ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 71 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ޤައުމީ އިދާރާތަކުންދޭ ޚިދްމަތްތައް އިދާރީ ދާއިރާތަކުގައި ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަށްޓަކައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، "ފުވައްމުލަކުގެ ޤައުމީ އިދާރާ"ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފިއެވެ. އަދި "ފުވައްމުލަކުގެ ޤައުމީ އިދާރާ" އުފެއްދެވުމާ ގުޅިގެން، މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ދަށުން ހިނގަމުން އައި "ދެކުނު ސަރަޙައްދުގެ ޤައުމީ އިދާރާ" އާއި، އެ އިދާރާގެ ދަށުން ހިނގަމުން އައި "ދެކުނު ސަރަޙައްދުގެ ޤައުމީ އިދާރާގެ ފުވައްމުލަކު ޔުނިޓް" ވަނީ އުވާލައްވާފައެވެ.

މިގޮތަށް މި ހަމަޖެއްސެވީ، އައްޑުއަކީ ސިޓީއެއްގެ ދަރަޖަ ލިބިފައިވާ އިދާރީ ދާއިރާއަކަށްވާތީ، އެ އިދާރީ ދާއިރާއަށް ސަރުކާރުންދޭ ޚިދްމަތްތައް، ޤައުމީ އިދާރާއެއް މެދުވެރި ކުރެއްވުމެއްނެތި، ސީދާ އައްޑޫ ސިޓީ ކައުންސިލް މެދުވެރިކުރައްވައިގެން ދެއްވުމަށް ސަރުކާރުން ނިންމަވާފައިވާތީއާއި، މިނިންމެވުމާ ގުޅިގެން، ޤައުމީ އިދާރާތަކުންދޭ ޚިދްމަތްތައް ފުވައްމުލަކަށް ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަށްޓަކައެވެ.

ފުވައްމުލަކުގެ ޤައުމީ އިދާރާ ހިނގަމުންދާނީ، މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ދަށުންނެވެ.