ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ކޮޅުމަޑުލު ވިލުފުށްޓަށް ވަޑައިގެން ވިލުފުށީ ރަށު ކައުންސިލާ މިއަދު ހެނދުނު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި، ރަށުގެ ރައްޔިތުންނާ ގުޅިވަޑައިގެން ރަށުގެ ތަރައްޤީއަށް މަސައްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ، ކައުންސިލްގެ މެންބަރުންގެ އަރިހުން އެދިވަޑައިގެންނެވިއެވެ. އަދި ރަށުގެ ތަރައްޤީގެ ނާރެހަކީ، ރަށު ސްކޫލް ކަމަށް އެމަނިކުފާނު ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވައި، ސްކޫލްގެ ފެންވަރު ރަނގަޅު ކުރައްވައި، ދަރިވަރުން ހޯދާ ނަތީޖާ ރަނގަޅު ކުރެއްވުމަށް، ސްކޫލާއި، ރަށުގެ ހުރިހާ ރައްޔިތުން ގުޅިވަޑައިގެން މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، މިކަމަށް ރަށު ކައުންސިލުންވެސް މަސައްކަތް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ދަށުން ވިލުފުށީގައި އެޅުމަށް ހަމަޖެހިފައިވާ ގެދޮރު އެޅުމުގެ މަޝްރޫޢު ކުރިއަށް ގޮސްފައިވާ ހިސާބާ ބެހޭގޮތުންވެސް ރަށު ކައުންސިލާ ރައީސުލްޖުމްހޫރިއްޔާ މަޝްވަރާ ކުރެއްވިއެވެ. އަދި ވިލުފުށީ ބަނދަރަކީ، ސަރުކާރުން ހިންގަވާ ބަނދަރުމަތީ ބާޒާރު ތަރައްޤީ ކުރެއްވުމުގެ ޕްރޮގްރާމްގެ ދަށުން، ތަރައްޤީ ކުރެއްވުމަށް ހަމަޖެހިފައިވާ ބަނދަރަކަށްވާތީ، ވިޔަފާރި އުޞޫލުން އަމިއްލަ ފަރާތްތަކަށް ހުޅުވާލައްވައިގެން އެ ބަނދަރުގައި ވިޔަފާރިއާއި މަސްވެރިކަމަށް މަގުފަހިކޮށްދޭ ވަސީލަތްތައް ޤާއިމު ކުރެއްވުމާ ބެހޭގޮތުންވެސް ޚިޔާލު ބަދަލުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ވިލުފުށްޓަށް ކުރެއްވި ދަތުރުފުޅުގައި، އެރަށް ފެހި ކުރުމަށް ހިންގާ ގަސްއިންދުމުގެ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ގަހެއް އިންދެވިއެވެ. މީގެއިތުރުން، އެރަށުގައި ޤާއިމު ކުރެވިފައިވާ ޞިއްޙީ، ތަޢުލީމީ އަދި އިޖްތިމާޢީ ޚިދުމަތުގެ ވަސީލަތްތައް ހުރިނެތްގޮތް އެމަނިކުފާނު ބައްލަވާލެއްވިއެވެ. މިގޮތުން، ވިލުފުށީ ޞިއްޙީ މަރުކަޒަށާއި، ވިލުފުށީ ސްކޫލަށާއި، ޕްރީ ސްކޫލަށާއި، ބޯޅަގެއަށާއި އަދި މަސްމާރުކޭޓަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެން އެތަންތަން ބައްލަވާލެއްވިއެވެ. އަދި ވިލުފުށީ ބަނދަރު ސަރަޙައްދު ބައްލަވާލައްވައި، އެރަށުގައި މިހާރު ހަދަން ފަށާފައިވާ ފެރީ ޓަރމިނަލްގެ މަސައްކަތް ކުރިއަށްދާގޮތްވެސް އެމަނިކުފާނު ބައްލަވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ކޮޅުމަޑުލުގެ ދިޔަމިގިއްޔަށާއި، މަޑިފުށްޓަށާއި، ވިލުފުށްޓަށް މި ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މާލެ ވަޑައިގަތީ މިއަދު ހަވީރުއެވެ.