بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 15 އޭޕްރިލް 2011 ވީ ހުކުރު ދުވަސް. މިއަދު އަޅުގަނޑު ތިޔަބޭފުޅުންނާ ބައްދަލުވާއިރު މިރާއްޖޭގެ އެކި ދާއިރާތަކުން އަހަންމިއްޔަތުކަން ދެއްވާ މައިގަނޑު އެއްވާހަކައަކީ، ބޭރުފައިސާގެ އަގު. ޚާއްޞަ ގޮތެއްގައި އެމެރިކާ ޑޮލަރުގެ އަގު ކަނޑައަޅާގޮތަށް ގެނެވުނު ބަދަލުތަކާ ގުޅޭގޮތުން ދެކެވޭ ވާހަކަ. އަޅުގަނޑު ފުރަތަމައިނުންވެސް ވަރަށް އިޚްލާޞްތެރި ޝުކުރުވެރިކަމެއް މި ޙިއްޞާ ކޮށްލަނީ ޢާންމުގޮތެއްގައި މި ރާއްޖޭގެ ރައްޔިތުންނަށް، ޚާއްޞަ ގޮތެއްގައި ދިވެހި ވިޔަފާރިވެރިންނަށް. ސަބަބަކީ، މިކަމުގައި އެބޭފުޅުން އިސްކުރައްވާފައިވާ ކެތްތެރިކަމާއި އަދި ސަރުކާރަށް ކުރައްވާ އިތުބާރު މިހާރުވެސް ހާމަވަމުންދާތީ.

އެމެރިކާ ޑޮލަރުގެ އަގު ކަނޑައަޅާ ގޮތް އެމް.އެމް.އޭ.އިން އިޢުލާން ކުރައްވައި ހިންގަވާން ފަށްޓަވާފައިވަނީ، މިކަމުގައި އެ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ އެއްބާރުލެއްވުމާއި ލަފަޔާއި މަޝްވަރާގެ މަތިން ކަމުގައިވާތީ، އެބޭފުޅުންނަށްވެސް އަޅުގަނޑު މިފުރުޞަތުގައި ޝުކުރު ދަންނަވަން.

މިއީ، އެއްގޮތަކަށްވެސް ސަރުކާރުން ނުވަތަ އަޅުގަނޑު އަންގައިގެން އެމް.އެމް.އޭ.އިން ކުއްލިއަކަށް ކުރެއްވި ކަމެއްނޫން. އެނގިވަޑައިގަންނަވާނެ، ދިވެހި ރުފިޔާ ހަމައަގުގައި ހިފެހެއްޓުމަށް މި ސަރުކާރުން ފެށުނީއްސުރެ ތަފާތު ފިޔަވަޅުތަކެއް އަޅަމުން ގެންގޮސްފައިވާނެ. އެކުވެރި ދައުލަތްތަކުންނާއި ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ވެދެއްވާފައިވާ ބޭރުފައިސާގެ އެހީއާއި ހަމައެއާއެކު، އެބޭފުޅުންގެ އިރުޝާދާއި ލަފާގެ މަތިން ދައުލަތުގެއާއި ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް އެއިރުއްސުރެ މިގެންދަނީ މަސައްކަތް ކުރަމުން.

ޑޮލަރުގެ އަގު ކަނޑައަޅާގޮތް ބަދަލުކުރުމަށް ސަރުކާރުން ބޭންކުތަކުގެ އިސްފަރާތްތަކާވެސް މަޝްވަރާކުރުމުގެ އިތުރުން، ދިވެހި ރުފިޔާގެ ހަމައަގު ކަނޑައެޅުމަށާއި، އަގު ތިރިކުރުމަށް ޑޮލަރު ބަންދުން ވީއްލައި ނުވަތަ ފްލޯޓްކޮށް، ބާޒާރެއް އުފައްދައި، އެބާޒާރުން އަގެއް ކަނޑައެޅުން އެއީ، އެ އަގު ތިރިކުރުމަށް އަޅާންޖެހޭ ފިޔަވަޅެއް ކަމުގައި މި އަހަރު ކުރީކޮޅު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އަޅުގަނޑު ފާހަގަކޮށްފައިވާނެ. ހަމަ މިކަންކަން މި މޭރުމުން މިއަހަރުގެ ރިޔާސީބަޔާނުގައިވެސް އަޅުގަނޑު ފާހަގަކޮށްފައިވާނެ.

