އަމިއްލަ ފަރާތްތަކުން ހިންގާ ކޮލެޖްތަކުން އަދާކުރާ ދައުރަކީ، ރާއްޖޭގެ މަތީ ތަޢުލީމުގެ ނިޒާމުގައި ވަރަށް މުހިންމު ދައުރެއް ކަމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖޭގެ އަމިއްލަ ކޮލެޖެއް ކަމުގައިވާ ކްލީކް ކޮލެޖުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ރާއްޖޭގެ އެކިއެކި ސްކޫލްތަކުން ނިމިގެން ހުރިހާ ކުދިންނަށް މަތީ ތަޢުލީމު ދެވޭނެ ފުރުސަތު އަދި ހަމަޖެހިފައިނުވާކަން ފާހަގަކުރައްވަމުން، އަމިއްލަ ފަރާތްތަކުން ކޮލެޖްތައް އުފައްދަވައި، ކޮލެޖްތަކުގައި މަތީ ތަޢުލީމުގެ ފުރުޞަތު ދެއްވަމުން ގެންދަވާކަން އެއީ، މި ޤައުމުގެ ތަޢުލީމަށްޓަކައި މިފަދަ ކޮލެޖްތަކުން ކޮށްދެއްވާ ވަރަށް ބޮޑު ޚިދުމަތެއް ކަމުގައި ވިދާޅުވިއެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގެ ޒުވާނުންގެ ތެރެއިން، ތިރީސް އަހަރުން ދަށުގެ ކޮންމެ ފަސް ކުއްޖަކުން އެއް ކުއްޖަކީ، ވަޒީފާގައި ނޫޅޭ ކުދިންކަން ބަޔާންކުރައްވަމުން، އެފަދަ ކުދިންނަށްވެސް ތަޢުލީމު ލިބިދިނުމާއި، އަދި ސްކޫލް ނުނިންމާ ކުދިންނަށްވެސް ވަޒީފާގެ ބާޒާރަށް ނުކުމެވޭނެ ފުރުޞަތު ލިބިދިނުމަކީ މުހިންމު ކަމެއްކަމުގައި ވިދާޅުވިއެވެ.
ރާއްޖޭގެ އާބާދީއަކީ ކުޑަ އާބާދީއެއްކަން ނައިބު ރައީސް ފާހަގަކުރައްވަމުން، މިއަދު މިވަނީ މި ޤައުމުގެ ކުރިމަގުގައި ޒުވާނުންގެ ދައުރަކީ ކޮބައިތޯ ވިސްނާން ޖެހިފައި ކަމުގައި ވިދާޅުވިއެވެ. އަދި މުސްތަޤްބަލަށް ޕްރޮގްރާމްތައް ރާވަން ޖެހޭނީ، ރާއްޖެ ކުރިއަށް ގެންދަން ބޭނުންވާ މިޞްރާބަކީ ކޮބައިތޯ ބަލައިގެން، މި މިޞްރާބު ޙާޞިލު ކުރުމަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިހާރު މިޤައުމަށް ކުރިމަތިވެފައިވާ އިޖްތިމާޢީ ބަލިތަކުން މި ޤައުމުގެ ޒުވާނުން ސަލާމަތް ކުރެވޭނީ ޒުވާނުންނަށް ވަޒީފާއާއި ތަޢުލީމުގެ ފުރުޞަތުތައް ހޯދައިދެވިގެންކަންވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، ތަޢުލީމުގެ ހުރިހާ މަރުޙަލާއެއްގައި، ޚާއްޞަ ގޮތެއްގައި ޒުވާނުންނަށް ދެވޭ ތަޢުލީމުގެ ތެރޭގައި، ރާއްޖޭގެ ޘަޤާފީ ކަންކަމުގެ އިތުރުން، ޑިމޮކްރަސީގެ ހަރުދަނާ އުސޫލުތައް ހިމަނައި ދަސްކުރަންޖެހޭ ކަމުގައި ވިދާޅުވިއެވެ. އަދި ޑިމޮކްރެޓިކް ވިސްނުމާއި، އާދަކާދަތަކަކީ ޢާއިލާގެ ތެރެއިން ފެށިގެންގޮސް މަސައްކަތާ ހިސާބަށް ހުންނަންޖެހޭ ކަންކަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އިސްކަންދަރު ސްކޫލްގައި ރޭ ބޭއްވި ކްލީކް ކޮލެޖްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި، އެ ކޮލެޖުން ހިންގި ކޯސްތަކުން އެންމެ މަތީ މާކްސް ހޯދި ދަރިވަރުންނަށް ސެޓްފިކެޓާއި އެވޯޑްތައް ޙަވާލުކޮށްދެއްވީ ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދެވެ.