ތިލަދުންމަތީ އުތުރުބުރިއާއި، އެ އަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިއަދު ހެނދުނު ފެށްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން، ތިލަދުންމަތީ ދެކުނުބުރީ ހަނިމާދުއަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ހަނިމާދުއަށް މި ކުރެއްވި ދަތުރުފުޅުގައި، ހަނިމާދޫ ރަށު ކައުންސިލާ ބައްދަލުކުރައްވައި، ކައުންސިލްގެ ހިންގުމާއި، ރަށުގެ ތަރައްޤީއަށް ސަރުކާރުން މިހާރު ހިންގަވަމުންގެންދަވާ ތަރައްޤީގެ މަޝްރޫޢުތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

މިގޮތުން، ހަނިމާދޫ އެއަރޕޯޓް ބައިނަލްއަޤްވާމީ އެއަރޕޯޓެއްގެ ގޮތުގައި ތަރައްޤީ ކުރެއްވުމަށް ސަރުކާރުން ހިންގަވާ ޕްރޮގްރާމް މިހާތަނަށް ކުރިއަށް ގޮސްފައިވާ ހިސާބާއި، އެއަރޕޯޓާ ގުޅިގެން އިތުރަށް ތަރައްޤީ ކުރެއްވުމަށް ހަމަޖެހިފައިވާ ޚިދުމަތްތައް ތަރައްޤީ ކުރެއްވުމާ ބެހޭގޮތުންވެސް ރަށު ކައުންސިލާއެކު ރައީސުލްޖުމްހޫރިއްޔާ މަޝްވަރާކުރެއްވިއެވެ. އަދި ހަނިމާދޫ އެއަރޕޯޓް ސަރަޙައްދުގައި 200 އެނދުގެ ހޮޓަލެއް ތަރައްޤީ ކުރެއްވުމުގެ މަސައްކަތާއި، އެއަރޕޯޓު ސަރަޙައްދުގައި ހައްދަވަމުންގެންދަވާ ޖެޓީގެ މަސައްކަތް މިހާރު ކުރިއަށް ގޮސްފައިވާ ހިސާބާ ބެހޭގޮތުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ ކައުންސިލާއެކު ޙިއްސާ ކުރެއްވިއެވެ.

މީގެއިތުރުން، އެ ރަށުގައި ހިންގާ ވަރޖިން ކޮކޮނަޓް އޮއިލް އުފެއްދުމުގެ މަޝްރޫޢު އިތުރަށް ފުޅާ ކުރައްވައި، މިކަމުން އިޤްތިޞާދީ ފައިދާ ހޯދޭނެ ގޮތްތަކާ ބެހޭގޮތުން ހަނިމާދޫ ރަށު ކައުންސިލާއެކު މަޝްވަރާކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ، މިއަދު ހަނިމާދުއަށް ކުރެއްވި ޒިޔާރަތުގައި، މި މަޝްރޫޢުގެ ދަށުން، އެރަށުގައި ޤާއިމް ކުރައްވާފައިވާ އުތުރު ސަރަޙައްދުގެ ވަރޖިން ކޮކޮނަޓް އޮއިލް ޕްރޮސެސިންގ ޕްލާންޓަށް ޒިޔާރަތް ކުރެއްވިއެވެ. މި ޕްލާންޓުގެ ހިންގުން މިހާރު ވަނީ ހަނިމާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ހަވާލުކުރައްވާފައެވެ. އެކޮމިޓީން، ރަށުގައި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކާ ގުޅިގެން ސާފު ކާށި ތެޔޮ އުފައްދައި، މި އުފެއްދުމަށް، އެ ސަރަޙައްދުގައި ހުރި ރެޒޯޓްތަކުގެ ޝައުޤުވެރިކަން ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ހަނިމާދޫ ރަށު ކައުންސިލާ މަޝްވަރާކުރެއްވުމުގައި، ހަނިމާދޫގައި ސަރުކާރުން ހިންގެވުމަށް ހަމަޖެހިފައިވާ އެހެން މަޝްރޫޢުތަކުގެ ތެރެއިން، ރަށުގެ ނަރުދަމާގެ މަޝްރޫޢާއި، ބޯހިޔާވަހި ކަމުގެ ޕްރޮގްރާމްގެ ދަށުން ޢިމާރާތް ކުރާ ގެދޮރާއި، އެރަށަށް ބަދަލުކޮށްފައިވާ ތިލަދުންމަތީ އުތުރުބުރީ ހަތިފުށީ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯއްދަވައިދެއްވުމަށް ޢިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ ގޮތުގެ މަޢުލޫމާތު، ރައީސުލްޖުމްހޫރިއްޔާ ކައުންސިލާ ޙިއްސާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ހަނިމާދުއަށް ކުރެއްވި ޒިޔާރަތުގައި، ހަނިމާދޫ ސިއްހީ މަރުކަޒަށާއި ސްކޫލަށް ޒިޔާރަތް ކުރައްވައި، އެތަންތަނުގެ މަސައްކަތްތަކާ ބެހޭގޮތުން އެ ދެތަނުގެ އިސްވެރިންނާ ވާހަކަފުޅު ދެއްކެވިއެވެ. އަދި، އެމަނިކުފާނު، ހަނިމާދޫ ބަނދަރުވެސް މިއަދު ބައްލަވާލެއްވިއެވެ.