ތޫނު ހަތިޔާރު ބޭނުންކޮށްގެން، މާލެއާއި އަތޮޅުތަކުގައި ހިންގާ މާރާމާރީއާއި، މީހުން މެރުމާއި، ތަފާތު ގޭންގުތައް ހަދައިގެން މުޖްތަމަޢުގެ ތެރޭގައި ހިންގަމުން ގެންދާ ކުށްތައް ހުއްޓުވުމަށް ނޭޝަނަލް ކްރައިމް ޕްރިވެންޝަން ކޮމިޓީން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް.) އާއި މޯލްޑިވްސް ޕޮލިސް ސާރވިސްގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

އެމް.އެން.ޑީ.އެފް.ގެ ކޮންފަރެންސް ހޯލްގައި މިއަދު ބޭއްވުނު މިބައްދަލުވުމުގައި، ނޭޝަނަލް ކްރައިމް ޕްރިވެންޝަން ކޮމެޓީގެ ޗެއަރޕަރސަން އަމީން ފައިޞަލް ވިދާޅުވީ، މިކޮމެޓީގެ ފަރާތުން މުހިންމު ހުރިހާ އިދާރާތަކަކާ ބައްދަލު ކުރައްވަމުން ގެންދަވާ ކަމަށާއި، މިބައްދަލުވުންތަކުގެ މަޤްޞަދަކީ، ސަރުކާރުން މިއޮޕަރޭޝަން ކުރިއަށް ގެންދަވާ ގޮތް ހާމަކޮށްދެއްވައި، މިކަމާ ގުޅުން ހުރި ހުރިހާ މުއައްސަސާތަކެއް ގުޅިގެން މަސައްކަތްކުރުން ކަމަށެވެ. އަދި މިއީ، ހުރިހާ މުއައްސަސާތަކުގެ މެދުގައި އޮންނަންޖެހޭ ގުޅުން ބަދަހިވެ، މަސައްކަތުގެ ފެންވަރު ރަނގަޅުވެ، ކާމިޔާބީއަށް ވާޞިލުވުމުގެ ހުރިހާ މަގެއް ފެނިގެން ދާނެކަމެއްކަން އަމީން ފައިޞަލް ފާހަގަކުރެއްވިއެވެ. މިކަމުގެ އެންމެފަހު މަރުޙަލާއަކީ ޢަމަލީގޮތުން މި މަސައްކަތް ކުރަން ފެށޭ ވަގުތު ކަމަށާއި، މިކަން ކުރުމުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވަމުންދާނީ ފުލުހުން ކަމުގައި ވިދާޅުވިއެވެ. އެމް.އެން.ޑީ.އެފް.އިންވެސް މިކަމުގެ ފަހަތުގައި ތައްޔާރަށް ތިއްބަވަންޖެހޭނެ ކަމަށާއި، ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމުގެ އެންމެ އިސް ވާޖިބު އަދާކުރުމުގައި ދެމިތިބެންޖެހޭ ބަޔަކީ މި ދެމުއައްސަސާ ކަމަށްވެސް ވިދާޅުވިއެވެ. އަދި މި މަސައްކަތަކީ، ފެއްސާއި، ރަތާއި، ހުދު ފިޔަވައި، އެހެން އެއްވެސް ކުލައެއް ޖެހިގެންދާނޭ މަސައްކަތެއް ނޫން ކަމަށާއި، މިކަމުގައި ސަރުކާރުގެ ސިޔާސަތަކީ، ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންގެ ފުރާނަޔާއި މުދަލާއި ގެދޮރު ސަލާމަތް ކުރައްވައި ޤައުމަށް ހަމަޖެހުން ހޯދައިދިނުން ކަމަށް ވިދާޅުވިއެވެ. އަދި މިއީ، ވަކި މީހެއްގެ މަޞްލަޙަތަށް ނުބައްލަވައި، އެންމެންގެ މަޞްލަޙަތަށް ބައްލަވައިގެން ކުރިއަށް ގެންދަވާ ކަމެއްކަންވެސް އަމީން ފައިޞަލް ހާމަކުރެއްވިއެވެ. އަދި ސަރުކާރުން މިކަމުގައި އެންމެ ފިޔަވަޅެއްވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލް ރައްކާތެރިކަމާއެކު އެއްޖީލުން އަނެއްޖީލަށް ގެންގޮސް ދިނުމުގެ ފުރިހަމަ މަސްއޫލިއްޔަތު އަދާކުރުމަކީ، އެބޭފުޅުންގެ ކޮނޑުގައި އެޅިފައިވާ އެންމެ ބޮޑު ވާޖިބު ކަމުގައިވާއިރު، ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ބިރުވެރިކަން ނައްތާލުމުގައިވެސް ސާބިތުކަންމަތީ ދެމިތިއްބަވާނެ ކަމަށް ވިދާޅުވިއެވެ.