ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މާލެ އަތޮޅުގެ ބައެއް ރަށްރަށަށް އިއްޔެ ފެށްޓެވި ދަތުރުފުޅުގައި، މާފުށްޓަށް ވަޑައިގެން، މާފުށީ ރަށު ކައުންސިލާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރަށު ކައުންސިލްގެ މިހާރުގެ އަމާޒަކަށް ވާންޖެހޭނީ، ކައުންސިލް އިންތިޚާބުގެ ތެރޭގައި އުފެދުނު ސިޔާސީ ވާދަވެރިކަން ދޫކޮށްލައްވައި، ކައުންސިލްގެ ހުރިހާ މެންބަރުން އެއްބައެއްގެ ގޮތުގައި، ރަށުގެ ރައްޔިތުންނާ ގުޅިވަޑައިގެން ރަށުގެ ތަރައްޤީއަށް މަސައްކަތް ކުރެއްވުން ކަމުގައި ވިދާޅުވިއެވެ.

މީގެއިތުރުން، ރަށުގެ ތަރައްޤީއަށް ސަރުކާރުން ހިންގަވަމުން ގެންދަވާ މަޝްރޫޢުތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ކައުންސިލާ މަޝްވަރާ ކުރެއްވިއެވެ. މިގޮތުން، މާފުށީގައި ޤާއިމު ކޮށްފައިވާ ނަރުދަމާގެ ނިޒާމު ހަރުދަނާ ގޮތެއްގައި ހިންގޭނެ ނިޒާމެއް އެކުލަވާލެއްވުމާބެހޭގޮތުން ކައުންސިލާއެކު މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، މާފުށްޓަށް ކުރެއްވި ދަތުރުފުޅުގައި، މާފުށީ ސްކޫލަށް ޒިޔާރަތް ކުރައްވައި، ސްކޫލް ބޯޑާ ބައްދަލުކުރައްވައި، މިދިޔަ އަހަރުގެ އޯލެވެލް އިމްތިޙާނުގައި އެ ސްކޫލުން ބައިވެރިވި ދަރިވަރުން ހޯދާފައިވާ ފުރިހަމަ ނަތީޖާ ފާހަގަކުރައްވައި، ސްކޫލްގެ ދަރިވަރުންނަށާއި، ސްކޫލް ބޯޑަށާއި، ބެލެނިވެރިންނަށާއި، ޓީޗަރުންނަށާއި ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި ސްކޫލްގެ ދަރިވަރުންގެ ތެރެއިން އޯލެވެލް އިމްތިޙާނުގައި މަތީ ވަނަތައް ހޯދި ދަރިވަރުންނާވެސް ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި އެ ކުދިންނަށްވެސް ވަކިން ތަހުނިޔާ ވިދާޅުވިއެވެ. މާފުށީ ސްކޫލުން މިދިޔަ އަހަރު އޯލެވެލް އިމްތިޙާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން 60 އިންސައްތަ ކުދިންވަނީ، ފަސް މާއްދާއިން "ސީ" ފާހަށްވުރެ މަތިން ހޯދާފައެވެ. މިއީ، 2009 ވަނަ އަހަރަށްވުރެ 49 އިންސައްތައިގެ ކުރިއެރުމެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، މާފުށީގައި ހުންނަ ތަޢުލީމާއި މަސައްކަތް އުނގަންނައިދޭ ކުޑަކުދިންގެ މަރުކަޒަށާއި، މާފުށީ ޕްރީ-ސްކޫލަށް ޒިޔާރަތް ކުރެއްވިއެވެ. އަދި މާފުށީ ޖަލަށް ޒިޔާރަތް ކުރައްވައި، މިދިޔަ އަހަރު ޖަލުގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ތަންތަން ބައްލަވާލެއްވިއެވެ. އަދި ޖަލުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި، ޖަލުގެ ހާލަތު އޮޅުންފިލުއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، އިއްޔެ ފެށްޓެވި މި ދަތުރުފުޅުގައި، މާފުށްޓަށް ވަޑައިގެންނެވުމުގެ ކުރިން މާލެ އަތޮޅު ދިއްފުށްޓަށް ވަޑައިގެން ދިއްފުށީ ކައުންސިލާވެސްވަނީ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައިވެސް، ސިޔާސީ ވާދަވެރިކަން ދޫކޮށްލައްވައި ރަށުގެ ތަރައްޤީއަށް މަސައްކަތް ކޮށްދެއްވުމަށް ކައުންސިލްގެ މެންބަރުންގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. އަދި، ރަށު ކައުންސިލުން ދިއްފުށީގައި ހިންގަވަން ގަސްދުކުރައްވާ ޕްރޮގްރާމްތަކާއި، ރަށަށް ބޭނުންވާ އެންމެހާ ވަސީލަތްތައް ހިމެނޭ ގޮތަށް، ރަށު ކައުންސިލުން ދިއްފުށީގެ ބިން ބޭނުކުރާނެ ގޮތުގެ ޕްލޭން އެކުލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން، ރަށުގެ ބަނދަރާ ބެހޭގޮތުން ރަށު ކައުންސިލުގެ ޚިޔާލު ހޯއްދެވިއެވެ.

ސަޢޫދީ ފަންޑުގެ ލޯނު އެހީގެ ދަށުން ދިއްފުށީ ބަނދަރު ހެއްދެވުމުގެ މަސައްކަތް، މިދިޔަ އަހަރުގެ އޮކްޓޯބަރމަހު ސަރުކާރުންވަނީ އެމް.ޓީ.ސީ.ސީ.އާ ހަވާލުކުރައްވާފައެވެ.