ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ހައްދުންމަތީގެ ބައެއް ރަށްރަށަށް މިއަދު ހެނދުނު ފެށްޓެވި ދަތުރުފުޅުގައި، އެ އަތޮޅު އިސްދުއަށާއި މާވަށަށް ވަޑައިގެން، އެ ދެރަށުގެ ރަށު ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.

އިސްދޫ ރަށު ކައުންސިލާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އިސްދޫއާއި ކަޅައިދޫގެ ކައުންސިލުން ގުޅިގެން ދެ ރަށުގެ ތަރައްޤީ ގުޅުވާލައިގެން، ދެ ރަށުގެ ތަރައްޤީއަށް އެކުގައި މަސައްކަތް ކުރުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި ރަށުގެ ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭން އެކުލަވާލާއިރުގައިވެސް، ދެރަށް އެކުގައި ޕްލޭން އެކުލަވާލުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އިސްދޫ ރަށު ކައުންސިލުންވެސް މިކަމުގެ ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ.

މީގެއިތުރުން، އިސްދޫގެ ތަރައްޤީގެ މަޝްރޫޢުތަކާއި، އިސްދޫގެ އިޤްތިޞާދު ހަރުދަނާކުރެއްވުމަށް ކައުންސިލުން އިސްނަންގަވައިގެން ކުރެއްވެން ހުރި ކަންކަމާ ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ، އިސްދޫ ކައުންސިލްގެ މަޝްވަރާ ހޯއްދެވިއެވެ.

އިސްދޫއަކީ، ސަރުކާރުން ހިންގެވި ބަނދަރު ހެއްދެވުމުގެ ޕްރޮގްރާމްގެ ދަށުން، 2010 ވަނަ އަހަރު އަހަރު 400 ފޫޓް 250 ފޫޓުގެ ބަނދަރެއް ހައްދަވައިދެއްވާފައިވާ ރަށެކެވެ. އަދި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ދަށުން، އިސްދޫގައި 150 ގެ އެޅުމަށް ސަރުކާރުންވަނީ ހަމަޖައްސަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ، މާވަށު ރަށު ކައުންސިލާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ރަށަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެއްވުން، ސައުތު ސެންޓްރަލް ޔޫޓިލިޓީ ކުންފުންޏާ ހަވާލުކުރެއްވުމަށް ނިންމެވުމާމެދު ބައެއް ރައްޔިތުންގެ މެދުގައި އުފެދިފައިވާ ހިތްހަމަނުޖެހުންތައް، ވާހަކަ ދައްކައިގެން ޙައްލުކުރެއްވުމުގެ މައްޗަށް ބާރުއަޅުއްވައި ވާހަކަފުޅު ދެއްކެވިއެވެ. މީގެއިތުރުން، މާވަށުގެ ތަރައްޤީއާ ގުޅިފައިވާ މަޝްރޫޢުތަކާއި ޕްރޮގްރާމްތަކާބެހޭގޮތުން ރަށު ކައުންސިލާއެކު ރައީސުލްޖުމްހޫރިއްޔާ މަޝްވަރާ ކުރެއްވިއެވެ.

މާވަށަކީ، ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ބަނދަރު ހެއްދެވުމަށް، މި އަހަރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ތެރޭގައި ހިމެނިފައިވާ ރަށެކެވެ. އަދި، މާވަށުގެ ނަރުދަމާގެ މަޝްރޫޢު ހިންގެވުން ސަރުކާރުންވަނީ ބީލަމަށް ލައްވާފައެވެ. މީގެއިތުރުން، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ދަށުން މާވަށުގައި 50 ގެ އެޅުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ، އިސްދޫ ރަށު ކައުންސިލާއި މާވަށު ރަށު ކައުންސިލާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން، ރަށުގެ ރައްޔިތުންނާއެކު އޮންނަ ގުޅުން ހަރުދަނާ ކުރައްވައި، ރައްޔިތުންގެ ބައިވެރިވުމާއެކު ރަށުގެ ތަރައްޤީގެ މަސައްކަތް ކުރިއަށް ގެންދެވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، އިސްދޫއަށް ކުރެއްވި ދަތުރުފުޅުގައި، އިސްދޫ ސްކޫލަށާއި، ޞިއްޙީ މަރުކަޒަށް ޒިޔާރަތް ކުރައްވައި، އެތަންތާނގެ އިސްވެރިންނާ ބައްދަލުކުރެއްވިއެވެ. އެމަނިކުފާނު އިސްދުއަށް ވަޑައިގެންނެވުމަށްފަހު، އެ ރަށާ ގުޅިފައިވާ ކަޅައިދުއަށް ވަޑައިގެން ކަޅައިދޫ ސްކޫލަށާއި، ކަޅައިދޫ އިންޖީނުގެއަށް ޒިޔާރަތް ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މާވަށަށް ކުރެއްވި ދަތުރުފުޅުގައި، މާވަށު ސްކޫލަށާއި، އެ ރަށުގެ ޞިއްޙީ މަރުކަޒަށް ވަޑައިގެން، އެ ދެ ތަނުގެ މަސައްކަތް ކުރިއަށް ދާގޮތް ބައްލަވާލެއްވިއެވެ.