ހުޅުމާލޭގައި ނުވަތަ މާލޭގައި އަޅަން ހަމަޖެހިފައިވާ ފްލެޓުތަކުގެ ތެރެއިން ސިފައިންނަށްވެސް ފްލެޓް ލިބޭނެ އުސޫލެއް ހަމަޖެއްސެވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިވެހި ސިފައިންގެ 119 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، މިރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވެވި ޚާއްޞަ އިޙްތިފާލުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ބޯހިޔާވަހިކަމަކީ، މި ސަރުކާރުގެ މުހިންމު ސިޔާސަތެއް އަދި މުހިންމު ވަޢުދެއް ކަމަށާއި، މި ސިޔާސަތުގެ ދަށުން ދިވެހި ސިފައިންނަށްވެސް ބޯހިޔާވަހިކަން ފޯރުވައިދެވޭތޯ ސަރުކާރުން މިގެންދަވަނީ މަސައްކަތް ކުރައްވަމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ސިފައިންނަށް ދެވޭ ޚާއްޞަ ޢިނާޔަތެއްގެ ގޮތުން ސިފައިންގެ މަދުބަޔަކަށް ސަރުކާރުން، ވިލިނގިލިންނާއި ސިފައިންގެ ބަނޑޭރިކޮށިން ފްލެޓް ހަމަޖައްސަވައިދެއްވާފައިވާ ކަމާއި، އަދި ގިނަ އަދަދެއްގެ ސިފައިންނަށް ހައުސިންގ އެލަވަންސް ދެވެމުންދާކަން ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، ތަންތަން ކުއްޔަށް ހިފައިގެން، ގިނަ އަދަދެއްގެ ސިފައިން ވަރަށް ހާލުގައި އުޅެމުންގެންދާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހި ސިފައިން އުފެދުނުތާ މިއަދު 119 އަހަރު ފުރުން ފާހަގަކުރަމުންދާއިރު، ދިވެހި ޤައުމީ ޙަޔާތުގައި ދިވެހި ސިފައިން އަދާކުރައްވާފައިވާ މުހިންމު ދައުރަކީ، ދިވެހި ޤައުމު ފަޚުރުވެރިވާފަދަ ދައުރެއްކަން ހާމަކުރެއްވިއެވެ. އަދި ދިވެހި ޤައުމުގެ މިނިވަންކަން ރައްކާތެރިކޮށް، ޤައުމު ޙިމާޔަތް ކުރުމަށް ދިވެހި ސިފައިން ކުރައްވާފައިވާ މަސައްކަތްތަކަކީ، ދިވެހި ރައްޔިތުން ޝުކުރުވެރިކަމާއެކު ބަލައިގަންނަ މަސައްކަތްތަކެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. "ދައުލަތަށް ދިމާވި ކޮންމެ ބޮޑު ކަމެއްގައި، ދިވެހި ސިފައިން ދައްކަވާފައިވަނީ، ވަރަށް ރީތި ނަމޫނާއެއް. އެ ނަމޫނާއަކީ، ޤައުމާއި ރައްޔިތުންގެ ދިފާޢުގައި، ދިވެހި ސިފައިން އެންމެކުރީ ސަފުގައި، ސާބިތުކަމާއެކު އަބަދުވެސް ދެމިތިއްބަވާކަމުގެ ނަމޫނާ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރު ހިންގެވުމާ އެމަނިކުފާނު ޙަވާލުވެވަޑައިގަތުމަށްފަހު، އެންމެބޮޑު އިސްކަމެއް ދެއްވި ކަންތައްތަކުގެ ތެރޭގައި، ދިވެހި ސިފައިންގެ ޤާބިލުކަން އިތުރުކުރައްވައި، ދިވެހި ސިފައިންނަކީ ހެވިކަމުގެ ހުނަރާއި ޢިލްމު ފުރިހަމައަށް ލިބިގެންވާ ބަޔަކަށް ހެއްދެވުމުގެ މަސައްކަތް ހިމެނޭ ކަމުގައި ވިދާޅުވިއެވެ. އަދި ސަރުކާރުގެ އަމާޒަކަށްވީ، ރާއްޖެއަށް މިގެނެވުނު ހެޔޮވެރިކަމުގެ ޑިމޮކްރެޓިކް ނިޒާމުގައި، ސިފައިންގެ ޙިއްޞާ ވަރުގަދަކުރައްވައި، ސިފައިންނަކީ ރައްޔިތުންނާ ގުޅިގެން، ރައްޔިތުންނާއެކުގައި މަސައްކަތްކުރާ ބަޔަކަށް ހެއްދެވުން ކަމުގައިވެސް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ރާއްޖެ މިއަދު ދެކެމުންމިދާ ޑިމޮކްރެޓިކް ބަދަލުތަކުގެ ތެރެއިން، ރާއްޖޭގެ ޤައުމީ ދިފާޢީ ބާރަކީ މުހިންމު މުއައްސަސާއެކެވެ. ޤައުމީ މަޞްލަޙަތު ހުރި ކަންކަމުގައި ވަކިފަރާތަކަށް ބެލުމެއްނެތި ޢަމަލު ކުރުމަށް އޮތް ބާރުގަދަ މުއައްސަސާއެކެވެ. ސިޔާސީ ނުފޫޒާއި ވާދަވެރިކަމުން ދުރުހެލިވެފައިވާ މިނިވަން މުއައްސަސާއެކެވެ.

