ތިލަދުންމަތީ އުތުރުބުރީ ކެލާގައި، ލޯކަލް ކައުންސިލްގެ އިންތިޚާބު އަލުން ބޭއްވޭކަމީ، މިރާއްޖޭގައި އިންސާފް ޤާއިމް ކުރެވޭ ކަމުގެ ވަރަށް ބޮޑު ރަމްޒެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެންވިދާޅުވީ، ރޭ ކެލާ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ފެބްރުއަރީ 5 ވަނަ ދުވަހު މުޅި ރާއްޖޭގައި ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު، ކެލާގައި ބޭއްވުމުގައި މެދުވެރިވި ކަންކަމުގެ ސަބަބުން އެރަށުގެ އިންތިޚާބު ހުއްޓި، އެ ރަށުގައި އަލުން އެ އިންތިޚާބު ބޭއްވުމަށް ޝަރީޢަތުން ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުމުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، "ކެލާގެ އިންތިޚާބު އެއިރުގައި ހުއްޓި، އެހުއްޓުނު ހުއްޓުމާއި، އަލުން އަނބުރާ ޝަރީޢަތުން އެ އިންތިޚާބު ބާއްވައިދިނުމަށް ކަނޑައެޅި ކަނޑައެޅުމަކީ އަނެއްކާވެސް ތާރީޚީ އިތުރު ޞަފްޙާއެއް" ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނަށް މިއަދު ހިތްވަރު ލިބިވަޑައިގަންނަވަނީ، ރާއްޖެ މިހާރު މިއޮތީ "މުޅީން އެހެން ޙަޤީޤަތެއްގައި ކަމަށްވާތީ. އިންސާފް މިރާއްޖޭގައި ޤާއިމް ކުރެވޭ ކަމުގެ ވަރަށް ބޮޑު ރަމްޒެއް މިރޭ ކެލައިން ފެންނާތީ" ކަމުގައި ވިދާޅުވިއެވެ.

އަދި މި ރާއްޖޭގައި އިންސާފް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރެއްވުމާއި، އެ މަސައްކަތަށް މަގުފަހި ވާނެ ނިޒާމެއް މިރާއްޖޭގައި ޤާއިމް ކުރެއްވުމަކީ، ވެރިކަން ހިންގާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ އެންމެ ބޮޑު މަޝްރޫޢު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އެ މަޝްރޫޢު ހިންގުނީމައި އަޅުގަނޑުމެންނަށް ނަރުދަމާ އެޅެނީ. ބޭރު ބޮޑުހިލަ ބަނދަރު އެޅެނީ. އެ މަޝްރޫޢު ހިންގީމައި އަޅުގަނޑުމެންނަށް ހެލްތް ސެންޓަރު ރަނގަޅު ކުރެވެނީ. ސްކޫލް އެއް ދަންފަޅިއަށް ބަދަލު ކުރެވެނީ. އޯލެވެލް އިންތިހާނުގައި ބައިވެރިވާ ގިނަ ކުދިން ފާސް ކުރެވެނީ." ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވިއެވެ.

އަދި، ރައްޔިތުން އެދޭ ތަރައްޤީ ހޯދޭނީ. ރައްޔިތުންގެ ފަރާތުން ރައްޔިތުންނަށް ޓަކައި، ރައްޔިތުންގެ އިހްސާސްތަކާ އެއްގޮތް ވާގޮތުގެ މަތީން ވެރިކަން ކުރިއަށް ގެންދެވުނީމާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެމަނިކުފާނުގެ ވާހަކަ ފުޅުގައި، ރައްޔިތުން އެދޭ ތަރައްޤީ ހޯދައި، އެ ތަރައްޤީ ޙާޞިލް ކުރުމަށް ބޭނުންވާ އެހެންކަންކަމަށް މަގުފަހިވެ، އަދި ދެމެހެއްޓެނިވި ތަރައްޤީ ހޯދޭނީ ރައްޔިތުން ތަރައްޤީ ވުމުން ކަމުގައި އެމަނިކުފާނު ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކެލާ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ "އަމާޒަކީ ރާއްޖޭގެ ތަރައްޤީގައި، ރާއްޖޭގެ ބަސްކިޔޭ، ރާއްޖޭގެ ނަންކިޔޭ، ރާއްޖޭގެ ފާހަގަވާ، މާ ރަށްރަށް ހިމެނުން" ކަމުގައި ވިދާޅުވިއެވެ.

އެހެންކަމުން "ތިލަދުންމަތި ތަރައްޤީވެ ދިޔުމަށް، ކެލާ ރައްޔިތުންނާއި، ކެލާގެ ރަށްވެރިކަމާއި، ކެލާގެ މުއްސަނދިކަމާއި، ކެލާގެ ތަޖުރިބާއެއީ ކޮންމެހެން ބޭނުންތެރި އެއްޗެއް" ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ދަތުރުފަތުރުކުރުމުގެ ނިޒާމާއި، އަދި ބޯހިޔާވަހިކަން ހޯއްދަވައިދެއްވުމަށް ސަރުކާރުން ހިންގަވާ ޕްރޮގްރާމާއި،ސަރުކާރުގެ އެއްވެސް މަޝްރޫއެއް، ކެލާ ނުހިމެނޭ ގޮތަށް ހިންގުމަށް ދަތިވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، އެމަނިކުފާނުގެ ވާހަކަފުޅުގައި، ސަރުކާރުން ހިންގަވާ ޕްރޮގްރާމްތައް ކެލާގައި ކާމިޔާބު ވެފައިވާ މިންވަރުގެ މައްޗަށް ބައްލަވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، އިއްޔެ ކެލައަށް ކުރެއްވި ދަތުރުފުޅުގައި، ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލާ، އެމަނިކުފާނު ކެލާގައި ބައްދަލުކުރެއްވިއެވެ.