ކުރިންވެސް ދެންނެވިހެން، ރައްޔިތުންނާއި ވިޔަފާރިވެރިން މިކަމުގައި ބަހައްޓަވަމުން އެ ގެންދަވާ ކެތްތެރިކަމާއި އަދި ސަރުކާރަށް ކުރައްވަމުން ގެންދަވާ އިތުބާރު އަޅުގަނޑު ވަރަށް ޝުކުރުވެރިކަމާއެކު އަދިވެސް އެއްފަހަރު ފާހަގަކޮށްލަން. ތަކެއްޗާއި ޚިދުމަތުގެ އަގުތައް ބޮޑުވާކަމަށް ވާހަކަ ދެކެވުނަސް، މައިގަނޑު، އަދި ކަންބޮޑުވާވަރުގެ ލޮޅުންތަކެއް ބާޒާރަށް އަންނަމުންދާކަމަށް ނުބެލެވޭ ކަމުގައި ތަފާތު ވިޔަފާރިވެރިން އެބަބުނޭ. ސަބަބަކީ، މީގެ މަސްތަކެއް ކުރީއްސުރެ ޑޮލަރުގެ އަގު ވިޔަފާރިވެރިން ހިސާބު ކުރައްވަމުން ގެންދަވާފައި ހުރީ، މިހާރު ހުއްދަ ކުރެވިފައި އެވާ މިންގަނޑުގެ މެދަށްވުރެ މަތީގައިކަމުގައިވާތީ.

ދާދި އަވަހަށް ޑޮލަރުގެ އަގުތައް ކަނޑައެޅިފައިވާ މިންގަނޑުގެ މެދަށްވުރެ ދަށަށް ޖެހި، މުދަލާއި ޚިދުމަތްތަކުގެ އަގުތަކަށް ހެޔޮބަދަލުތަކެއް އަންނާނެ ކަމަށް ސަރުކާރުން ދެކެން. ފިނޭންސް މިނިސްޓަރާއި، އެމް.އެމް.އޭ.ގެ ފަރާތުންވެސް ވިދާޅުވެފައިވާ ފަދައިން މިކަމުގެ ހެޔޮފާލުތައް ދެތިންމަސްދުވަހުގެ ތެރޭގައި ފެނި، ހަމައަކަށް އެޅިގެންދާނެ ކަމުގައި އަޅުގަނޑުމެން އުންމީދުކުރަން.

އެނގިވަޑައިގަންނަވާނެ، ޑޮލަރުގެ އަގު ކަނޑައަޅާގޮތާއި، ޑޮލަރު އަދި ދިވެހި ރުފިޔާ ހަމައަގަށް ގެނައުމުގެ މަސައްކަތް ގުޅިފައި އޮތީ، އަޅުގަނޑުމެންގެ އިޤްތިޞާދީ ކުރިއެރުމަށް މެދުވެރިވާ ހުރަސްތައް ކަޑައްތު ކުރުމުގެ ދާއިމީ ޙައްލުތަކެއް ހޯދުމާ. އެހެންގޮތަކަށް ދަންނަވާނަމަ، ބަޖެޓުގެ ޑެފިސިޓް ފޫބެއްދުމަށާއި، ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި، އެކްސްޕޯޓް ނުވަތަ ބޭރަށް ވިއްކޭ ތަކެއްޗާއި ޚިދުމަތް އިތުރުކުރުމަށްޓަކައި ދިވެހި ރުފިޔާ، ހަމަ މަގަށް ގެނައުން މުހިންމު ވެފައިވާތީ. މި ރާއްޖޭގެ އިޤްތިޞާދު މުއްސަނދި ކުރުމާއި، ވިޔަފާރިވެރިންނަށާއި ރައްޔިތުންނަށް ނިސްބަތުން އެކަށޭނަ މަންފާއާއި ލާބަ ހޯދައިދިނުމަށް މަސައްކަތް ކުރުމަކީ އަޅުގަނޑުމެންގެ އަބަދުގެވެސް އަމާޒު.

މިއަދުގެ ދިވެހިރާއްޖެއަކީ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން ނެގިފައިވާ ރާއްޖެއެއް. ރާއްޖެއަކީ، މެދު އާމްދަނީއެއްގެ ޤައުމެއް. މި ރާއްޖޭގެ އިޤްތިޞާދު ދުޅަހެޔޮގޮތުގައި ދެމެހެއްޓުމަށްޓަކައި ކޮންމެހެން އިޤްތިޞާދީ އަދި މާލީ ބައެއް ކަންކަމަށް ގެންނާންޖެހޭ ބަދަލުތަކެއް ސަރުކާރުން މިގެންދަނީ ގެންނަމުން.

