ތޫނު ހަތިޔާރު ބޭނުންކޮށްގެން މާލެއާއި އަތޮޅުތަކުގައި ހިންގާ މާރާމާރީއާއި މީހުން މެރުމާއި ތަފާތު ގޭންގުތައް ހަދައިގެން މުޖުތަމަޢުގެ ތެރޭގައި ހިންގަމުން ގެންދާ ކުށްތައް ހުއްޓުވުމަށް ނޭޝަނަލް ކްރައިމް ޕްރިވެންޝަން ކޮމިޓީން ކުރައްވާ މަސައްކަތުގެ ތެރެއިން، ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުންނާއި، ޕޮލިސް އިންޓަރގްރިޓީ ކޮމިޝަންގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައި ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި މިބައްދަލުވުމުގައި، ނޭޝަނަލް ކްރައިމް ޕްރިވެންޝަން ކޮމެޓީގެ ޗެއަރޕާރސަން އަލްފާޟިލް އަމީން ފައިޞަލް، ދެއްކެވި ވާހަކަފުޅުގައި، އެ ކޮމިޓީގެ ފަރާތުން ސަރުކާރުގެ ކަމާބެހޭ މުހިންމު ހުރިހާ އިދާރާތަކާ ބައްދަލުކުރައްވަމުން ގެންދަވާ ކަމަށާއި، މިގޮތުން މިހާތަނަށް ބޭއްވެވި ބައްދަލުވުންތައް ކާމިޔާބު ކަމުގައި ވިދާޅުވިއެވެ. އަދި މިފަދަ ޢަމަލުތައް ހުއްޓުވުމަށް ކުރެއްވެން ހުރި ހުރިހާ މަސައްކަތްތަކެއް ސަރުކާރުން ކުރައްވާނެ ކަމުގެ ޔަޤީންކަން މެބަރުންނަށް ދެއްވިއެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުންނާއި، ޕޮލިސް އިންޓަރގްރިޓީ ކޮމިޝަންގެ މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން މިފަދަ ކަމެއް ފެށްޓެވިކަމަށްޓައި އުފާފުޅު ކުރައްވާ ކަމަށާއި، މިކަމަކީ މުޖުތަމަޢުގެ ހިމާޔަތާއި ރައްކާތެރިކަމަށް މިހާރުން މިހާރަށްވެސް ކުރަންޖެހިފައިވާ ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި މިފަދަ ޢަމަލުތައް ހުއްޓުވުމަކީ، އެ ދެ ކޮމިޝަނުންވެސް ވަރަށްބޮޑު ސަމާލުކަމެއް ދެއްވާ ކަމެއް ކަމަށާއި، މުޅި ޤައުމު އެއްބައިވެ، އެކަތިގަނޑަކަށްވެގެން މެނުވީ، މިކަންތައްތައް ޙައްލު ނުކުރެވޭނޭ ކަމަށް ވިދާޅުވިއެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގެ ބޭފުޅުންގެ ވާހަކަފުޅުގައި، މިއަހަރަށް ކަނޑައެޅުއްވި، ވަރކް ޕްލޭންގައިވެސް މިފަދަ ކުށްތައް ހުއްޓުވުމަށް ކުރެވިދާނެ ކަންތައްތަކެއް ކަނޑައެޅިފައިވާނެކަން ފާހަގަކުރެއްވިއެވެ.