ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލް، ރައީސުލްޖުމްހޫރިއްޔާ މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. ތަޞްދީޤު ކުރެއްވުމާ ގުޅިގެން، މި ޤާނޫނު، ދިވެހި ސަރުކާރުގެ ގެޒެޓްގައި މިއަދު ޝާއިޢު ކުރައްވައިފިއެވެ. މި ޤާނޫނަށް ޢަމަލު ކުރައްވަން ފަށްޓަވާނީ، މިއަދުން ފެށިގެންނެވެ.

މި ޤާނޫނަށް ގެންނެވި އިޞްލާޙުގައިވާ ގޮތުން، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ލަސްވެގެން 12 މަސްދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން، ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމްގައި ބައިވެރިވުމަށްޓަކައި ޢަމަލުކުރަންވީ ގޮތުގެ އުޞޫލެއް، ޕެންޝަން އޮފީހުގެ ބޯޑުން އެކުލަވައިލަންވާނެއެވެ. އަދި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ކަނޑައަޅާ އުޞޫލެއްގެ ދަށުން، ބިދޭސީ މުވައްޒަފުން، ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމްގައި ބައިވެރިކުރުމުގެ ކަންތައް، މިޤާނޫނަށް ގެނެވޭ 1 ވަނަ އިޞްލާޙަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ގިނަވެގެން ތިންއަހަރު ދުވަހުގެ ތެރޭގައި ނިންމަންވާނެއެވެ.