ރާއްޖޭގެ ނޫސްވެރިންނަށް ދިމާވާ ހުރިހާ ހުރަސްތަކުން އަރައިގަތުމަށް، ނޫސްވެރިންނާއެކު މަސައްކަތް ކުރެއްވުމުގައި ދެމިހުންނަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަހަރުގެ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރެއްވުމުގެ ގޮތުން، ދިވެހި މީޑިއާއާއި، މޯލްޑިވްސް މީޑިއާ ކައުންސިލް ގުޅިގެން ރޭ ދަރުބާރުގޭގައި ބޭއްވެވި "ނޫސްވެރިންގެ ހަވީރު 2011" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އަޅުގަނޑުމެންނަށް މިއަދު މިލިބިފައިވާ ނޫސްވެރިކަމުގެ ނުވަތަ، އަލަށް އަޅުގަނޑުމެންނަށް ފަށައިގަނެވިފައިމިވާ، ލިއުންތެރިކަމުގެ ގޮތްގަނޑާއި، ފާޑާއި، އަދި އެ ލިއުންތެރިކަމުގެ މިނިވަންކަން ލިބިފައިމިވަނީ، ޤާނޫނުއަސާސީގައި އެބަސްތައް މިހާރު ލިޔެވިފައި އޮތުމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، މި ޤާނޫނުއަސާސީ ހަދައިދިން ބަޔަކީ، ރާއްޖޭގެ ރައްޔިތުން ކަމަށް ވިދާޅުވެ، މި ޤާނޫނުއަސާސީ މިހާރު އޮތްގޮތަށް ލިޔެވިފައި މިވަނީ، ރާއްޖޭގެ ރައްޔިތުންގެ ވަރަށް ގިނަ ބަޔަކު، ވަރަށް ބުރަ މަސައްކަތެއް ކޮށްގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަދިވެސް ވިދާޅުވިއެވެ. " ރާއްޖޭގައި މިހާރު ޢަމަލުކުރެވެމުންދާ ޤާނޫނުއަސާސީއަކީ ޙަޤީޤަތުގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ނެތުމާ އިދިކޮޅަށް އައި ޤާނޫނުއަސާސީއެއް. އެއްވެއުޅުމުގެ މިނިވަންކަން ނެތުމާ އިދިކޮޅަށް އައި ޤާނޫނުއަސާސީއެއް. އަޅުގަނޑުމެންގެ ޤާނޫނުއަސާސީގެ މި އަސާސް އެހެންވީމާ، ޙަޤީޤަތުގައި، އޭގެ ރޫޙް ބިނާވެފައި އޮތީ އެއިރުގައި އޮތް ރޫޙާ އެއްގޮތަށް. އެއިރުގައި އެންމެން ކަންބޮޑުވެ ތިބި ކަންކަމަށް."
ނޫސްވެރިކަންއެއީ ދައުލަތުގެ ހަތަރުވަނަ ބާރުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، އެމަނިކުފާނުގެ ހުރިހާވެސް ބޭނުންފުޅަކީ އެ ބާރު، އޭގެ ފުރިހަމަ ގޮތުގައި ލިބިދީފައިވުން ކަމުގައި ވިދާޅުވިއެވެ. އަދި ޚުދުމުޚްތާރު ވެރިކަމެއްގެ އަޖަލުގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ޖެހުނީމާ އެވާގޮތަށްވުރެ، ސީދާ އެއް ވިޔަފާރިވެރިއެއްގެ ދަށަށް މީޑިއާ ބަދަލުވެއްޖިއްޔާ ދިމާވާ ދަތުރު ހަމައެހާމެ ހިތިވާނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ސީދާ ނޫސްވެރިންނަށް އެކަން ފެނުނު ގޮތަށް، އެކަން ހިނގިގޮތަށް، އެކަން ބަޔާންކޮށް ދިނުމުގެ އިޚްތިޔާރު ނޫސްވެރިޔާއަށް ފުރިހަމައަށް އޮންނާން ޖެހޭނެކަމަށް ނޫސްވެރިން ދެކޭނެކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ނޫސްވެރިކަމުގެ މިނިވަންކަން ކުރިއެރުއްވުން ދޫކޮށްލެއްވުމަށްފަހު، އެމަނިކުފާނު ހޯއްދަވަން އޮތް އެހެން ސިޔާސީ ފުރުޞަތެއްނެތް ކަމުގައިވެސް ވިދާޅުވިއެވެ.