ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް އިއްޔެ ފެށްޓެވި ދަތުރުފުޅުގައި، އެ އަތޮޅު މަޑިފުށްޓަށް ވަޑައިގެން މަޑިފުށީ ރަށު ކައުންސިލާ ރޭ ބައްދަލުކުރައްވައިފިއެވެ.

މަޑިފުށީ ރަށު ކައުންސިލާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކައުންސިލްގެ ހުރިހާ މެންބަރުން ގުޅިވަޑައިގެން ރަށުގެ ތަރައްޤީއަށް ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވައި، އެކަމަށްޓަކައި އުފާފުޅު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި ކައުންސިލްގެ އާމްދަނީ އިތުރު ކުރެއްވޭނެ ގޮތްތައް ރާއްވަވައި، އެފަދަ އިންތިޒާމްތައް ހަމަޖައްސަވައި، ރަށުގެ ތަރައްޤީއަށް މަސައްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. އަދި ކައުންސިލުން އިސް ނަންގަވައިގެން ރަށުގެ ތަރައްޤީއަށް ކުރައްވާ ކަންކަމުގައި ސަރުކާރުން އެހީތެރިކަން ފޯރުއްވައިދެއްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މަޑިފުށީ ސްކޫލްގެ ނަތީޖާ ރަނގަޅު ކުރެއްވުމަށް، ކައުންސިލާއި، ސްކޫލާއި ރައްޔިތުން ގުޅިވަޑައިގެން މަސައްކަތް ކުރެއްވުމަށްވެސް ކައުންސިލްގެ މެންބަރުންގެ އަރިހުން އެދިވަޑައިގެންނެވިއެވެ. މީގެއިތުރުން، ރަށުގެ ތަރައްޤީއަށް ސަރުކާރުން ހިންގަވާ ޕްރޮގްރާމްތަކާއި، އަދި ހިންގެވުމަށް ހަމަޖައްސަވާފައިވާ ޕްރޮގްރާމްތަކާބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ މަޝްވަރާ ކުރެއްވިއެވެ. އަދި، ރަށުގެ ތަޢުލީމާއި، ޞިއްޙީ ޚިދުމަތުގެ ވަސީލަތްތައް ހުރި ނެތްގޮތް ބައްލަވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، މަޑިފުށްޓަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރޭ ވަނީ ވިލުފުށްޓަށް ވަޑައިގެންފައެވެ.