ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، މިހާރު އިޓަލީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިލާންގެ މޭޔަރ ލެޓީޒިއާ މޮރާޓީއާ ބައްދަލުކުރައްވައިފިއެވެ.

މިލާންގެ މޭޔަރުގެ އޮފީހުގައި އިއްޔެ ހަވީރު ބޭއްވެވި ބައްދަލުކުރެއްވުމުގައި، މިލާންގެ މޭޔަރ މޮރާޓީ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތަށް ތަޢުރީފް ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، އިޓަލީއަކީ ޞިއްޙީ ޚިދްމަތް ފޯރުކޮށްދިނުމުގައި، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއްޤައުމުކަން ފާހަގަކުރައްވައި، މިދާއިރާއިން ރާއްޖެއަށް އެހީތެރިކަން ހޯއްދެވުމާ ބެހޭގޮތުން ނައިބު ރައީސާއި މިލާންގެ މޭޔަރު މަޝްވަރާ ކުރެއްވިއެވެ. އަދި އިޓަލީގައި ރާއްޖޭގެ ޓުއަރިޒަމް އިތުރަށް ޕްރޮމޯޓް ކުރުމަށް، މިލާން ޗެމްބަރ އޮފް ކޮމާރސްއާ ގުޅިގެން، ކުރިއަށް ގެންދެވިދާނެ ޕްރޮގްރާމްތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މީގެއިތުރުން، ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫގައި ޤާއިމް ކުރެވިފައިވާ، އިޓަލީގެ ޔުނިވަރސިޓީ އޮފް މިލާނޯ-ބިކޯކާ މޯލްޑިވްސް އައުޓްޕޯސްޓްގައި، ދިވެހި ކުދިންނަށް ކިޔެވުމުގެ ފުރްޞަތު ފަހިކޮށްދެއްވުމަށް މަސައްކަތް ކުރެއްވުމާ ބެހޭގޮތުންވެސް ނައިބު ރައީސާއި މިލާންގެ މޭޔަރ ވާހަކަފުޅު ދެއްކެވިއެވެ.