ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ތިލަދުންމަތީ އުތުރުބުރިއާއި، އެއަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް، އިއްޔެ ފެށްޓެވި ދަތުރުފުޅުގައި، ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށްޓަށް މިއަދު ހަވީރު ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ، އަތޮޅު އަދި ރަށު ކައުންސިލްތަކުން އަތޮޅުތަކާއި، ރަށްރަށާގުޅޭ ކަންކަން ހިންގަވަމުން ގެންދެވުމުގައި، ސަރުކާރުގެ ޕްރޮގްރާމްތަކާއި، ޚިދުމަތްތައް ހިންގެވުމަށް ހަމަޖެހިފައި ހުންނަންޖެހޭ އިންތިޒާމްތަކާ ބެހޭގޮތުން ކައުންސިލްތަކާ މަޝްވަރާކުރެއްވުމަށް، ކުރައްވާ ދަތުރުފުޅެކެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި، ކުޅުދުއްފުށީ ބަނދަރުގައި ފެން ވިއްކުން މިއަދު ހަވީރު އިފްތިތާޙް ކޮށްދެއްވިއެވެ. މި ޚިދުމަތަކީ، ކުޅުދުއްފުށީ ބަނދަރަށް އަންނަ އޮޑި ދޯނި ފަހަރަށާއި، މަސްވެރިންނަށާއި، ދަތުރުވެރިންނަށް ސާފު ބޯފެން، ހެޔޮއަގުގައި ވިއްކެވުމަށް، މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީން ޤާއިމް ކޮށްފައިވާ ޚިދުމަތެކެވެ.

މީގެއިތުރުން، އެމަނިކުފާނު މިރޭ ކުޅުދުއްފުށީ ރަށު ކައުންސިލާ ބައްދަލުކުރައްވައި، ކުޅުދުއްފުށީގެ ތަރައްޤީއަށް ސަރުކާރުން ހިންގަވަމުންގެންދަވާ އަދި ހިންގެވުމަށް ކަނޑައަޅުއްވާފައިވާ ޕްރޮގްރާމްތަކާ ބެހޭގޮތުން މަޝްވަރާ ބަދަލުކުރައްވާނެއެވެ.

މިގޮތުން، ކުޅުދުއްފުށީގައި ސަރުކާރުން ހިއްކަވާފައިވާ 28 ހެކްޓަރުގެ ބިން ތަރައްޤީ ކުރެއްވުމާއި، ސަރުކާރުގެ ބަނދަރުމަތީ ބާޒާރު ތަރައްޤީ ކުރެއްވުމުގެ ޕްރޮގްރާމްގެ ދަށުން، ކުޅުދުއްފުށީ ބަނދަރަކީ، ވިޔަފާރިއާއި، ދަތުރުފަތުރާއި، މަސްވެރިކަމަށް މަގުފަހި ކޮށްދޭ، އެ ސަރަޙައްދުގެ މައި ވިޔަފާރި ބަނދަރެއްގެ ގޮތުގައި ތަރައްޤީ ކުރެއްވުމާބެހޭގޮތުން ކުޅުދުއްފުށީ ކައުންސިލާއެކު ރައީސުލްޖުމްހޫރިއްޔާ މަޝްވަރާކުރައްވާނެއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި، ރަށުގެ އިޖްތިމާޢީ، ސިއްހީ އަދި ތަޢުލީމީ ޚިދުމަތްތައް ފޯރުވައިދިނުމުގައި އުމްރާނީ ވަސީލަތްތައް ހުރި ނެތް ގޮތްވެސް ބައްލަވާލައްވާނެއެވެ.