ސިންހަޅަ އަދި ހިންދޫ އާ އަހަރު ފާހަގަ ކުރުމަށް ރާއްޖޭގައި ހުންނަ ސްރީލަންކާގެ ހައި ކޮމިޝަނުން އިންތިޒާމު ކުރައްވައިގެން ބޭއްވެވި ހަރަކާތްތައް ފެށްޓެވުމުގެ ގޮތުން މިއަދު ހެނދުނު ހެންވޭރު ބޯޅަ ދަނޑުގައި ބޭއްވެވި ޙަފްލާގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ބައިވެރިވެވަޑައިގެންފިއެވެ.

މި ޙަފްލާގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ސްރީލަންކާއަކީ ރާއްޖޭގެ އެންމެ ޒަމާންވީ، އެންމެ ގާތް ރަޙްމަތްތެރި ޤައުމު ކަމަށާއި، ރާއްޖެއާއި ސްރީލަންކާއަކީ ތާރީޚީ، ޘަޤާފީ އަދި އާދަކާދައިގެ ގޮތުން ވަރަށް އެއްގޮތް ދެ ޤައުމުކަން ފާހަގަކުރެއްވިއެވެ. ރާއްޖެއާއި ސްރީލަންކާ އާ ދެ ޤައުމުގެ ދެމެދުގައި ތަރައްޤީގެ ގިނަ ރޮނގުންތަކުން ޒަމާނުއްސުރެ ވަރަށް ހަރުދަނާ ގުޅުމެއް އޮންނަ ކަމަށާއި، ރާއްޖޭގެ ތަރައްޤީގައި ސްރީލަންކާގެ ވަރަށް ބޮޑު ޙިއްޞާއެއް އެކުލެވޭ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. މިގޮތުން، ރާއްޖޭގައި ޒަމާނީ ތަޢުލީމު ފެށިގެން އައީ ސްރީލަންކާގެ ޓީޗަރުންނާއެކުގައި ކަމަށާއި، ރާއްޖޭގެ ޓުއަރިޒަމާއި ވިޔަފާރީގެ ދާއިރާގައި ސްރީލަންކާގެ ބޮޑެތި އިންވެސްޓްމަންޓްތަކެއް ހިމެނޭ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. މީގެއިތުރުން، ރާއްޖޭގައި މަސައްކަތްކުރާ ސްރީލަންކާގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުންނަކީ، ރާއްޖޭގެ އިޤްތިޞާދުގައި، އަދި ޤައުމީ ތަރައްޤީގައި ވަރަށް މުހިންމު ދައުރެއް އަދާ ކުރާ ބައެއް ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.

ސިންހަޅަ އަދި ހިންދޫ އާ އަހަރު ފެށުން ފާހަގަކުރެއްވުމަށް ސްރީލަންކާ ހައިކޮމިޝަނުން އިންތިޒާމް ކުރައްވައިގެން ބޭއްވެވި ޙަފްލާގައި، ސްރީލަންކާގެ ޘަޤާފީ ކުޅިވަރުތަކާއި، އާދަކާދައިގެ ތެރޭގައި ހިމެނޭ ވަރަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ދިޔައެވެ. މި ހަރަކާތްތައް ފެށުމުގެ ގޮތުން ބޭއްވެވި ރާއްޖެއާއި ސްރީލަންކާގެ އެކުވެރިކަމުގެ ދުވުން ފަށްޓަވައި ދެއްވީ ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދެވެ.