ކޮޅުމަޑުލުގެ ތިން ރަށަކަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ފެށްޓެވި ދަތުރުފުޅުގައި މިއަދު ހަވީރު އެ އަތޮޅު ދިޔަމިގިއްޔަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދިޔަމިގިއްޔަށް ކުރެއްވި ދަތުރުފުޅުގައި، ދިޔަމިގިލީ ރަށު ކައުންސިލާ ބައްދަލުކުރައްވައި، ސަރުކާރުގެ ޕްރޮގްރާމްތައް ހިންގެވުމާއި، ޚިދްމަތްތައް ދެއްވުމުގެ ކަންތައް ހަމަޖެހިފައި ހުންނަންޖެހޭ އިންތިޒާމްތަކާއި، ރަށުގެ ތަރައްޤީގެ ޕްރޮގްރާމްތަކާ ބެހޭގޮތުން ކައުންސިލާ މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރަށު ކައުންސިލްގެ ބައްދަލުވުންތަކުގައި މަޝްވަރާ ކުރައްވާ ކަންކަމާއި، ނިންމަވާ ނިންމެވުންތައް ރަށު ރައްޔިތުންނާ ޙިއްސާ ކުރެއްވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ކައުންސިލުން އިސްނަންގަވައިގެން ރަށުގެ ތަރައްޤީއަށް ކަންކަން ހިންގަވަމުން ގެންދެވުމުގައި، ސަރުކާރުގެ އެއްބާރުލެއްވުމާއި އެހީތެރިކަން ދެއްވަމުން ގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެއިތުރުން، ދިޔަމިގިލީ ސްކޫލްގެ ނަތީޖާ މިހާރަށްވުރެ ރަނގަޅު ކުރެއްވުމަށް، ރަށު ކައުންސިލާއި، ސްކޫލާއި، އަދި ރަށުގެ ރައްޔިތުން ގުޅިވަޑައިގެން މަސައްކަތް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ، ކައުންސިލްގެ މެންބަރުންގެ އަރިހުން އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދިޔަމިގިއްޔަށް ކުރެއްވި ދަތުރުފުޅުގައި، އެރަށުގެ ކުނި ނައްތާލުމަށްޓަކައި، އޮސްޓްރޭލިއަން ރެޑްކްރޮސް އާއި ކެނޭޑިއަން ރެޑްކްރޮސްގެ އެހީގެ ދަށުން ޢިމާރާތް ކުރައްވާފައިވާ ވޭސްޓް މެނޭޖްމަންޓް ސެންޓަރު ބައްލަވާލެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ، ރަށު ކައުންސިލާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، މި ސެންޓަރުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ކުރެވޭނެ އިންތިޒާމެއް، ރަށު ކައުންސިލުން ހަމަޖައްސަވައި ދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ރަށުގައި އުފެދޭ ކުނި ދެމެހެއްޓެނިވި ގޮތެއްގައި ނައްތާލެއްވުމުގެ މަސައްކަތް ކުރެއްވުމާބެހޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ދިޔަމިނގިލީ ސްކޫލަށްވެސް ޒިޔާރަތް ކުރެއްވިއެވެ. އެމަނިކުފާނު ސްކޫލްގައި މަޑުކޮށްލެއްވި ވަގުތުކޮޅުގައި، ރަށުގެ ބައެއް ޖަމްޢިއްޔާތަކާއި، ރަށުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކާ ބައްދަލުކުރެއްވިއެވެ.