އ.ދ.ގެ ޞުލްޙަ ބަލަހައްޓާ ފައުޖުތަކުގައި ދިވެހި ސިފައިން ބައިވެރިކުރެއްވުމުގެ ކަންތައް ކުރިއަށް ގެންދެވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، އ.ދ.ގެ ޕީސް ސަޕޯޓް އޮޕަރޭޝަންތަކުގައި ދިވެހި ސިފައިން ބައިވެރި ކުރެއްވުމާބެހޭގޮތުން، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީން ތައްޔާރުކުރައްވައި ވަޒީރުންގެ މަޖިލީހަށް ހުށަހަޅުއްވި ކަރުދާހެއްގެ މައްޗަށް، ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުއެވެ.

މި ކަރުދާހުގެ މައްޗަށް، މިއަދުގެ ޖަލްސާގައި، މެންބަރުން ވާހަކަފުޅުދެއްކެވުމަށްފަހު، އ.ދ.ގެ ޕީސް ސަޕޯޓް އޮޕަރޭޝަން ތަކުގައި ދިވެހި ސިފައިން ބައިވެރި ކުރެއްވުމާބެހޭގޮތުން ސޮއި ކުރެއްވުމަށް ހަމަޖައްސަވާފައިވާ މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގައި ސޮއި ކުރެއްވުމުގެ ކަންތައް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީން ކުރިއަށް ގެންދެވުމަށް ނިންމެވިއެވެ.

ބައިނަލްއަޤްވާމީ ޞުލްޙަ މަސަލަސްކަމުގެ އެންމެ މުހިންމު އެއްބަޔަކީ އ.ދ.އާއި، ޔޫރަޕިއަން ޔޫނިއަންއާއި، ސާކް ފަދަ ސަރަޙައްދީ ޖަމްޢިއްޔާތަކާއި، ނޭޓޯ ފަދަ ބައިނަލްއަޤްވާމީ މުޢާހަދާ ތަކުގެ ދަށުން އުފެދިފައިވާ މުއައްސަސާތައްކަމާއި، ހަލަބޮލި ބައިނަލްއަޤްވާމީ މަސްރަހްގައި މިފަދަ މުއައްސަސާތަކުން އަދާކުރަނީ ވަރަށް މުހިންމު ދައުރެއްކަން، މިއަދުގެ ޖަލްސާގައި މެންބަރުން ފާހަގަކުރެއްވިއެވެ. އެހެންކަމުން، ދުނިޔޭގައި ޞުލްޙަ މަސަލަސްކަން ޤާއިމްކޮށް، ދުނިޔޭގެ ކޮންމެ ޤައުމަކަށާއި، މުޖްތަމަޢަކަށާއި، ވަކިވަކި ފަރުދަކަށް އަމާން މާޙައުލެއްގައި ދިރިއުޅުމުގެ ފުރުޞަތު ހޯދައިދިނުމަށް މިފަދަ މުއައްސަސާތަކުން ކުރާ ބައިނަލްއަޤްވާމީ މަސައްކަތުގައި، ރާއްޖެއިން ބައިވެރިވެ، ބައިނަލްއަޤްވާމީ ޞުލްޙަ މަސަލަސްކަމަށް މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއްކަންވެސް މެންބަރުން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މިކަމަކީ، މިއަދުގެ ގުޅި ލާމެހިފައިވާ ދުނިޔޭގައި، ރާއްޖެފަދަ ކުޑަ ޤައުމަކަށް ދުނިޔޭގެ ސަލާމަތީ މަސްރަހަށް ލޯހުޅުވި، އަދި ބައިނަލްއަޤްވާމީ ސަލާމަތީ ވިއުގައިގެ ތެރެއަށް ވަދެ، އެ ވިއުގައިގެ ތެރޭގައި ރާއްޖެ ލާމެހިގެން ދާނެ ކަމެއްކަމުގައި މެންބަރުން ވިދާޅުވިއެވެ. އަދި، މިކަމުގެ ސަބަބުން، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ހައިބަތު ބޮޑުވެ، ބައިނަލްއަޤްވާމީ ގޮތުން އިތުރު ކުރިއެރުމާއި، ފައިދާ ރާއްޖެއަށް ލިބިގެންދާނެ ކަމަށްވެސް މެންބަރުން ވިދާޅުވިއެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ރަށްރަށުގައި ހުރި ވަކި ވުޒާރާއަކަށް ނިސްބަތްނުވާ ހުރިހާ ބިންބިމާއި، ޢިމާރާތްތައް ރަށު ކައުންސިލްތަކާ ހަވާލުކުރެއްވުމަށްވެސް ނިންމެވިއެވެ. އަދި އެ ތަންތަނުން ދެމުންގެންދާ ޚިދުމަތްތައް މެދު ނުކެނޑި ރައްޔިތުންނަށް ލިބެމުންދާނެފަދަ ގޮތަކަށް މިކަން ކުރިއަށް ގެންދެވުމަށްވެސް ވަޒީރުންގެ މަޖިލީހުން ލަފާއެރުއްވިއެވެ.

މީގެއިތުރުން، އަތޮޅު އޮފީހުގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިހުރި ތަންތަނާއި، އެއްޗެހި އަތޮޅު ކައުންސިލަށް ބަދަލުކުރެއްވުމަށާއި، އަތޮޅު އޮފީހުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިނުވާ، ސަރުކާރުގެ މިނިސްޓްރީއަކުން ނުވަތަ މުއައްސަސާއަކުން ބޭނުންކުރައްވާ ތަންތަން އެމިނިސްޓްރީއަކަށް ނުވަތަ އެ މުއައްސަސާއަކަށް ބަދަލުކުރެއްވުމަށްވެސް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ނިންމެވިއެވެ.