މުޅި ރާއްޖޭގެ ތަރައްޤީއާއި، މުޅި ރާއްޖޭގެ ކުރިއެރުން އެންމެ ބޮޑަށް ބިނާވެފައިއޮތީ، ޓުއަރިޒަމް އިންޑަސްޓްރީގެ ކުރިއެރުމާއި، އެ އިންޑަސްޓްރީގެ ސަލާމަތާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ޓުއަރިޒަމް އިންޑަސްޓްރީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން، މިނިސްޓްރީ އޮފް ޓުއަރިޒަމް، އާޓްސް އެންޑް ކަލްޗަރއާއި، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ)އާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ގުޅިގެން ބާއްވަވާ "ސެމިނަރ އޮން ސެކިއުރިޓީ އިން ދަ ޓުއަރިޒަމް އިންޑަސްޓްރީ" ހުޅުއްވައިދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. މިއަދުން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ސެމިނާރ ހިނގަމުންދަނީ، ކަސްޓަމްސް ބިލްޑިންގގެ ސެމިނަރ ރޫމްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިޞާދު އެންމެ ބޮޑަށް ބިނާވެފައި އޮންނަނީ، ޓުއަރިޒަމުން ލިބޭ އާމްދަނީއެއްގެ މައްޗަށްކަން ފާހަގަކުރައްވަމުން، ރާއްޖެ މިއެދޭ ހުރިހާ ތަރައްޤީއެއް ހޯދެން އޮތީ، މި ޞިނާޢަތު ރައްކާތެރި ކުރެވިގެން ކަމުގައި ވިދާޅުވިއެވެ. "މި ޞިނާޢަތު އަޅުގަނޑުމެންނަށް ރައްކާތެރި ނުކުރެވިއްޖެނަމަ، އަޅުގަނޑުމެން މިއެދޭ ތަރައްޤީ، އަޅުގަނޑުމެން މިއެދޭ ހާސްކަމެއް ނެތް ދިރިއުޅުން، އަޅުގަނޑުމެންނަށް ހޯދޭކަށެއް ނޯންނާނެ" ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ސަރުކާރަށް އެއްވެސް ކަމެއް ހިންގެން އޮތީ، ދެމެހެއްޓެނިވި ގޮތުގައި ދައުލަތަށް އާމްދަނީ ލިބެމުން އަންނަ އަދި ލިބެން އޮތް އެންމެ ވަރުގަދަ ސިނާޢަތު ރައްކާތެރި ކުރެވިގެން. އެހެންވީމާ އަޅުގަނޑުމެން އެންމެނަށްވެސް މި މަސައްކަތް މުހިންމު ވާންޖެހޭނެ. މި މަސައްކަތުގައި ދެމިތިބޭން ޖެހޭނެ. އަދި އަޅުގަނޑުމެން މި މަސައްކަތް ކާމިޔާބު ކުރާން ޖެހޭނެ." ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިފަހަކަށްއައިސް ހިނގާފައިވާ ބައެއް ހާދިސާތަކުން، ޓުއަރިޒަމް އިންޑަސްޓްރީގެ ސަލާމަތާ ގުޅޭގޮތުން ކުރިމަތިވެފައިވާ މައްސަލަތަކުގެ އަޞްލު މަންޒަރު ފެނިފައިވާ ކަމުގައި ވިދާޅުވިއެވެ. އަދި މިފަދަ ކަންކަމުން ރެޒޯޓްތައް ސަލާމަތް ކުރެއްވުމަށް ފިޔަވަޅުތަކެއް އެޅިދާނެ ކަމަށާއި، "ރެޒޯޓްތައް ވަށައި، ލޯ ފާރެއް ލެވިދާނެ" ކަމަށާއި، ނަމަވެސް އެއީ މުޅި މައްސަލައަށް ޙައްލެއް ލިބުނީ ކަމަށް ދެކެވަޑައިނުގަންނަވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އޭރުން އެ އަޅާލެވުނީ މައްސަލައިގެ ޢަލާމާތާކަން ފާހަގަކުރައްވަމުން، މައްސަލައިގެ އަޞްލަކީ، ރާއްޖޭގެ މުޖްތަމަޢާ ގުޅިފައިވާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މި މައްސަލައިގެ އަޞްލު ގުޅިފައި އޮތީ، އަދާކުރާނެ ވަޒީފާއެއް ނެތި، ރަނގަޅު ތަޢްލީމެއް އަދި އަޅާލުމެއްނެތި އެތައް ޒުވާނުންނެއް، ރާއްޖޭގެ މަގުމައްޗަށް، ރާއްޖެއަށް އިތުރުވަމުންދާ ދިއުމާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެހެންކަމުން، މިއަދު ފެށުނު ސެމިނާރގެ މަޝްވަރާތަކުގައި، މިކަމުގެ އަޞްލު މައްސަލައަށް އޮތް ޙައްލަކާ ގުޅޭގޮތުންވެސް ވިސްނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެއިތުރުން، މި ޞިނާޢަތު ކުރިއެރުވުމުގައި ރާއްޖޭގެ ރައްޔިތުންނަށް ހޯއްދަވައިދެއްވާފައިވާ ފުރްޞަތުތަކަށްޓަކައި، ރައްޔިތުންގެ ނަމުގައި ޓުއަރިޒަމް އިންޑަސްޓްރީގައި ޙަރަކާތްތެރިވެވަޑައިގަންނަވާ ހުރިހާ ފަރާތްތަކަށް، ރާއްޖޭގެ ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޝުކުރާއި މަރުޙަބާ ދެންނެވިއެވެ.