ތޫނު ހަތިޔާރު ބޭނުންކޮށްގެން މާލެއާއި އަތޮޅުތަކުގައި ހިންގާ މާރާމާރީއާއި، މީހުން މެރުމާއި ތަފާތު ގޭންގުތައް ހަދައިގެން މުޖުތަމަޢުގެ ތެރޭގައި ހިންގަމުންގެންދާ ކުށްތައް ހުއްޓުވުމަށް ރައީސުލްޖުމުހޫރިއްޔާ މުޙައްމަދު ނަޝީދު އެކުލަވައިލެއްވި ނޭޝަނަލް ކްރައިމް ޕްރިވެންޝަން ކޮމިޓީން، ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ނެޝަނަލް ކްރައިމް ޕްރިވެންޝަން ކޮމެޓީގެ ޗެއަރޕާރސަން އަމީން ފައިޞަލް ދެއްކެވި ވާހަކަފުޅުގައި، ޖަލު ބެލެހެއްޓުމުގެ ކަންތައްތައް ހަރުދަނާ ކުރުމަށްޓަކައި ގިނަގުނަ ކަންތައްތަކެއް ކުރަންޖެހިފައިވާކަން ފާހަގަކުރެއްވިއެވެ. މިގޮތުން ޖަލު ބަލަހައްޓާ މުވައްޒަފުންގެ ސުލޫކީ މިންގަނޑުތައް ރަނގަޅު ކުރުމުގެ މުހިންމު ކަމުގެ މައްޗައް އެމަނިކުފާނު ބައްލަވާލެއްވިއެވެ.

ސިވިލްސާރވިސް ކޮމިޝަންގެ މެންބަރުންގެ ވާހަކަފުޅުގައި، މި މަސައްކަތަށް އެ ކޮމިޝަންގެ ފުރިހަމަ އެއްބާރުލެއްވުން ލިބިވަޑައިގަންނަވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި ޖަލުބެލެހެއްޓުމުގެ މަސައްކަތް ކުރަމުންގެންދާ މުވައްޒަފުންގެ ފަރާތުން ދިމާވާ މައްސަލަތައް ޙައްލުކުރެއްވުމަށްޓަކައި އެކަށީގެންވާ މިންގަނޑުތަކެއް އެކަށައަޅުއްވައި، އެ މިންގަޑުތަކަށް، މިހާރުން މިހާރަށް ޢަމަލުކުރަން ޖެހިފައިވާކަން ފާހަގަކުރެއްވިއެވެ. މިގޮތުން ޖަލުބަލަހައްޓާ މުވައްޒަފުންގެ ސުލޫކީ މިންގަނޑުތަކެއް އެކަށައަޅުއްވަންޖެހޭ ކަމަށް ވިދާޅުވެ، މި މިންގަނޑުތަކާ އެއްގޮތަށް މުވައްޒަފުންގެ ޢަމަލު ކުރަމުން ގެންދޭތޯ ބަލާނެ ޑިސިޕްލިނަރީ ކޮމެޓީއެއް އެކުލަވާލެއްވުމުގެ މުހިންމުކަމުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ.

ނޭޝަނަލް ކްރައިމް ޕްރިވެންޝަން ކޮމިޓީން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ މާދަމާ ބައްދަލުކުރައްވާގޮތަށް މިހާރުވަނީ ހަމަޖެހިފައެވެ.