ތޫނު ހަތިޔާރު ބޭނުންކޮށްގެން މާލެއާއި އަތޮޅުތަކުގައި ހިންގާ މާރާމާރީއާއި، މީހުން މެރުމާއި، ތަފާތު ގޭންގުތައް ހަދައިގެން މުޖުތަމަޢުގެ ތެރޭގައި ހިންގަމުންގެންދާ ކުށްތައް ހުއްޓުވުމަށް ނޭޝަނަލް ކްރައިމް ޕްރިވެންޝަން ކޮމެޓީން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ އެގްޒެކެޓިވް ބޯޑުގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ނޭޝަނަލް ކްރައިމް ޕްރިވެންޝަން ކޮމެޓީގެ ޗެއަރޕާރސަން އަމީން ފައިޞަލް ދެއްކެވި ވާހަކަފުޅުގައި، މިކޮމެޓީގެ ފަރާތުން، މުހިންމު ހުރިހާ އިދާރާތަކަކާ ބައްދަލުކުރައްވަމުން ގެންދަވާ ކަމަށާއި، މަޓީއަކީވެސް މިގޮތުން ވަރަށް މުހިންމު އިދާރާއެއްކަމަށް ވިދާޅުވިއެވެ. އަދި ކޮމިޓީގެ ފަރާތުން ބާއްވަމުންގެންދާ މިބައްދަލުވުންތަކުގެ މަޤްޞަދަކީ، ސަރުކާރުން މިއޮޕަރޭޝަން ކުރިއަށް ގެންދަވާ ގޮތް ހާމަކޮށްދެއްވައި، މިކަމާ ގުޅުންހުރި ހުރިހާ މުއައްސަސާތަކެއް ގުޅިގެން މަސައްކަތް ކުރުމަށް މަގުފަހިކުރެއްވުން ކަމުގައި ވިދާޅުވިއެވެ. އޭރުން މިމަސައްކަތްތައް ފެށިގެންދާއިރު ހުރިހާ މުއައްސަސާތަކުގެ މެދުގައި އޮންނަންޖެހޭ ގުޅުން ބަދަހިވެ، މަސައްކަތުގެ ފެންވަރު ރަނގަޅުވެ، ކާމިޔާބީއަށް ވާޞިލުވުމުގެ ހުރިހާ މަގެއް ފެނިގެން ދާނެކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން މިފަދަ ކަމެއް ފެށްޓެވި ކަމަށްޓަކައި، އުފާ ކުރައްވާ ކަމަށާއި، މިކަމަކީ މުޖުތަމަޢުގެ ޙިމާޔަތާއި ރައްކާތެރިކަމަށް މިހާރުން މިހާރަށްވެސް ކުރަންޖެހިފައިވާ ވަރަށް މުހިންމު ކަމެއްކަން މަޓީގެ އެގްޒެކެޓިވް ބޯޑުގެ މެންބަރުން ފާހަގަކުރެއްވިއެވެ. އަދި މަސްތުވާތަކެއްޗާއި، ވައްކަމާއި، ފޭރުމާއި، މީހުން މެރުންފަދަ ބޮޑެތި ޖަރީމާތައް ހުއްޓުވަން އެންމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ، މަދު ދުވަސްކޮޅެއްގެ ތެރޭގައި މިކަން ކާމިޔާބު ކުރެވޭނެ ކަމަށް ވިދާޅުވިއެވެ. މިލޮބުވެތި ވަޠަންގެ ޢިއްޒަތާއި ކަރާމާތް، ދުނިޔޭގެ ކުރިމަތީގައި ހިފެހެއްޓޭނީ މިގޮތުގެ މަތިން ކަންތައްތައް ކުރެވިގެން ކަމަށް ވިދާޅުވެ، ޤައުމުގެ ރައްޔިތުންނާއި، ފުރާނައާއި، މުދާ ސަލާމަތްކުރުމަށް ކުރެވެން ހުރި ހުރިހާކަމެއް ލަސްނުކޮށް ފަށަން ޖެހިފައިވާކަންވެސް އެބޭފުޅުން ފާހަގަކުރެއްވިއެވެ. މިގޮތުން މިކަންތައް ކުރުމަށް ކުރު އަދި ދިގު މުއްދަތުގެ ސްޓްރެޓެޖީއެއްވެސް ތައްޔާރު ކޮށްފައި އޮންނަން ޖެހޭނެ ކަމަށާއި، ދުނިޔޭގެ އެހެން ޤައުމުތަކުގައި ކަންތައްތައް ކުރާ އުސޫލުން، ޚާއްޞަ ޤާނޫނުތަކެއް ހަދައިގެން ނަމަވެސް، މިކަންތައްތައް ހުއްޓުމަކަށް ގެނައުމަށް ފުލުހުންނަށް ބޭނުންވާ އެންމެހާ ބާރާއި އިޚްތިޔާރު ލިބެންޖެހޭނެކަމަށް ވިދާޅުވިއެވެ. އަދި މިކަމުގައި މަޓީން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެ ކަމުގެ ޔަޤީންކަންވެސް އެބޭފުޅުން ދެއްވިއެވެ.

މިބައްދަލުވުން ނިންމަވާލެއްވުމުގެ ގޮތުން އަމީން ފައިޞަލް ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން މިކަމުގައި އެންމެ ފިޔަވަޅެއްވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެ، މުޖުތަމަޢު ޙިމާޔަތް ކުރުމުގައި ސަރުކާރުގެ ހުރިހާ އިދާރާތަކަކުންވެސް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

ނޭޝަނަލް ކްރައިމް ޕްރިވެންޝަން ކޮމެޓީން މާދަމާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާއެވެ.