އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ސައުތު އެންޑް ސެންޓްރަލް އޭޝިޔަން އެފެއާޒް، ރޮބަރޓް ބްލޭކް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަޙާއި، ބައިނަލްއަޤްވާމީ ސިޔާސީ މަސްރަޙާ، ޚާއްޞަ ގޮތެއްގައި މެދުއިރުމަތީގެ މަސްރަޙާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ރޮބަރޓް ބްލޭކް، ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ. އަދި ރާއްޖެއާއި އެމެރިކާއާ ދެ ޤައުމާ ގުޅުން ހުރި ބައިނަލްއަޤްވާމީ މައްސަލަތަކާއި، ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީއާއި، ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ އަމީން ފައިޞަލާއި، ފޮރިން ޕޮލިސީ އެޑްވައިޒަރ ޑޮކްޓަރ އަޙްމަދު ޝަހީދާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަޙްމަދު ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމަށްފަހު، ނޭޝަނަލް ލައިބްރަރީގައި ހުންނަ އެމެރިކަން ސެންޓަރގައި ރާއްޖޭގެ ނޫސްވެރިންނާ ބައްދަލުކުރައްވައި، އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ސައުތު އެންޑް ސެންޓްރަލް އޭޝިޔަން އެފެއާޒް ރޮބަރޓް ބްލޭކް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި އެމެރިކާއާއި ދެ ޤައުމުގެ ދެމެދުގައި މި އޮތް ގުޅުމަކީ، އެމެރިކާ ސަރުކާރުން ވަރަށް އަހަންމިއްޔަތުކަންދެއްވާ އަދި އެ ގުޅުމުގެ އަގު ވަޒަން ކުރައްވާ ގުޅުމެއް ކަމުގައި ވިދާޅުވިއެވެ.

މީގެއިތުރުން، ރާއްޖޭގައި ހަލުވިކަމާއެކު ހަރުދަނާވެ ތަރައްޤީވަމުން އަންނަ ޑިމޮކްރަސީގެ މި ޅަފަތުގައި، ރާއްޖެއިން ކުރިމަތިލާން ޖެހިފައިވާ ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން އެމެރިކާ ސަރުކާރުން ޤަބޫލު ކުރައްވާ ކަމުގައި ރޮބަރޓް ބްލޭކް ވިދާޅުވިއެވެ. މި ގޮންޖެހުންތަކާއެކުވެސް، ނިމިދިޔަ ލޯކަލް ކައުންސިލްގެ އިންތިޚާބު، ވަރަށް ވާދަވެރިކަމާއި ޞުލްޙަވެރިކަމާއި، އިންސާފުވެރިކަމާއެކު ބާއްވާފައިވާތީ، ރޮބަރޓް ބްލޭކް ރާއްޖެއަށް މަރުޙަބާ ވިދާޅުވިއެވެ.

ދިވެހި ނޫސްވެރިންނާ ބައްދަލުކުރައްވައި، ރޮބަރޓް ބްލޭކް ދެއްކެވި ވާހަކަފުޅުގައި، ޚާއްޞަގޮތެއްގައި އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގައި ރާއްޖެއިން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވައި، ރާއްޖެއަކީ ކުޑަ ޤައުމެއް ކަމުގައިވިޔަސް، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ހައިބަތާއި، ނުފޫޒު، ރާއްޖޭގެ ބޮޑުމިނާއަޅާ ބައްލަވާއިރު މާ ބޮޑުކަމުގައި ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަކީ، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން، އަޑުއުފުއްލެވުމުގައި، ދުނިޔޭގެ އެންމެ ވަރުގަދަ އެއް ލީޑަރު ކަމުގައި ރޮބަރޓް ބްލޭކް ވިދާޅުވިއެވެ.