމާދާ މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަކީ، ޖަޒީރާ ޤައުމަކަށްވުމުން، ޓެލެކޮމިއުނިކޭޝަންގެ އެކި ވަސީލަތްތައް ރާއްޖެއަށް ވަރަށް މުހިންމުކަން ފާހަގަކުރެއްވިއެވެ. މިގޮތުން، ރާއްޖޭގެ އެކިރަށްރަށަށް ޞިއްޙީ ޚިދްމަތްތައް ފޯރުއްވައި ދެއްވުމަށްޓަކައި ޓެލެމެޑިސިންގެ ޚިދްމަތް ޤާއިމް ކުރައްވާފައިވާ ކަމާއި، ސަރުކާރުގެ ތެރޭގައި ބޭނުންކުރެވޭ ލިޔެކިޔުންތައް އަވަސް ގޮތުގައި އެއް ދާއިރާއިން އަނެއް ދާއިރާއަށް އިންޓަރނެޓް މެދުވެރިކޮށް ފޮނުވުން ތަޢާރަފް ކުރެވިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ޕަބްލިކް ސެކްޓަރުގެ މަސައްކަތް ކުރުމަށާއި، ދަތުރުފަތުރުގެ ނިޒާމެއް ޤާއިމު ކުރުމަށްޓަކައި ޓެކްނޮލޮޖީގެ އެކި ވަސީލަތްތަކުގެ ބޭނުންކުރެވިދާނެ ގޮތްތަކާބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ.

އޭޝިޔާ ޕެސިފިކް ޓެލެކޮމިއުނިޓީގެ ސެކްރެޓަރީ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ޓެލެމެޑިސިންއާއި ޓެލެކޮމިއުނިކޭޝަން ތަރައްޤީކުރުމަށްޓަކައި ތަމްރީން ޕްރޮގްރާމްތައް ހިންގުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި ސްކޫލްތަކުގަޔާއި، ހެލްތް ސެންޓަރުތަކުގަޔާއި، ހޮސްޕިޓަލްތަކުގައި ޓެލެކޮމިއުނިކޭޝަންގެ ވަސީލަތްތައް ޤާއިމު ކުރެވި، ރާއްޖެ ތަރައްޤީވަމުންދަނީ ހަލުވިކަމާއެކުގައިކަން ފާހަގަކުރައްވައި، އެކަމާ އުފާކުރައްވާ ކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދާއި، ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ އަމީން ފައިޞަލާއި، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން މުޙަންމަދު ޢާދިލް ސަލީމް ބައިވެރިވެވަޑައިގެންނެވިއެވެ.