ކެމްބޯޑިއާގެ ބޮޑުވަޒީރުގެ އެޑްވައިޒަރ އެންޑް ސްޕެޝަލް އެންވޯއީ، އައުޗް ބޮރިތް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކެމްބޯޑިއާއަށް އިޖްތިމާޢީ އަދި އިޤްތިޞާދީގޮތުން ވަރަށްބޮޑެތި ބަދަލުތަކެއް އައިސް، އެ ޤައުމު ތަރައްޤީވަމުންދާކަން އެއީ، އާސިޔާން ޤައުމުތަކުގެ ކުރިއެރުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއްކަން ފާހަގަކުރެއްވިއެވެ. ރާއްޖޭގައި ފަތުރުވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ހުރި ފުރްޞަތުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ދެ ޤައުމުގެ ދެމެދުގައި، މި ދެދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރެއްވުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރުގެ އެޑްވައިޒަރ އެންޑް ސްޕެޝަލް އެންވޯއީ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ތަޢުރީފް ކުރެއްވިއެވެ. އަދި ފަތުރުވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖޭގައި ހުރި ފުރްޞަތުތަކުގެ ބޭނުން ހިފައި، ވިޔަފާރީގެ ރޮނގުން ދެގައުމުގެ ދެމެދުގައި ގުޅުންބަދަހި ކުރުމަށް މަސައްކަތްޕުޅުތަކެއް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ކެމްބޯޑީޔާގެ ބޮޑުވަޒީރުގެ ސިޓީފުޅެއްވެސް ބޮޑުވަޒީރުގެ ޚާއްޞަ މަންދޫބު، ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދާއި، އެޑްވައިޒަރ އޮން ޕޮލިޓިކަލް އެފެއާޒް މުޙަންމަދު ޝިހާބާއި، މިނިސްޓަރ ފޮރ ފޮރިން އެފެއާޒް އަޙުމަދު ނަސީމް ބައިވެރިވަޑައިގެންނެވިއެވެ.