އަތޮޅު އަދި ރަށު ކައުންސިލްތަކުން އަތޮޅުތަކާއި، ރަށްރަށާގުޅޭ ކަންކަން ހިންގަވަމުން ގެންދެވުމުގައި، ސަރުކާރުގެ ޕްރޮގްރާމްތަކާއި، ޚިދުމަތްތައް ހިންގެވުމަށް ހަމަޖެހިފައި ހުންނަންޖެހޭ އިންތިޒާމްތަކާ ބެހޭގޮތުން ކައުންސިލްތަކާ މަޝްވަރާކުރެއްވުމަށް، ތިލަދުންމަތީގެ ބައެއް ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ފެށްޓެވި ދަތުރުފުޅުގައި ތިލަދުންމަތީ އުތުރުބުރީ ބާރަށަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ބާރަށަށް ކުރެއްވި ދަތުރުފުޅުގައި، ބާރަށު ކައުންސިލާ މިއަދު ހަވީރު ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއަށް ސަރުކާރުން ހިންގަވަމުން ގެންދަވާ އަދި ހިންގެވުމަށް ހަމަޖައްސަވާފައިވާ ޕްރޮގްރާމްތަކާ ބެހޭގޮތުން މަޝްވަރާ ބަދަލުކުރެއްވިއެވެ.

މިގޮތުން، ރާއްޖޭގައި ކަނޑާއި ފަޅުގެ ދިރުމުގެ ޞިނާޢަތު ކުރިއެރުއްވުމަށް ސަރުކާރުން ހިންގަވާ ޕްރޮގްރާމްގެ ތެރެއިން، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބާރަށުގައި ހިންގެވުމަށް ހަމަޖެހިފައިވާ ޑިނގާ އާލާ ކުރުމުގެ މަޝްރޫޢާއި، މި މަޝްރޫޢާ ގުޅޭ ތަފްޞީލް ބާރަށު ކައުންސިލާއެކު ޙިއްސާކުރައްވައި، އެ ކަންކަމާ ބެހޭގޮތުން ކައުންސިލްގެ ޚިޔާލު ހޯއްދެވިއެވެ.

މީގެއިތުރުން، ބާރަށުގެ ތަރައްޤީއަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން، އެރަށުގެ ނަރުދަމާގެ މަސައްކަތް ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ހިންގެވުމަށް، ވާރކްސް ކޯޕަރޭޝަނާ ޙަވާލުކުރައްވާފައިވާތީ، މިކަމާބެހޭގޮތުންވެސް، ރައީސުލްޖުމްހޫރިއްޔާ ބާރަށު ކައުންސިލާއެކު މަޝްވަރާ ބަދަލުކުރެއްވިއެވެ. އަދި، ބާރަށު ބަނދަރުގައި ޖެޓީއެއް ހެއްދެވުމަށް މިއަހަރުގެ ބަޖެޓްގައި ހިމެނުއްވާފައިވާތީ، މި ޖެޓީ ހެއްދެވުމާ ބެހޭގޮތުން މަޝްވަރާ ކުރައްވައި، ކައުންސިލްގެ ހިޔާލު ހޯއްދެވިއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމާ ބެހޭގޮތުން ރަށު ކައުންސިލާ މަޝްވަރާކުރެއްވުމުގައި، މި ޕްރޮގްރާމްގެ ދަށުން، ބާރަށުގައި ބިނާކުރުމަށް ހަމަޖެހިފައިވާ ގެދޮރު އިމާރާތް ކުރެއްވުމުގެ މަސައްކަތް މިހާރު ކުރިއަށްގޮސްފައިވާ ގޮތާބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ ބާރަށު ރަށު ކައުންސިލާ ޙިއްސާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ބާރަށަށް ކުރެއްވި ދަތުރުފުޅުގައި، އެރަށު އަމިއްލަ ޖަމްޢިއްޔާއެއް ކަމުގައިވާ ރެހެންދި މޫވްމަންޓުން އެރަށުގައި ހިންގާ ކުކުޅު އާލާ ކުރުމުގެ މަޝްރޫޢު ހިންގާ ސަރަޙައްދަށް ޒިޔާރަތްކުރެއްވިއެވެ. މި ޒިޔާރަތުގައި، މި މަސައްކަތް ވިޔަފާރީގެ ގޮތުގައި ފުޅާކުރައްވައި، މިކަމުގެ އިޤްތިޞާދީ ފައިދާ އިތުރުކުރެއްވުމާ ބެހޭގޮތުން އެ ޖަމްޢިއްޔާއާއެކު މަޝްވަރާކުރެއްވިއެވެ.

އެމަނިކުފާނު ބާރަށުން ފުރާވަޑައިގެންނެވުމުގެ ކުރިން، ބާރަށު ސްކޫލަށް ޒިޔާރަތް ކުރައްވައި، ސްކޫލް ބޯޑާއި، ސްކޫލުގެ ސްޓާފުންނާ ބައްދަލުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ތިލަދުންމައްޗަށް މި ކުރައްވާ ދަތުރުފުޅުގައި، މިހާރުވަނީ ތިލަދުންމަތީ އުތުރުބުރީ ކެލައަށް ވަޑައިގެންފައެވެ.