ތޫނު ހަތިޔާރާއި، އެހެނިހެން ތަކެތި ބޭނުންކޮށްގެން މާލެއާއި އަތޮޅުތަކުގައި ހިންގަމުން ގެންދާ ނުރައްކާތެރި މާރާމާރީއާއި، ގޭންގުތަކުގެ ޙަރަކާތްތައް ހުއްޓުމަކަށް ގެނައުމަށް ދައުލަތުގެ ތިން ބާރާއި ކަމާގުޅޭ އެހެނިހެން އިދާރާތައް ގުޅިގެން ކުރާ މަސައްކަތުގައި ރާއްޖޭގެ ހުރިހާ ރައްޔިތުން އެއްބާރުލުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އެދިވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގަތީ، މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، ކުށްތައް ހުއްޓުވުމަށް، ދައުލަތުގެ ތިން ބާރާއި، ކަމާގުޅޭ އެހެނިހެން އިދާރާތައް ގުޅިގެން މަސައްކަތްތައް ގެންދެވުމަށް އުފައްދަވާފައިވާ ކްރައިމް ޕްރިވެންޝަން ކޮމިޓީން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މާލެއާއި އަތޮޅުތަކުގައި ހިންގަމުން ގެންދާ ނުރައްކާތެރި މާރާމާރީއާއި، ގޭންގުތަކުގެ ޙަރަކާތްތައް ހުއްޓުމަކަށް ގެނައުމުގައި، ދައުލަތުގެ ތިން ބާރާއި، ކަމާގުޅޭ އެހެނިހެން އިދާރާތައް ގުޅިގެން، ކްރައިމް ޕްރިވެންޝަން ކޮމިޓީން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާބެހޭ މަޢްލޫމާތު، އެ ކޮމިޓީގެ ބޭފުޅުން، ރާއްޖޭގެ ޓީވީ ޗެނަލްތައް މެދުވެރިކުރައްވައި، ރައްޔިތުންނާ ރޭގައި ވަނީ ޙިއްޞާ ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި މެއި މަހުގެ 1 ވަނަ ދުވަހަކީ، ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަސް ކަމަށްވުމާއެކު، މިއަހަރުން ފެށިގެން ދިވެހިރާއްޖޭގައިވެސް އެދުވަހަކީ، ރަސްމީ ބަންދު ދުވަހެއް ކަމަށް ކަނޑައަޅުއްވާފައިވާކަން ބަޔާންކުރައްވައި، އެދުވަހުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. މި ރޮނގުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ސަރުކާރުގެ އެންމެ މުހިއްމު އެއް ސިޔާސަތަކީ، މަސައްކަތްތެރީންގެ ޙައްޤުތަކާއި، ވަޒީފާދޭ ފަރާތްތަކުގެ ޙައްޤުތައް ހިމާޔަތް ކުރެވި، ކަނޑައެޅިފައި އޮންނަ ރަނގަޅު އުޞޫލުތަކެއްގެ ތެރެއިން އެ ދެފަރާތަށްވެސް މަސައްކަތުގެ މާޙައުލުގައި ހަރަކާތްތެރިވެވޭނެ ގޮތްތަކެއް ހޯއްދަވައިދެއްވުން ކަމުގައި ވިދާޅުވިއެވެ. އަދި އެފަދަ ކަންކަމުގެ މަޢުލޫމާތު ދިނުމުގެ ވަރކްޝޮޕެއް، ހިއުމަން ރިސޯސަސް މިނިސްޓްރީން އެދުވަހު ދަރުބާރުގޭގައި ބާއްވާގޮތަށް ހަމަޖެހިފައިވާތީ، އެ ވަރކްޝޮޕްގެ ބޭނުންތެރިކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، ޞިއްޙީ ޚިދްމަތްތައް ރަނގަޅު ފެންވަރެއްގައި ވިޔަފާރި ފޫބެއްދޭ އުސޫލުން ދެއްވުމަށްޓަކައި އުފެއްދެވި މާލޭ ހެލްތް ސަރވިސަސް ކޯޕަރޭޝަނަށް 1 އަހަރު ފުރުމާ ގުޅިގެން، ކުންފުނީގެ ޗެއަރމަނަށާއި، މެނެޖިންގ ޑިރެކްޓަރަށާއި، ބޯޑުގެ އެހެން މެންބަރުންނަށާއި، ކުންފުނީގެ އެންމެހާ މުވައްޒަފުންނަށް ތަހުނިޔާ ވިދާޅުވެ، ކުންފުނި އުފެއްދެވި މަޤްޞަދުތައް ޙާޞިލު ކުރެއްވުމުގެ މަސައްކަތް ރަނގަޅު މަގަށް އެޅެމުންދާކަން ފާހަގަކުރެއްވިއެވެ. އަދި އެ ކުންފުނީގެ ދަށުން ހިނގަމުންދާ ޞިއްޙީ ޚިދްމަތްދޭ ތަންތަން ކުރިއެރުވުމަށް ތަފާތު އެކި ފިޔަވަޅުތައް ކުންފުނިން އަޅުއްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެ، ކުރިއަށް އޮތް ތިން ހަތަރު މަހެއްގެ ތެރޭގައި، ކޯޕަރޭޝަންގެ ޚިދްމަތްތައް ވަރަށް ބޮޑަށް ހަރުދަނާ ކުރެއްވުމުގެ މަސައްކަތްތައް، އެ ކުންފުނިން މިހާރު ކުރައްވަމުން ގެންދަވާކަންވެސް އެމަނިކުފާނު ބަޔާންކުރެއްވިއެވެ.

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ އެތެރޭގެ އިންތިޚާބު، މާދަމާ ބާއްވާ ގޮތަށް ހަމަޖެހިފައިވުމާއެކު، މި އިންތިޚާބަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، އެމް.ޑީ.ޕީ.ގެ ވަރުގަދަ އެކިއެކި ބޭފުޅުން ވަރަށްވެސް ވާދަވެރި ކެމްޕޭންތައް ކުރައްވައި، އައުލާ މަސައްކަތްތަކެއްވަނީ ކުރައްވާފައި ކަމުގައި ވިދާޅުވިއެވެ. ސިޔާސީ ޕާޓީއެއްގެ އެތެރޭގެ އިންތިޚާބެއްގައި ހުންނަންވާނެ އުޞޫލުތަކާއި ހަމަތަކާއި ގަވާއިދުތަކުގެ އިތުރުން، މިފަދަ ކަންކަމުގެ ފޯރިއާއި ޖޯޝް، އެބޭފުޅުން ވަރަށް ރަނގަޅަށް ހާމަކޮށްދެއްވައިފި ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެމް.ޑީ.ޕީ.ގެ މި އިންތިޚާބަކީ، ވާދަވެރި ސިޔާސީ ޕާޓީތަކުން އެކި ރިވެތި މިސާލާއި ފިލާވަޅުތައް ދެނެވަޑައިގަންނަވާނެ ޙަރަކާތަކަށް ވެގެންދާތީ، އެކަމާ އުފާފުޅު ކުރައްވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދަކީ، އިނގިރޭސި ވަލީ ޢަހުދު ޕްރިންސް ޗާރލްސްގެ ދަރިކަލުން ޕްރިންސް ވިލިއަމާއި، ކެތަރީން މިޑްލްޓަންގެ ކައިވެނީގެ ކުލަގަދަ ރަސްމިއްޔާތު ބޭއްވޭ ދުވަސްކަމަށްވުމާއެކު، ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި މިކަން ފާހަގަކުރައްވައި، މި އުފާވެރި މުނާސަބަތުގައި، އެދެކަނބަލުންނަށް، ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަނބިކަނބަލުންނާއި، ދިވެހި ރައްޔިތުންނާއި ސަރުކާރުގެ ނަމުގައި ވަރަށްވެސް މަތިވެރި ތަހުނިޔާއެއް ވިދާޅުވެ، މުބާރަކްބާދީ އަދާކުރެއްވިއެވެ. ކެތަރީން މިޑްލްޓަނަށާއި ޕްރިންސް ވިލިއަމަށް އުފާވެރި ބާއްޖަވެރި މުސްތަޤްބަލަކަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. އަދި އިނގިރޭސި ރާނީ އިލިޒަބަތު ދެވަނައަށާއި، އެކަމަނާގެ ފިރިކަލުން ޑިޔުކް އޮފް އެޑިންބަރާއަށާއި، ޝާހީ ޢާއިލާގެ ހުރިހާ ބޭފުޅުންނަށްވެސް، މި މުނާސަބަތުގެ އިޚްލާޞްތެރި ހެޔޮއެދުންތައް ރައީސުލްޖުމްހޫރިއްޔާ އަރިސް ކުރެއްވިއެވެ.