2012 ވަނަ އަހަރު ފެށޭއިރު، ބާޒާރުގައި ހުރި މުދަލުގެ ވަރަށް ގިނަ ބާވަތްތަކަކީ، ޑިއުޓީ ނުނެގޭ ތަކެތި ކަމުގައި ހަމަޖެއްސުމަށް، ޑިއުޓީއަށް ބަދަލު ގެންނެވުމަށް އިރާދަކުރެއްވިއްޔާ، ޖޫން މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މަސައްކަތްތެރިންގެ ޙައްޤުތަކާއި އެފަދަ ފަރާތްތަކުގެ ޙައްޤުތައް ހިމާޔަތްކުރެވި، ކަނޑައެޅިފައި އޮންނަ ރަނގަޅު އުސޫލުތަކެއްގެ ތެރެއިން އެދެފަރާތަށްވެސް މަސައްކަތުގެ މާޙައުލުގައި ހަރަކާތްތެރިވެވޭނެ ގޮތްތަކެއް ހޯއްދަވައިދެއްވުމުގެ މުހިންމުކަމުގެ މައްޗަށާއި، އެފަދަ ކަންކަމުގެ މަޢްލޫމާތު ދެއްވުމަށްޓަކައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، އެމްޕްލޯއިމަންޓް އެންޑް ލޭބަރުން އިންތިޒާމް ކުރައްވައިގެން މިއަދު ހެނދުނު ފެށްޓެވި ވަރކްޝޮޕް، އިފްތިތާޙް ކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޑިއުޓީ ކަނޑާލުމުން، ތަކެތީގެ އަގު ވިހި ފަނަރަ އިންސައްތައިން ދަށްވެގެން ދާނެކަމަށް ސަރުކާރުން ދެކެވަޑައިގަންނަވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން އިންކަމް ޓެކްސްއެއް ތަޢާރުފުކުރެއްވުމަށް ނިންމަވާފައިވާކަންވެސް ހާމަކުރައްވައި، އެއީ، ވަކި ވަރަކަށްވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން ނަންގަވާ ޓެކްހެއް ކަމަށް ވިދާޅުވިއެވެ. މިކަމުގެ ތަފްޞީލު ދެއްވަމުން ސަރުކާރުން ގަސްތުކުރައްވަނީ، މަހަކު ތިރީސް ހާސް ރުފިޔާއަށް ވުރެ މަތިން އާމްދަނީ ލިބޭފަރާތްތަކުގެ އަތުން ޓެކްސް ނެންގެވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިގެނެވޭ ބަދަލުގެ ސަބަބުން، ދައުލަތަށް އާމްދަނީ ލިބޭ މަގުތައް އެއީ، ދެމެހެއްޓެނިވި އާމްދަނީއެއް ފޯރުކޮށްދޭ މަގުތަކަކަށް ބަދަލުވެގެންދާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ، މަސައްކަތްތެރީންގެ ޙައްޤުތަކާއި، ވަޒީފާދޭ ފަރާތްތަކުގެ ޙައްޤުތައް ހިމާޔަތް ކުރެވި، ކަނޑައެޅިފައި އޮންނަ ރަނގަޅު އުޞޫލުތަކެއްގެ ތެރެއިން އެ ދެފަރާތަށްވެސް މަސައްކަތުގެ މާޙައުލުގައި ހަރަކާތްތެރިވެވޭނެ ގޮތްތަކެއް ހޯއްދަވައިދެއްވުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމައެއާއެކު، ރާއްޖޭގެ އިޤްތިޞާދަށް ގެންނާންޖެހޭ ބަދަލު ގެނައުން ޚާއްޞަ ކުރެވެން ޖެހެނީ، ފައިސާގެ އަގު ކަނޑައެޅުމަށް ގެންގުޅޭ އުސޫލަށް ބަދަލުގެނައުމާއި، ދައުލަތަށް އާމްދަނީ ހޯދޭ ހަމަތައް ބަދަލުކުރުމާއި، އަދި ހަމއެހެންމެ، ރާއްޖޭގައި މަސައްކަތްކޮށްދެވޭނެ އަގު ކަނޑައެޅުމަށް އުސޫލުތަކެއް އެކުލަވާލުމުގެ ބޮޑު ބަދަލުގެ މައްޗަށްކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޤައުމުތަކުގެ މާލީ ކަންކަމަށް ބަދަލު ގެނައުމަށް ގިނަ ސިޔާސީ ވެރިން ޖެހިލުންވާކަމީ، ދުނިޔޭގެ ވެރިކަމުގެ ތާރީޚުގައި ސާދާކޮށް ފެންނާން އޮތް ޙަޤީޤަތެއް ކަމުގައިވެސް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ގިނަ ސިޔާސީ ވެރިންނަށް، ޤައުމުގެ ފައިސާއާ ގުޅޭގޮތުން ބަދަލުގެނައުމާއި، މުސާރައިގެ މިންގަނޑުތަކަށް ބަދަލުގެނައުމާއި، ޓެކްސް ނެގޭ ގޮތަށް ބަދަލު ގެނައުންފަދަ ކަންކަން ކުރާން ނުކެރި، ފިނޑިވެފައި ތިބޭންޖެހެނީ، ބާރުގަދަ މަދު މީސްކޮޅެއްގެ ފިއްތުންތަކަށް ދީލާލަން ޖެހޭކަމުންނެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ދިވެހި ރައްޔިތުން މިއަދު އިންތިޚާބު ކުރައްވާފައި މިވަނީ، އެފަދަ ވެރިއެއް ނޫންކަމުގެ ފުރިހަމަ ޔަޤީންކަން ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ އަދިވެސް ވިދާޅުވިއެވެ. "މިއަދުގެ ސަރުކާރުން ކުރާނީ ދެމެހެއްޓެނިވި ގޮތުގައި ރައްޔިތުންނަށް ފައިދާ ހުރިކަންކަން. ސިޔާސީ ފުރުސަތަކަށްޓަކައި އަޅުގަނޑުމެންގެ އިޤްތިޞާދާއި، އެ އިޤްތިޞާދާ ގުޅިފައިވާ އެތައް ޢާއިލާއެއްގެ ހާލަތު، އެތައް ޒަމާނެއް ވާންދެން ހަމަ އިހުވެސް އޮތް ގޮތުގައި، އޮތް މިންވަރުގައި ބޭއްވުމުގެ ވަރިހަމަކަމަކީ، މި ސަރުކާރުގެ އުސޫލެއް ނޫން. މި ސަރުކާރު އުފެދިފައިމިވަނީ ރައްޔިތުންނަށްޓަކައި. މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ ހެވާއި ލާބައަށް."
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހި ފައިސާގެ ހަމަ އަގު ހޯދުމަށްޓަކައި، ސަރުކާރުންވަނީ ބޭރުފައިސާގެ މުޢާމަލާތްތަކަށް އިތުރު ހުޅުވާލުމެއް ގެންނަވާފައި ކަމަށާއި، ފައިސާގެ އަގަށް އެވަނީ ވަކި ބޭންޑެއްގެ ތެރޭގައި ބަދަލުވެވޭނެ ޖާގަ ދެވިފައި ކަމުގައިވެސް ވިދާޅުވިއެވެ. ޑޮލަރުގެ އަގު ބޮޑުވުމާ ގުޅިގެން ބާޒާރުގެ އަގުތައް މިވަނީ ކޮންމެވެސް މިންވަރަކަށް އުފުލިފައި ކަމަށާއި، އެހެންނަމަވެސް، ޑޮލަރުގެ އަގު އައިސް ހުއްޓޭނެ ތަނެއް އަދި ކަށަވަރު ނުވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ، މުދަލާ ޚިދުމަތުގެ އަގު ތިރި ކުރެއްވުންކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރައްވަމުން، މާލީ ނިޒާމަށް މިގެނެވޭ ބަދަލުގެ ސަބަބުން، ބާޒާރުގެ އަގުތައް ތިރިކުރުމަށްޓަކައި، ސަރުކާރަށް ބޭނުން ކުރެވޭނެ ވަސީލަތްތައް އިތުރުވެގެން ހިނގައްޖެ ކަމުގައި ވިދާޅުވިއެވެ. ދިވެހި ރުފިޔާގެ އަގު މައްޗަށް ގެންގޮސްފިނަމަ ތަކެތީގެ އަގު ތިރިވާނެކަން މިދަނީ ސާފުވަމުން، އަދި ރުފިޔާގެ ހަމަ އަގު ފާހަގަވަމުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސަރުކާރުން ކުރައްވާ ޚަރަދު ކުޑަކުރައްވައިފިނަމަ އެކަމުގެ އަސަރު ކުރާނެ ފަރާތްތައް މަދެއްނުވާނެ ކަމަށާއި، ތަރައްޤީއަށް އެޅޭ ހުރަސް ކުޑައެއްވެސް ނުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންކަމުން، އެމަގަށް ދިއުމަކަށް ސަރުކާރުން އަދި ގަސްތު ނުކުރައްވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވަމުން، ރާއްޖޭގެ މާލީ އަދި އިޤްތިޞާދީ ނިޒާމު ހަރުދަނާކުރުމަށްޓަކައި އަޅަންޖެހޭ ބިންގާ މިހާރު މިވަނީ އެޅިފައި ކަމުގައި ވިދާޅުވިއެވެ. މާލީ އަދި އިޤްތިޞާދީ ނިޒާމަށް ގެންނަވަމުން މިގެންދަވާ ބަދަލުތަކުގެ އެންމެފަހުގެ މަސައްކަތް، މި މެއި މަހުގެ ނިޔަލަށް ނިންމެވުމަކީ، ސަރުކާރުގެ އަމާޒު ކަމަށާއި، އިތުރަށް ކުރާން ހުރި ކަންކަން ވެގެންދާނީ، ބާޒާރުގައި ހުރި މުދަލަށްވެސް ބޮޑެތި ހެޔޮ ބަދަލުތަކެއް އަންނާނެ ކަންކަމަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މާލީ އަދި އިޤްތިޞާދީ ނިޒާމު ހަރުދަނާކުރެއްވުމަށް، ސަރުކާރުން ކުރިއަށް މިގެންދަވާ މަސައްކަތްތަކުގެ ސަބަބުން، ވަޒީފާގެ ބާޒާރަށް ހެޔޮ ބަދަލު އަންނާނެކަންވެސް ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ބޭނުންތެރިކަން ބޮޑުކަމީ، މި ސަރުކާރުން ބަލައިގަންނަ ޙަޤީޤަތެއްކަންވެސް ހާމަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވަޒީފާ ދޭފަރާތްތަކުގެ ޙައްޤުތައް ފުރިހަމައަށް ރައްކާތެރި ނުކުރެވިއްޖެނަމަ، ކުރާނެ މަސައްކަތް މަދުވާނެ ކަމަށެވެ. ވިޔަފާރީގެ ފައިދާ ނުނެރެވޭނަމަ، ވިޔަފާރިއެއް ނުހިނގާނެ ކަމަށެވެ. މަސައްކަތުގެ އަގު ބޮޑުވުމުގެ ސަބަބުން ފައިދާ ނުވާވަރު ވެގެނެއްނުވާނެ ކަމަށެވެ. އަދި މިއަދު ރާއްޖޭގައި، ޤާއިމުކުރެވިފައި މިވާ ލޭބަރ ރިލޭޝަންސް އޮތޯރިޓީއާއި، އެމްޕްލޯއިމަންޓް ޓްރައިބިއުނަލްއާއި އަދި ހަޅުތާލު ކުރުމާ ގުޅޭގޮތުން އެކަލަވާލެވިފައި މިވާ އުސޫލުތަކުގެ އެންމެ ބޮޑު އެއް ބޭނުމަކީ، އެ އުސޫލުތައް މެދުވެރިކޮށްގެން، މަސައްކަތުގެ އަގު ކަނޑައެޅޭ ހަމަތައް ހޯދުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.