ނޯވޭ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ހިލްޑޭ ހެރަލްޑްސްޓެޑް، އެކަމަނާގެ ސަފީރު ކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް މިއަދު އަރުއްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ނޯވޭގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ނޯވޭއާ ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރައްވައި، ދެޤައުމު އެކީގައި މަސައްކަތް ކުރެވިދާނެ ދާއިރާތައް އެބަހުރި ކަމުގައި ވިދާޅުވިއެވެ. މިގޮތުން، ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމުގައި، ނޯވޭގެ ތަޖްރިބާ، ރާއްޖެއާއެކު ޙިއްޞާކޮށް، މިރޮނގުން ނޯވޭގެ އެހީތެރިކަން ހޯއްދެވުމާ ބެހޭގޮތުން ނޯވޭގެ އާ ސަފީރާ މަޝްވަރާ ކުރެއްވިއެވެ. އަދި ނޯވޭއާއި ރާއްޖެއާ ދެމެދު އިތުރަށް ގުޅުން ބަދަހިކުރެއްވިދާނެ ދާއިރާތަކާ ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މީގެއިތުރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކަށް ޙައްލެއް ހޯއްދެވުމަށާއި، މިކަން ބައިނަލްއަޤްވާމީ ސަމާލުކަމަށް ގެންނެވުމަށް، ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް، ނޯވޭގެ ސަރުކާރުން ވަރަށް ބޮޑަށް ފާހަގަކުރައްވާ ކަމަށާއި، މިކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެ ކަމަށް ނޯވޭގެ ސަފީރު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، އެޑްވައިޒަރ އޮން ޕޮލިޓިކަލް އެފެއާޒް މުޙައްމަދު ޝިހާބް އަދި މިނިސްޓަރ އޮފް ފޮރެން އެފެއާޒް އަޙުމަދު ނަސީމް ބައިވެރިވަޑައިގަތެވެ.