ލީބިޔާގެ ރައްޔިތުން ތަމްސީލުކުރާ ހަމައެކަނި ފަރާތަކީ، ލީބިޔަން ނޭޝަނަލް ޓްރާންސިޝަން ކައުންސިލް ކަމުގައި ބަލައިގަތުމަށް ރާއްޖެއިން ނިންމައިފިއެވެ.

ރާއްޖެއިން، މި ކައުންސިލް ބަލައިގަތުމަށް ނިންމުމުގެ ކުރިން، މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހު ޤަޠަރުން ވަނީ ލީބިޔާގެ ރައްޔިތުން ތަމްސީލުކުރާ ހަމައެކަނި ފަރާތަކީ މިކައުންސިލްކަން ބަލައިގެންފައެވެ. ޤަޠަރުގެ މި ނިންމުމަށް، ގަލްފް ކޯޕަރޭޝަން ކައުންސިލްގެ ސެކްރެޓަރީ-ޖެނެރަލް ވަނީ ތާއީދު ކުރައްވާފައެވެ. މީގެއިތުރުން، މާޗް މަހުގެ 10 ވަނަ ދުވަހު، ފްރާންސުންވަނީ މި ކައުންސިލް ބަލައިގެންފައެވެ.

ރާއްޖޭގެ މިނިންމުމާ ގުޅިގެން، ރާއްޖެއިން އަބަދުވެސް ތިބޭނީ، އިންސާނީ ޙައްޤުތައް ނިގުޅައިގަތުމާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކާ އެކުގައި ކަމާއި އަދި ލީބިޔާގެ ރައްޔިތުން ތަމްސީލު ކުރުމުގެ ބާރު ލިބިފައިވާ ހަމައެކަނި ފަރާތަކީ، ލީބިޔަން ނޭޝަނަލް ޓްރާންސިޝަން ކައުންސިލް ކަމަށް ވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވައެވެ.

ދިވެހި ސަރުކާރުން، ލީބިޔަން ނޭޝަނަލް ޓްރާންސިޝަން ކައުންސިލް ބަލައިގެންނެވުމަށް ނިންމަވާފައިވަނީ، ދެކަމެއްގެ މައްޗަށް ބައްލަވާފައި ކަމުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަޙްމަދު ނަސީމް ވިދާޅުވެފައިވެއެވެ.

މިގޮތުން، ފުރަތަމަ ކަމަކީ، ލީބިޔާގެ ރައްޔިތުންނާ ދެކޮޅަށް، މުޢައްމަރުލް ޤައްޒާފީގެ ސަރުކާރުން ހިންގަމުން ގެންދާ ހަނގުރާމައިގެ ޖަރީމާއާއި، އިންސާނިއްޔާތާ ދެކޮޅު އަމަލުތަކާ އެއްފަދަ ބޮޑެތި އިންސާނީ ޙައްޤުތައް ނިގުޅައިގަތުމުގެ ޢަމަލުތަކުގެ ސަބަބުން، ލީބިޔާގެ ވެރިކަން ހިންގައި، ރައްޔިތުން ތަމްސީލު ކުރުމުގެ ބާރާއި ޙައްޤު، ކާނަލް ޤައްޒާފީގެ ސަރުކާރަށް ގެއްލިފައިވުމެވެ.

އަދި ދެވަނަ ކަމެއްގެ ގޮތުގައި، ލީބިޔަން ނޭޝަނަލް ޓްރާންސިޝަން ކައުންސިލަކީ، ލީބިޔާގެ ގިނަ ރައްޔިތުންގެ ތާއީދާއެކު ރައްޔިތުން ތަމްސީލުކުރާ ހަމައެކަނި ފަރާތް ކަމުގައިވާކަން ރާއްޖެއިން ފާހަގަކުރެއެވެ.