ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް، އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންގެ އޭޝިޔާ ޕެސިފިކް ރީޖަނަލް އޮފީހުގެ ރީޖަނަލް ޑިރެކްޓަރ މުޚުތާރު އޭ އަވާން އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތައް ތަރައްޤީ ކުރައްވައި، ހަރުދަނާ ކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ. މިގޮތުން، ވައިގެދަތުރުފަތުރުގެ ނިޒާމު، ބައިނަލްއަޤްވާމީ ގޮތުން ޤަބޫލު ކުރެވޭ ފެންވަރަކަށް ތަރައްޤީ ކުރުމަށްޓަކައި ޕަބްލިކް ޕްރައިވެޓް ޕާރޓްނަރޝިޕް ތަޢާރަފު ކުރެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ހަލުވިކަމާއެކު ބަދަލުވަމުން އަންނަ ވައިގެދަތުރުގެ ޞިނާޢަތުގެ ބޭނުންތައް ފުއްދުމަށްޓަކައި އިތުރަށް މަސައްކަތްތައްކުރަން ޖެހިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ކުރިއަށް އޮތް ސާކް ސަމިޓުގައި، އޭޝިޔާ ސަރަޙައްދުގެ ޤައުމުތައް، ވައިގެ މަގުން ގުޅުވާލުމަށް "އެއަރ ކޮނެކްޓިވިޓީ" ތަޢާރަފުކުރުމާއި "އެއަރ ޕޮލިއުޝަން" މަދުކުރުމަށް އެއްބާރުލައި މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ. އަދި، ރާއްޖޭގެ ވައިގެ ދަތުރުގެ ޞިނާޢަތު ތަރައްޤީ ކުރެއްވުމުގައި އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަނުގެ ލަފައާއި އެއްބާރުލެއްވުން ބޭނުންފުޅުވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، މުޚުތާރު އޭ އަވާން ދެއްކެވި ވާހަކަފުޅުގައި، އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަނުން ރާއްޖެއާއެކު މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ވައިގެ ދަތުރުގެ ނިޒާމު މެދުވެރިކޮށް، ރާއްޖޭގެ އިޤްތިޞާދު ހަރުދަނާ ކުރެއްވުމަށް ކުރެއްވިދާނެ ކަންކަމާބެހޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ އަމީން ފައިޞަލާއި، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިޔުނިކޭޝަން މުޙަންމަދު ޢާދިލް ސަލީމް ބައިވެރިވެވަޑައިގެންނެވިއެވެ.