ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކު ފާހަގަކުރަމުންދާ މެއި މަހުގެ 1 ވަނަ ދުވަހަކީ، މިއަހަރުން ފެށިގެން ރަސްމީ ބަންދު ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.
                  
މިކަން މިގޮތަށް ހަމަޖެއްސެވީ، ރާއްޖޭގައިވެސް މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރި ކުރެއްވުމަކީ، ސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތުކަމެއް ދެއްވާ ކަމަކަށްވާތީއާއި، މަސައްކަތްތެރިންގެ ޙައްޤުތައް ޙިމާޔަތް ކުރުމަށް ރާއްޖޭގެ އެކިފަރާތްތަކުން ތަފާތު މަސައްކަތްތައް ކުރައްވަމުން ގެންދަވާތީ، މިކަމާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު ވާހަކަފުޅު ދެއްކެވުމަށްފަހު، އެކަންކަން ފާހަގަކުރެއްވުމުގެ ގޮތުން އެ ދުވަސް ބަންދު ކުރެއްވުމަށް އެމަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވި ލަފައާ ގުޅިގެން ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
އެހެންކަމުން، އަންނަ މެއި މަހުގެ 1 ވަނަ ދުވަހަކީ، އަންނަ އާދީއްތަ ދުވަސް ކަމަށްވުމާއެކު، އެދުވަހަކީ ރަސްމީ ބަންދު ދުވަހެއް ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.