ސިފައިންގެ މިއަހަރުގެ ޝިޢާރުކަމަށްވާ [ޖަމާޢަތުގެ ރައްކާތެރިކަން – ސިފައިންގެ އަމާޒު] މި ޝިޢާރަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، މާލެއާއި އަތޮޅުތަކުގައި ހިންގަމުންގެންދާ އެކިއެކި ކުށްތައް ހުއްޓުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތަށް ސިފައިން ދެއްވާ އެއްބާރުލެއްވުން މި ޝިޢާރުން ފާހަގަވެގެންދާ ކަމުގައި ވިދާޅުވިއެވެ. އަދި ދިވެހި މުޖުތަމަޢުގައި އަމާންކަން ޤާއިމު ކުރައްވައި، ރައްކާތެރި ވެށްޓެއް ޤާއިމު ކުރެއްވުމަށް ސިފައިން ކުރައްވާ މަސައްކަތްތަކުގައި ބައިވެރިވެވަޑައިގެން، ފުރިހަމަ އެއްބާރުލެއްވުމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ، ދިވެހި ހުރިހާ ރައްޔިތުންނަށް އިލްތިމާސް ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހި ޤައުމަށްޓަކައި އަދި ރާއްޖޭގެ އަމަންއަމާންކަމަށްޓަކައި ދިވެހި ސިފައިން އަޅުއްވާ ކޮންމެ ފިޔަވަޅަކީ، އަގުބޮޑު ފިޔަވަޅެއްކަން ފާހަގަކުރައްވަމުން، އެ ފިޔަވަޅުގެ އަގު އެމަނިކުފާނު ވަޒަންކުރައްވާނެ ކަމުގައިވެސް ވިދާޅުވިއެވެ.

ސިފައިންގެ 119 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ މި ބޭއްވެވި އިޙްތިފާލުގައި، ސިފައިންގެ އިސްވެރިންގެ ގޮތުގައި ސިފައިންގެއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ދެ ބޭފުޅުން ކަމަށްވާ ލެފްޓެނަންޓް ޖެނެރަލް (ރިޓަޔަރޑް) އަންބަރީ ޢަބްދުއްސައްތާރަށާއި، މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މުޙަންމަދު ޒާހިރަށް ޝަރަފުގެ ހަނދާން އެރުވިއެވެ. ޝަރަފުގެ ހަނދާން އެރުވީ ސިފައިންގެ އެންމެ މަތީ ވެރިޔާ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދެވެ. އަންބަރީ ޢަބްދުއްސައްތާރު މިވަގުތު ރާއްޖޭގައި ވަޑައިގެން ނެތުމާއެކު، މި އިނާމާ ހަވާލުވެވަޑައިގަތީ އެމަނިކުފާނުގެ ދަރިކަނބަލުން ފާޠިމަތު ރީނީ ޢަބްދުއްސައްތާރެވެ.

ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމުގައި ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވުނު ފަރާތްތަކަށް މެޑެލް ދެއްވައި، އެމް.އެން.ޑީ.އެފް.ގެ އެންލިސްޓެޑް ކޯ ގެ ރޭންކް ސްޓްރަކްޗަރ މި އިޙްތިފާލުގައި ތަޢާރުފުކޮށްދެއްވީވެސް ރައީސުލްޖުމްހޫރިއްޔާއެވެ. ސިފައިންގެ ތާރީޚު ފޮތް 1 "އަސްކަރީ ނިޒާމު ފެށުން" ނެރުއްވައިދެއްވީވެސް ރައީސުލްޖުމްހޫރިއްޔާއެވެ.