ޤާނޫނު ނަންބަރު 2010/16 (ބްރޯޑްކާސްޓް ކުރުމުގެ ޤާނޫނު)ގެ 3 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އުފައްދާފައިވާ "މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން"ގެ މެންބަރުކަމަށް، އެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާ މިއަދު މެންބަރުން ޢައްޔަން ކުރައްވައިފިއެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގައި ހިމެނިވަޑައިގަންނަވަނީ މިދަންނަވާ މެންބަރުންނެވެ.

1. އަލްފާޟިލް ބަދުރުއްނަޞީރު މއ. ވިލުވެލި
2. އަލްފާޟިލާ ޢާއިޝަތު ހަނާ ހ. ރަންކޮކާ
3. އަލްފާޟިލް މުޙަންމަދު ޝަހީބް ހ. ރީތިގަސްދޮށުގެ
4. އަލްފާޟިލާ މަރިޔަމް ޝައުޤީ މއ. ލައިޓްކޯނަރ 2
5. އަލްފާޟިލް އިބްރާހީމް އަޝްރަފް ވ. މަށިވެލި
6. އަލްފާޟިލާ މުއުމިނާ އާދަމް ގ. ހާފްސީ
7. އަލްފާޟިލް ޢަބްދުﷲ ޝުޖާޢު މ. ނޫވިލު

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، މިބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މީޑިއާއަކީ ދައުލަތުގެ 4 ވަނަ ބާރު ކަމަށް މި ސަރުކާރުން ދެކެވަޑައިގަންނަވާ ކަމަށާއި، އަދި ޤާނޫނުއަސާސީގެވެސް ރޫޙަކީ މިއީ ކަމުގައި ވިދާޅުވިއެވެ. އަދި މިނިވަން މީޑިއާއެއް ނެތިއެއް، އަޅުގަނޑުމެން މިއެދޭ ތަރައްޤީއާއި، ރާއްޖޭގެ ރައްޔިތުން އެދޭ ހެޔޮވެރިކަން ނުހޯދޭނެ ކަމުގައި ބަޔާންކުރައްވަމުން، މިޑިއާ ރެގިއުލޭޓް ކުރެއްވުމުގައި، މިހާރު މިއޮތް މީޑިއާގެ މިނިވަންކަން ގެއްލިދާ ބާވަތުގެ އެއްވެސް ކަމެއް ނުހިނގާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެއިތުރުން، މިހާރު ޤާނޫނީ ވަކި މުއައްސަސާއެއް މެދުވެރިވެ، ޤާނޫނެއްގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ ރުހުމާ އެކީގައި، މާ ހަރުދަނާ ގޮތުގައި މަސައްކަތް ކުރައްވައި، ރާއްޖޭގެ ރައްޔިތުން މިއެދޭ ތަރައްޤީ މި ރާއްޖެއަށް ހޯއްދަވައިދެއްވުމުގައި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ މެންބަރުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.