އެންމެ ފުރަތަމަ ސަރުކާރުން ފާހަގަކުރަމުން ގެންދިޔައީ، ޓެކްސްތައް ނެގެމުން އަންނަގޮތް. އެއީ ޚާއްޞަ ގޮތެއްގައި ނުސީދާކޮށް ނެގޭ ޓެކްސްގެ ބަދަލުގައި ސީދާކޮށް ނެގޭ ޓެކްސްތައް ތަޢާރަފް ކުރުން. އެގޮތުން މިހާރުވަނީ ޖީ.އެސް.ޓީ އަދި ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް ތަޢާރުފް ކުރެވިފައި. ޖީ.އެސް.ޓީ މިވަގުތު ނެގެމުން މިދަނީ ހަމައެކަނި ޓުއަރިޒަމް އިންޑަސްޓްރީއިން. މުސްތަޤްބަލުގައި ޖީ.އެސް.ޓީ.އަކީ ހުރިހާ ދާއިރާއަކުން ނެގޭ ޓެކްސްއަކަށް ބަދަލުވާއިރު، ޑިއުޓީ ނެގުންވެސް ސަރުކާރުން ގަސްދުކުރަނީ ހުއްޓާލަން. އެހެންވީމާ، މިހާރަށްވުރެ ބޮޑަށް އިޤްތިޞާދީ ކަންކަން އަދި މާލީ ކަންކަން، ބާޒާރުގެ އެކިއެކި އުޞޫލުތައް މެދުވެރިވެގެން، ބާޒާރު ބޭނުންކުރެވިގެން ހަމަޖެހިގެންދާނެ. އެ ހަމަޖެހިގެންދާ ދިޔުމުގެ ތެރޭގައި، ޤައުމުތަކުގެ އިޤްތިޞާދަށް ލިބިފައިވާ ކުރިއެރުމާއި ތަރައްޤީ އެއީ، އަޅުގަނޑުމެންނަށް މިއަދުގެ ދުނިޔެއިން ފެންނަން އޮތް ވަރަށް ފުރިހަމަ ޙަޤީޤަތެއް.

ޓެކްސްގެ ނިޒާމަށް ބަދަލު ގެނައުމާއި އަދި ހަމައެއާއެކުގައި އެކްސްޗޭންޖް ރޭޓް ބަންދުން ވީއްލުމާއި އަދި ހަމައެހެންމެ، އެއާއެކުގައި ބިމުގެ ގަނެވިއްކުމުގެ މުޢާމަލާތްތައް ހިންގުމާއި، އަދި ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްތައް އިތުރުކޮށް، ސަރުކާރުން ވިޔަފާރި ކުރުން މަދުކުރުމާއި، މި އެންމެ ކަންކަން އެކުލެވޭ މާލީ އަދި އިޤްތިޞާދީ ނިޒާމެއް ޤާއިމު ކުރުމަކީ، މި ރާއްޖެއަށް މިވަގުތު ނުހަނު ބޭނުންތެރިކަމެއް. ސަރުކާރުން މިގެންދަނީ މިދެންނެވި ކަންކަން ކުރަމުން. މިކަންކަން ކުރަމުން ގެންދާއިރު ހަމައެއާއެކުގައި ސަރުކާރުން އިސްކަމެއްދީފައި މިވަނީ، އިޖްތިމާޢީ ރައްކާތެރިކަމުގެ ފުރިހަމަ ޕްރޮގްރާމެއް ހިންގުމަށް. އެނގިވަޑައިގަންނަވާނެ، 2009 ވަނަ އަހަރާއި 2010ވަނަ އަހަރު ސަރުކާރުގެ ވަރަށްބޮޑު އަމާޒަކަށްވީ، އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމް ފުރިހަމަކުރުން. މަދަނައާއި އަދި 65 އަހަރުންމަތީގެ ފަރާތްތަކަށްދެވޭ ޢިނާޔަތްތަކާއި އަދި އެހެންވެސް ފަރާތްތަކަށް ދެވޭ ޕެންޝަން، މިއީ، އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމް ފުރިހަމަ ކުރުމަށްޓަކައި އެޅިފައިވާ ބާރު. މިހާރު އަޅުގަނޑުމެންނަށް މުހިންމުވެފައި މިވަނީ އިޤްތިޞާދީ އަދި މާލީ ބޮޑެތި ބަދަލުތަކެއް ގެނައުމަށް.

އަޅުގަނޑުމެންނަށް މަޑުމަޑުން ނަމަވެސް މިދެންނެވި ބޮޑެތި ބަދަލުތައް މިހާރު މިގެނެވި ފުރިހަމަ ކުރެވުނީ. ދެން އަޅުގަނޑުމެން މި ނިޒާމުގެ ތެރޭގައި ފައްކާވުމަށް ކުޑަހިނދުކޮޅެއް ނެގުމަށްފަހުގައި، އަޅުގަނޑުމެންގެ ރާއްޖެ އެހެން ޤައުމުތަކެކޭވެސް އެއްފަދައިން ކުރިއަރައި ތަރައްޤީވެ ދިޔުމަކީ، އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި، އަޅުގަނޑުމެން ދެކޭގޮތުގައި ވަރަށް ގާތުގައި އޮތް ކަމެއް. އަޅުގަނޑުމެންގެ އަބަދުވެސް މަސައްކަތަކަށްވާނީ މި ރާއްޖޭގެ ރައްޔިތުންނަށް ފައިދާއަށްޓަކައި އަޅުގަނޑުމެންގެ ދިރިއުޅުން ތަނަވަސްވުމަށްޓަކައި، އަޅުގަނޑުމެންގެ ޙަޔާތް އުފާވެރިވުމަށްޓަކައި މަސައްކަތްކުރުން. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، މި ސަރުކާރުގެ އަބަދުވެސް މަޤްޞަދަކީ ރައްޔިތުންނަށް ޚިދްމަތްކުރުން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم.
______________________