ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ހައްދުންމަތީގެ ބައެއް ރަށްރަށަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި، އެ އަތޮޅު ފޮނަދުއަށާއި، ގަމަށް މިއަދު ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ދެރަށަށް ކުރެއްވި ދަތުރުފުޅުގައި، އެ ދެ ރަށުގެ ރަށު ކައުންސިލާ ބައްދަލުކުރައްވައި، އެ ދެ ރަށުގައި ސަރުކާރުން ހިންގަވަމުން ގެންދަވާ އަދި ހިންގެވުމަށް ހަމަޖައްސަވާފައިވާ ތަރައްޤީގެ ޕްރޮގްރާމްތަކާއި، ކައުންސިލުން، ރަށާ ގުޅޭ ކަންކަން ހިންގަވަމުން ގެންދެވުމުގައި، ސަރުކާރުގެ ޕްރޮގްރާމްތަކާއި ޚިދްމަތްތައް ހިންގެވުމަށް ހަމަޖެހިފައި ހުންނަންޖެހޭ އިންތިޒާމްތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

ފޮނަދޫގައި ސަރުކާރުން ހިންގެވުމަށް ހަމަޖެހިފައިވާ ތަރައްޤީގެ ޕްރޮގްރާމްތަކުގެ ތެރެއިން، ފޮނަދޫގެ ނަރުދަމާ ނިޒާމް ޤާއިމު ކުރެއްވުމުގެ މަސައްކަތް މިހާރުވަނީ ޖަޕާނުގެ ކުންފުންޏަކާ ހަވާލުކުރައްވާފައެވެ. އަދި ސަރުކާރުން ހިންގަވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ފޮނަދޫގައި 100 ގެ އެޅުމަށް ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ. މީގެއިތުރުން، 2009 ވަނަ އަހަރު ސަރުކާރުން ވަނީ އެ ރަށުގައި ޔޫތު އެންޑް ސްޕޯޓް ސެންޓަރެއް ޤާއިމް ކުރައްވައި، 2010 ވަނަ އަހަރު، ފޮނަދޫގައި 885 ފޫޓު 270 ފޫޓުގެ ބަނދަރެއްވަނީ ހައްދަވާފައެވެ.

ގަމުގައި ހިންގެވުމަށް ހަމަޖެހިފައިވާ ތަރައްޤީގެ ޕްރޮގްރާމްތަކުގެ ތެރެއިން، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ މައިގަނޑު މަސައްކަތްތަކެއް، ގަމުގައި ހިންގެވުމަށް ސަރުކާރުން ހަމަޖައްސަވާފައިވެއެވެ. މިގޮތުން، ގަމުގައި 200 ގެ އެޅުމަށް ސަރުކާރުން ހަމަޖައްސަވާފައިވެއެވެ. އަދި، ގަމުގެ ނަރުދަމާ ނިޒާމު ޤާއިމް ކުރެއްވުމުގެ ފުރަތަމަ މަރުޙަލާގެ މަސައްކަތްތައް ސަރުކާރުން މިހާރުވަނީ ފަށްޓަވާފައެވެ.

މީގެއިތުރުން، ގަމު މުކުރިމަގުގައި ސަރުކާރުން ހެއްދެވުމަށް ހަމަޖެހިފައިވާ ބަނދަރުގެ މަސައްކަތް 2010 ވަނަ އަހަރުގެ އޯގަސްޓްމަހު ވަނީ މުޅިން ނިމިފައެވެ. މިއީ، 430 ފޫޓު 230 ފޫޓުގެ ބަނދަރެކެވެ. އަދި ގަމު ރީޖަނަލް ހޮސްޕިޓަލް ތަރައްޤީ ކުރެއްވުމުގެ މަޝްރޫޢުގެ ދަށުން، 50 އެނދުގެ ހޮސްޕިޓަލްގެ ހުރިހާ މަސައްކަތެއް ނިމި، އެމަރޖެންސީ ރޫމަކާއި، ސްކޭން ރޫމަކާއި، ދެ އޮޕަރޭޝަން ތިއޭޓަރާއި އަދި ބޭސްފިހާރައަކާއެކު، މިއަހަރުގެ ފެބްރުއަރީމަހު ވަނީ ޚިދުމަތް ދެއްވަން ފަށްޓަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ، ފޮނަދުއަށާއި ގަމަށް ކުރެއްވި ދަތުރުފުޅުގައި، އެ ދެ ރަށުގެ ތަޢުލީމީ، ޞިއްޙީ އަދި އިޖްތިމާޢީ ޚިދުމަތް ފޯރުވައި ދިނުމުގެ ވަސީލަތްތައް ހުރި ނެތް ގޮތް ބައްލަވާލެއްވިއެވެ. މިގޮތުން ފޮނަދުއަށް ކުރެއްވި ދަތުރުފުޅުގައި، ފޮނަދޫ ސްކޫލަށާއި، އިރުޝާދިއްޔާ ޕްރީ ސްކޫލަށާއި، ޞިއްޙީ މަރުކަޒަށާއި އަދި އިންޖީނުގެއަށް ޒިޔާރަތް ކުރައްވައި އެތަންތަނުގެ އިސްވެރިންނާ ބައްދަލުކުރެއްވިއެވެ. އަދި، ގަމަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅުގައި، ގަމު ޤަޠަރު އަމީރު ސްކޫލަށާއި، ގަމުގައި އަލަށް އާބާދު ކުރެވުނު ސަރަހައްދުގައި ހުރި ސްކޫލަށާއި، ގަމު ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތް ކުރެއްވިއެވެ. މީގެއިތުރުން، ކައްދޫގައި ހުންނަ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، ސެންޓްރަލް އޭރިޔާގެ މަރުކަޒަށްވެސް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތް ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ހައްދުންމައްޗަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތީ މިއަދު ހަވީރުއެވެ.