ޒުވާނުން ވަޒީފާ ހޯދުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ޒުވާނުން ވަޒީފާގެ މާޙައުލަށް އަހުލުވެރިކުރުވުމަށް ދިރާގުން ހިންގެވި ދިރާގު އެޕްރެންޓިސް ޕްރޮގްރާމް 2011 ގެ ސެޓްފިކެޓް ދިނުމުގެ ޖަލްސާގައި، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ބައިވެރިވަޑައިގެންފިއެވެ.
މިއަދު ހެނދުނު ޓްރޭޑަރސް ހޮޓެލްގައި ބޭއްވެވި މި ޖަލްސާގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، އަދުގެ ވާދަވެރި ވަޒީފާގެ ބާޒާރުގައި، މިފަދަ މަސައްކަތު ބައްދަލުވުންތައް ބޭއްވުމަކީ، ޒުވާނުންގެ ކުރިމަގު ބައްޓަން ކުރުމުގައި މުހިންމު ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި ދިރާގުގެ ފަރާތުން މި ޕްރޮގްރާމް އިންތިޒާމްކުރައްވައި ކުރިއަށް ގެންދަވާފައިވަނީ، ވަރަށް ފުރިހަމައަށް ކަމަށް ދެކެވަޑައިގަންނަވާ ކަމުގައިވެސް ވިދާޅުވިއެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، ޒަމާނާ ގުޅޭގޮތުން ދިރިއުޅުމަށާއި، މަސައްކަތުގެ ވެށްޓަށް އަންނަ ބަދަލުތަކުގައި މީޑިއާގެ ބޭނުންކޮށް، ދުނިޔެ ގުޅިލާމެހިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި އެއް ޚިޔާލުތަކެއް ގެންގުޅޭ މުޖްތަމަޢެއްގައި ފޭސްބުކާއި ޓްވިޓަރފަދަ މީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން، މަޢުލޫމާތު ފޯރުވައިދިނުމާއި، މަސައްކަތުގެ މާޙައުލުގައި އެ މަޢުލޫމާތުގެ ބޭނުން ހިފުމަށްޓަކައި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަކީ، މުހިންމު ކަމެއް ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ އާ ޑިމޮކްރެޓިކް ނިޒާމުގައި އާ ޚިޔާލުތަކަކާއި ފިކުރުތަކެއް އެކުލެވިގެންވާއިރު، މީޑިއާގެ އެކި ވަސީލަތްތަކުގެ އެހީގައި ރައްޔިތުންނަށް، އާ ހޭލުންތެރިކަމެއް ލިބޭނެ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އަދި މުސްތަޤްބަލުގެ އިޤްތިޞާދު ބައްޓަންކުރުމަށްޓަކައި ޒުވާނުންނަށް ބޭނުންވާ ހުނަރުތައް އުނގަންނައިދިނުމަށް ބާރުއަޅުއްވައި، މަސައްކަތުގެ މާޙައުލު ތަރައްޤީ ކުރުމަށްޓަކައި، ޒުވާނުން ވަޒީފާއަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުމުގެ މުހިންމުކަމުގެ މައްޗަށްވެސް ނައިބު ރައީސް ބައްލަވާލެއްވިއެވެ. އަދި ދިރާގުފަދަ އަމިއްލަ ކުންފުނިތަކުން މިފަދަ ހަރުދަނާ ޕްރޮގްރާމްތައް ހިންގުމަކީ ރާއްޖޭގެ އިޤުތިޞާދު ބައްޓަންކުރުމުގައި ސަރުކާރަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު ހިތްވަރެއްކަން ފާހަގަކުރައްވައި، ނައިބު ރައީސް، ދިރާގަށް ޝުކުރުއަދާކުރެއްވިއެވެ.