ޖަޕާން ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ކުނިއޯ ޓަކަހާޝީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ޖަޕާނު ސަފީރު ދެއްކެވި ވާހަކަފުޅުގައި، މިދިޔަ މަހު ޖަޕާނަށް އައި ބިންހެލުމާއި ސުނާމީއާ ގުޅިގެން ދިވެހިރާއްޖޭގެ ފަރާތުން ޖަޕާނަށް ފޯރުކޮށްދިން އެހީ ވަރަށް ބޮޑަށް ފާހަގަކުރައްވައި ޖަޕާން ސަފީރު، ދިވެހި ރައްޔިތުންނަށާއި، ސަރުކާރަށާއި، ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާ ކުރެއްވިއެވެ. އަދި، ޖަޕާނު ރައްޔިތުންގެ ދިރިއުޅުމަށް ކުރިމަތިވެފައިވާ ހިތާމައިގެ މި ދަނޑިވަޅުގައި، ރާއްޖެއިން ވަމުންދާ އެހީތެރިކަމާއި، މިކަމުގައި ބައިނަލްއަޤްވާމީ މަޝްރަހުގެ އެއްބާރުލުން ހޯދުމުގައި ރާއްޖޭގެ ސަރުކާރުން ކޮށްދެއްވަމުން ގެންދަވާ މަސައްކަތް ޖަޕާނުގެ ސަފީރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ޑިމޮކްރަސީއާ އިންސާނީ ޙައްގުތަށް ޙިމާޔަތްކުރުމުގައި ރާއްޖެއިން އިސްވެ އަދާކުރަމުންދާ ދައުރު ފާހަގަކުރައްވައި، އެކަމަށްޓަކައި ދިވެހި ސަރުކާރަށް ސަފީރު ޓަކަހާޝީ މަރުޙަބާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޖަޕާން ފަދައިން ރާއްޖެއަކީވެސް ސުނާމީގެ ގެއްލުން ތަޙައްމުލް ކޮށްފައިވާ ޤައުމެއް ކަމަށާއި އެހެންކަމުން ޖަޕާންގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަށް ދިވެހި ރައްޔިތުންނަށް އިޙުސާސް ކުރެވޭކަން ފާހަގަ ކުރެއްވިއެވެ. އަދި މިދަތިތަކާއި ކުރިމަތިލުމުގައި ޖަޕާނު ރައްޔިތުން އަޒުމް ވަރުގަދަކޮށް ދެމިތިބުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީއާއި، ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ އަމީން ފައިޞަލާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަޙްމަދު ނަސީމާއި، ފޮރިން ޕޮލިސީ އެޑްވައިޒަރ ޑޮކްޓަރ އަޙްމަދު ޝަހީދު ބައިވެރިވެވަޑައިގެންނެވިއެވެ.