ސަޢޫދީ ޢަރަބިޔާގެ އިސްލާމިކް މިނިސްޓަރގެ ނައިބު ޑޮކްޓަރ ޢަބްދުލް ޢަޒީޒް އަލް-ޢައްމާރު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ސަޢޫދީޢަރަބިޔާއާ ދެ ޤައުމުގެ ދެމެދުގައި އޮންނަނީ ވަރަށް ގާތް އުޚުއްވަތްތެރި ގުޅުމެއް ކަމަށާއި، މި ގުޅުން އިތުރަށް ބަދަހިކުރައްވައި، ހަރުދަނާ ގޮތުގައި ދަމަހައްޓަވަން ބޭނުންފުޅުވާ ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގެ ތަރައްޤީއަށް ސަޢުދީ ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި، ސަޢޫދީ ރަސްގެފާނަށާއި، ސަޢޫދީ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ސަޢޫދީ ރަސްގެފާނަށާއި، ސަޢޫދީ ޝާހީ ޢާއިލާގެ މެންބަރުންނަށާއި، ސަޢޫދީ ސަރުކާރަށާއި ރައްޔިތުންނަށް، ރައީސުލްޖުމްހޫރިއްޔާއާއި، ދިވެހި ސަރުކާރާއި އަދި ރައްޔިތުންގެ ހެޔޮދުޢާއާއި ހެޔޮއެދުންތައް ރައްދުކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ސަޢޫދީ އިސްލާމިކް މިނިސްޓަރގެ ނައިބު ޑޮކްޓަރ ޢަބްދުލް ޢަޒީޒު އަލް-ޢައްމާރު ދެއްކެވި ވާހަކަފުޅުގައި، ސަޢޫދީ ރަސްގެފާނާއި، ޝާހީ ޢާއިލާއާއި، ސަރުކާރުގެ ފަރާތްޕުޅުން ރައީސުލްޖުމްހޫރިއްޔާއަށް ހެޔޮއެދުންތައް ފޮނުއްވިއެވެ. މީގެއިތުރުން، ސަޢޫދީ ޝާހީ އާއިލާއާއި، ސަރުކާރުން، ރާއްޖެއާމެދު ވަރަށް ޚާއްޞަ، ގާތް ގޮތެއް ބަހައްޓަވާ ކަމަށާއި، ރާއްޖެއާއި ސަޢޫދީ ޢަރަބިޔާއާ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރު ދާއިރާތަކުން ބަދަހިކުރައްވައި ދެމެހެއްޓެވުމަކީ، ސަޢޫދީޢަރަބިޔާއިން ވަރަށް އިސްކަންދެއްވާ ކަމެއް ކަމުގައި ޑޮކްޓަރ އަލް-ޢައްމާރު ވިދާޅުވިއެވެ. މިގޮތުން، ދެ ޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރެއްވުމަށް މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދާއި، ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ އަމީން ފައިޞަލާއި، އެޑްވައިޒަރ އޮން ޕޮލިޓިކަލް އެފެއާޒް މުޙަންމަދު ޝިހާބާއި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ ބައިވެރިވެވަޑައިގެންނެވިއެވެ.