ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، އިޓަލީގެ ޔުނިވަރސިޓީ އޮފް މިލާނޯ-ބިކޯކާއަށް ޒިޔާރަތް ކުރައްވައިފިއެވެ. ނައިބު ރައީސް، އެ ޔުނިވަރސިޓީއަށް ވަޑައިގެންނެވުމުން، އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ، ޔުނިވަރސިޓީގެ ރެކްޓަރ މާރޗެލޯ ފޮންޓަނޭސީއެވެ.

ނައިބު ރައީސް، މިލާނޯ-ބިކޯކާ ޔުނިވަރސިޓީއަށް ކުރެއްވި ޒިޔާރަތުގައި، އެ ޔުނިވަރސިޓީގެ ސެނެޓުގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި، ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫގައި ޤާއިމްކޮށްފައިވާ، އެ ޔުނިވަރސިޓީގެ އައުޓްޕޯސްޓްގައި، މެރިން ސައެންސްގެ ދާއިރާއިން މާސްޓަރޒް ޕްރޮގްރާމެއް ހިންގުމަށް ހަމަޖެހިފައިވާކަން، ޔުނިވަރސިޓީގެ ސެނެޓުން އިޢްލާނު ކުރެއްވިއެވެ. މިޕްރޮގްރާމަކީ، ރާއްޖޭގައި މާސްޓަރޒް ފެންވަރަށް ކިޔަވައިދޭ މިފަދަ ފުރަތަމަ ޕްރޮގްރާމެވެ.

މި ބައްދަލުވުމުގައި، ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ސައެންސްގެ އެކިދާއިރާތަކުން މިލާނޯ-ބިކޯކާ ޔުނިވަރސިޓީން ހިންގާ ދިރާސާތައް ފާހަގަކުރައްވައި، އެ ޔުނިވަރސިޓީން ހިންގާ މިފަދަ ޕްރޮގްރާމްތަކަކީ، ވަރަށް މުހިންމު ޕްރޮގްރާމްތަކެއް ކަމުގައި ވިދާޅުވިއެވެ. މީގެއިތުރުން، ރާއްޖޭގައި މިލާނޯ-ބިކޯކާ ޔުނިވަރސިޓީގެ އައުޓްޕޯސްޓެއް ޤާއިމް ކުރުމުގެ މަގުފަހިވެގެން ގޮސްފައިވަނީ، ރާއްޖެއަށް ޑިމޮކްރަސީ ތަޢާރުފް ކުރެއްވުމުން ކަމަށާއި، ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރައްވައި ދެމެހެއްޓެވުމަށްޓަކައި، ސޯޝަލް ސައެންސަސްއާއި، ލިބަރަލް އާޓްސްގެ ރޮނގުތަކުން ރާއްޖޭގެ ކުދިންނަށް މަތީ ތަޢްލީމުގެ ފުރްޞަތުތައް ފަހިކޮށްދެއްވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.