ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، މިހާރު އިޓަލީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިޓަލީގެ ވިލާ ވިގޯނީގައި މި އޭޕްރީލް މަހުގެ 3ން 6އަށް ކުރިއަށްދާ "ތަރޑް ފޯރަމް އޮން އެކަޑަމިކް ސިސްޓަމް"ގައި ތަޤްރީރު ކުރައްވައިފިއެވެ.

"ތަރޑް ފޯރަމް އޮން އެކަޑަމިކް ސިސްޓަމް"އަކީ، ވިލާ ވިގޯނީއާއި އިޓަލީގެ ގާޑީނީ ފައުންޑޭޝަނާއި، ޖަރުމަނުގެ ޖާރމަން އެސޯސިއޭޝަން އޮފް ޔުނިވަރސިޓީ ޕްރޮފެސަރޒް އެންޑް ލެކްޗަރަރޒް ގުޅިގެން، "ޔޫރަޕިއަން އެކަޑަމިކް ސްޕޭސް: ވިޝަން، ފިކްޝަން އޯ ރިއާލިޓީ: އަ ޕްރޮވިޝަނަލް ބެލެންސް" މި ސިލްސިލާގެ ދަށުން ބާއްވާ ފޯރަމްތަކުގެ އެންމެފަހު ފޯރަމެވެ.

މި ފޯރަމްގެ ތެރެއިން، ނައިބު ރައީސްގެ ޝަރަފުގައި ބޭއްވެވި ރޭގަނޑުގެ ފަރިއްކޮޅެއްގައި، އެމަނިކުފާނު ކުރެއްވި ތަޤްރީރުގައި، ޑިމޮކްރަސީ ހަރުދަނާ ކުރުމުގައި، މަތީ ތަޢްލީމުގެ މުހިންމު ކަމާއި، ރާއްޖޭގެ ޑިމޮކްރަސީއާއި ލިބަރަލް އާޓްސްގެ ދާއިރާއިން ރާއްޖެއަށް މަތީ ތަޢްލީމުގެ ފުރްޞަތުތައް ހޯއްދެވުމުގެ މައްޗަށް ވާހަކަފުޅު ދެއްކެވިއެވެ.

މީގެއިތުރުން، ޔޫރަޕްގެ އެންމެމަތީ ފެންވަރުގެ ޔުނިވަރސިޓީތަކުން ބައިވެރިވި މި ފޯރަމްގައި ބޭއްވެވި މަޝްވަރާތަކުގައި، ޔޫރަޕްގެ ޔުނިވަރސިޓީތަކުން، އެކި ދާއިރާތަކުން، ރާއްޖެއަށް މަތީ ތަޢްލީމުގެ ފުރްޞަތުތައް ފަހިކޮށްދެއްވުމުގެ ޝައުގުވެރިކަން ފާޅުކުރެއްވިއެވެ. އަދި ޔޫރަޕްގެ ޔުނިވަރސިޓީތަކާ ގުޅިގެން، ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި މަތީ ތަޢްލީމުގެ ޕްރޮގްރާމްތަކާއި، ދިރާސާ ކުރުމުގެ ކަންކަން ފަހިކުރެއްވުމާ ބެހޭގޮތުންވެސް ނައިބު ރައީސް މަޝްވަރާ ކުރެއްވިއެވެ.

ނައިބު ރައީސް އިޓަލީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ، ތަރޑް ފޯރަމް އޮން އެކަޑަމިކް ސިސްޓަމްގައި ތަޤްރީރު ކުރެއްވުމަށް، ވިލާ ވިގޯނީ އެސޯސިއޭޝަނުން ދެއްވި ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ނައިބު ރައީސްގެ މިދަތުރުފުޅުގައި، އެމަނިކުފާނު ވިލާ ވިގޯނީގައި ހުންނެވުމުގެ ހުރިހާ ޚަރަދެއް ހަމަޖައްސަވައި ދެއްވާފައިވަނީ، ވިލާ ވިގޯނީ އެސޯސިއޭޝަނުންނެވެ.

ވިލާ ވިގޯނީއަކީ، އިޓަލީގެ ލޭކް ކޯމޯގައި ހުންނަ ޖަރުމަނު ސަރުކާރުގެ ޕްރޮޕަރޓީއެކެވެ. ވިލާ ވިގޯނީ ހިންގަމުން ގެންދަނީ، ޖަރުމަނު ސަރުކާރާއި، އިޓަލީ ސަރުކާރާ ދެމެދުގައި 1986 ވަނަ އަހަރު ވެވިފައިވާ އެއްބަސްވުމެއްގެ ދަށުން ދެސަރުކާރު ގުޅިވަޑައިގެންނެވެ.